ދިވެހިރާއްޖޭގެ ކައުންސިލްތަކުން ހިންގަމުން ދިޔަ ބާރުވެރިކަން މިއަދު މިދަނީ ގެއްލެމުންކަމަށާއި ރާއްޖޭގެ ކައުންސިލްތައް މެދުވެރިކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާ އަދި ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް ދިނުމުގެ އިންތިޒާމްތައް ފުރިހަމަ ކުރަމުން އައި އައުމަށް މިއަދު ހުރަސް އެޅިފައިވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އަދި ރަށުގެ ރައްޔިތުން ކަންކަމަށް ބޭނުންވާ މިންވާރާއި އެ ރައްޔިތުންގެ އުއްމީދުތައް ހާސިލްކުރުމަށް މަސައްކަތް ކުރުމަށް އޮތް ޖާގަ، އަނެއްކާވެސް ހަނިވަމުންދާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ނައިފަރުގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
“އެނގިވަޑައިގަންނަވާނެ މި ނައިފަރުގައި ހުރި ހޮސްޕިޓާ މިސާލަކަށް، ކުރީގައި ހިންގަމުން ގެންދިޔައީ ހެލްތް ކޯޕަރޭޝންގެ ދަށުން. އޭރުގައި މި ރަށުގެ ހޮސްޕިޓަލުގައި ހަތް ޑޮކްޓަރުން ތިބޭނެ. މިއަދު އެ ހޮސްޕިޓަލުގައި ހުރީ އެންމެ ޑޮކްޓަރެއް. މިއަދު ނައިފަރުގެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ރޯޓާ ޑޮކްޓަރުންގެ ޝެޑިއުލް ފޮނުވަމުން ގެންދަނީ މާލެއަށް. މިއަދު މި ނައިފަރާއި ގުޅޭ ހުރިހާ ކަމެއް، އަނެއްކާވެސް ހިންގަމުން އެ ގެންދަނީ މާލޭގެ މިނިސްޓްރީގައި” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ނިޒާމެއްކަމަށެވެ. އަދި އެމްޑީޕީގެ ޢަމާޒަކީ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ރަށްރަށުގެ ކައުންސިލުން ކުރެވޭނެ ގޮތެއް މެދުވެރިކޮށް އެ ކައުންސިލްތައް އެ މިންވަރަށް ބާރުވެރި ކުރުންކަމުގައެވެ.
އަދި ކައުންސިލުތައް އެމިންވަރަށް މަސައްކަތްކުރުމަށް ޢާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހި ކުރަން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ އަމާޒަކީ ރަށުގެ ތަރައްޤީގެ މަސައްކަތް ކުރުމަށް ރަށު ކައުންސިލަށް މަހެއްގެ މައްޗަށް ފަސް މިލިއަން ރުފިޔާގެ އާމްދަނީ ހޯދޭނެ އެސެޓް އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކަށް ހޯދައިދިނުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
“ނަރުދަމާ އެޅުމާއި، މަގުތައް ހެދުމަށް މިއޮތީ ކޮންމެހެން ބޭނުންވެފައި. ނައިފަރުގެ މަގުތައް އަދި ފާދިއްޕޮޅުގެ އެހެން ރަށްރަށުގެ މަގުތައް، ހިންނަވަރުގެ މަގުތައް ވެސް ހެދުމަށް މިވަނީ ކޮންމެހެން ބޭނުންވެފައި. މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނީ ރަށު ދަރަޖައިގައި އެ މަސައްކަތް ކުރެވޭނެ ޤާބިލްކަން އުފެއްދިގެން. ރަށު ދަރަޖައިގައި އެ މަސައްކަތް ކުރެވޭނޭ ޢާމްދަނީ ނެރެވޭނޭ ގޮތް ގޮތް ހޯދިގެން” ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ އަމާޒަކީ ރަށްތައް ތަރައްޤިކުރުން ކަމަށާއި އަދި ރަށުގެ މުއްސަނަދިކަން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ނައިފަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ނައިފަރާއި މަޑިވަރާ ދެމެދުގެ ބްރިޖް 2015 ވަނަ އަހަރު ނިމުމުގެ ކުރީގައި ނިންމަވާނެކަމުގައެވެ. އަދި ނައިފަރާއި ހިންނަވަރު މަގަކުން ގުޅާލުމުގެ ތަޞައްވަރުވެސް އެމްޑީޕީގެ ސިޔާސަތެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނައިފަރާއި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކާއި ކުރިމަތިވާކަމަށް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ “އަޅުގަނޑުމެންގެ ޢަމާޒަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ގެއަކީ، ޢާއިލާއަކީ ތަރައްޤީގެ އިންޖީނު. ރަށެއް ތަރައްޤީ ކުރުމަށް އަޅުގަނޑުމެން އުފައްދާން މި ޖެހެނީ ޢާއިލާއެއް، ރަށެއް ތަރައްޤީ ކުރުމަށް ހަރުދަނާ ކުރަން މި ޖެހެނީ ގެއެއް” ކަމުގައެވެ. އަދި ނައިފަރުގައިވެސް ގޯތި ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް އަލިއަޅުވައި ރައީސް ނަޝީދު ވިދަޅުވީ މަސްވެރިންގެ އުފެއްދުންތަކަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ޖާގައިގެ ދަތިކަމުގެ މައްސަލއެވެ. “އަޅުގަނޑު ތަންކޮޅެއް ކުރީގައި ނައިފަރުގައި އައިސް ހުންނަ އިރު ފެނޭ، މިރަށުގައި ވަރަށް ގަދައަށް ވަރަށް ގިނަކޮށް މަސް ކައްކާ ތަން. އެހެންނަމަވެސް މިއަދު އެ މަސައްކަތް މިދަނީ ވަރަށް ބޮޑަށް ހީނަރުވަމުން. އެންމެ ބޮޑު އެއް ސަބަބަކީ ޖާގައިގެ ދަތިކަން.” ރައީސް ނަޝީދު ވިދާޅުވިއެވެ. ނައިފަރުގެ މަސްވެރިންނަށް މަސްކެއްކުމަށް ފެލިވަރުގައި ޖާގަ ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ރައްޔިތުންނަށް ވާވައުދުތަކަކީ އެތައް ހާސް ބަޔަކުގެ ވައުދުތަކެއްކަމަށާއި އެއީ ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވާ ވަޢުދުތަކެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. “އެމްޑީޕީގެ ސަރުކާރެއް ހިންގާނީ ރާއްޖޭގެ ހުރިހާ ރައްޔިތުން. މި ނައިފަރުގެ ހުރިހާ ރައްޔިތުން. އޭގާއެއް އެމްޑީޕީގެ މެމްބަރުންނަށް އެކަނި ކަންކަން ވާގޮތަށް ހިންގާ ސަރުކާރެއް ނޫން އަޅުގަނޑުމެން ހިންގާނީ. އަޅުގަނޑުމެން ހިންގާނީ އެންމެ އާއިލާއަކަށް ހުރިހާ ވަޒީފާއެއް އޮންނަ އުސޫލުން ހިންގާ ސަރުކާރެއް ނޫން” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީން ވެރިކަން ކުރާން އެދެނީ ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ ލޯތްބާއި އެކުކަމުގައި ވިދާޅުވިއެވެ. “އަޅުގަނޑުމެން ވެރިކަމެއް އުފައްދާން ވެސް ބޭނުންވަނީ ރައްޔިތުންގެ ރުޙުމާއި، ރައްޔިތުންގެ ލޯތްބާއި އެކުގައި އުފެދޭ ވެރިކަމެއް. ވެރިކަމުގައި ތިބޭންވެސް އަޅުގަނޑުމެން އެދެނީ ރައްޔިތުންގެ ރުހުން އަޅުގަނޑުމެންނަށް ލިބޭހާ ހިނދަކު. އަޅުގަނޑުމެން ވެރިކަމުގައި ކުރާނެ މަސައްކަތަކީވެސް ރައްޔިތުންގެ މަސައްކަތް” ރައީސް ނަޝީދު ވިދާޅުވިއެވެ.