ރައީސް މުޙައްމަދު ނަޝީދު ހުވަދުއަތޮޅު މާމެންދޫ އަދި ވިލިނގިއްޔަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑީމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހުވަދުއަތޮޅު މާމެންދޫއަށާއި ވިލިނގިއްޔަށް މިއަދު ވަޑައިގަންނަވައިފިއެވެ.

މިއަދު އެންމެ ފުރަތަމަ ރައީސް ނަޝީދު ވަޑައިގެންނެވީ ގއ. މާމެންދޫއަށެވެ. މާމެންދޫއިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މާމެންދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވަވާ ރާއްޖޭގައި މިހާރު މަހުގެ އަގު ހުރި ވަރަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ހަމައެކަނި ވެއްޓުނީ ކަނޑުމަހުގެ އަގު ނޫން ކަމަށާއި، ހިކިމަހަށްވެސް އޭގެ ހަމަ އަގާއި ގާތްކުރާ އަގެއް ނުލިބޭކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި ހިކިމަސް ކިލޯއެއްގެ އަގު 80ރ އަށް ވުރެ ކުޑަ ނުވާ ގޮތަކަށް ހިފަހައްޓާދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އެޅޭ އެންމެ ބޮޑު އެއް ހުރަހަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުނުވުން ކަމުގައިވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ބައްދަލުވުމަށްފަހު ރައީސް ނަޝީދު ޙާޒިރުގައި މާމެންދޫގެ އެތަކެއް ރައްޔިތުންނެއްވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. އެއަށްފަހު ރައީސް ނަޝީދު މާމެންދޫގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ.

މާމެންދޫއަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ގއ. ވިލިނގިއްޔަށެވެ. ވިލިނގިލިންވެސް އެމަނިކުފާނަށް ބޮޑުބެރާއެކެ ނުހަނު ބޮޑު ތަރުޙިބަކާއި ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސް ނަޝީދު ވަނީ ވިލިނގިލީގައި އެމްޑީޕީގެ ހަރުގެއެއް ހުޅުއްވަވައިދެއްވާފައެވެ.

މިރޭ ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކާއި އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :