މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށް ޖީއެމްއާރ އިންފްރާސްޓްރަކްޗަރ ލިމިޓެޑް/އެމްއޭއެޗްބީ އާއި ޙަވާލު ކުރުމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަޙްޤީޤްގެ ރިޕޯޓަށް މަރުޙަބާ ކިޔައި އެއަރޕޯޓު އެގްރިމަންޓާއި ގުޅޭގޮތުން މަޖިލިހުގައި ވީއެންމެ އަވަސް ފުރުޞަތެއްގައި ބަހުސްކުރެވި އެމައްސައަށް އަވަސް ޙައްލެއް ގެނައުމަށް ގޮވާލަމެވެ.
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ޖީއެމްއާރއަށް ކުއްޔަށްދީފައިވަނީ ކޮރަޕްޝަން އެކުލެވޭގޮތަށްކަމަށް ބުނެ ހުށައަޅާފައިވާ މައްސަލާގައި ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައިވަނީ “މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް” ކަމުގައެވެ. އަދި އެއަރޕޯޓު އެގްރީމެންޓު އެކުލަވާލުމުގައާއި އެތަން ތަރައްޤީކުރުމަށް އަމިއްލަ ފަރާތެއް ހޯދުމަށް ކުރެވުނު މަސައްކަތަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ދެފުށްފެންނަ އުސޫލުން ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިނގާފައިނުވާ ކަމެއްކަން އޭސީސީގެ ރިޕޯޓުން ހާމަވެއެވެ.
އޭސީސީން ބެލިބެލުމުގައި އެއަރޕޯޓު ތަރައްޤީކުރުމަށް އެކުލަވާލެވިފައިވާ އާރް.އެފް.ޕީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖީއެމްއާރ އިންފްރާސްޓްރަކްޗަރ ލިމިޓެޑް/އެމްއޭއެޗްބީން ބިޑް ކާމިޔާބުކޮށްފައިވަނީ އެންމެ ބޮޑު ކޮންސެޝަންފީއެއް ހުށައަޅައި ބިޑް އިވަލުއޭޝަންގެ ލީގަލް، ޓެކްނިކަލް އަދި ފައިނޭންޝަލް ބިޑުން ޖުމްލަކޮށް އެންމެ އެކަށީގެންވާ ޕްރޮޕޯޒަލް ހުށައަޅާފައިވުމުންކަންވެސް ހާމަވެއެވެ.
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ޕްރައިވެޓައިޒް ކުރަން ނިންމި އިރު 2008، 2009، އަދި 2010 ވަނަ އަހަރުގެ ޙާލަތަށް ބަލައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ހިސާބުތައް ދައްކާގޮތުން އެމްއޭސީއެލްއިން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓ ހިންގައިފިނަމަ ދިވެހި ސަރުކާރަށް ސާފު ފައިދާގެ ގޮތުގައި 25 އަހަރުން ލިބޭނީ ގާތްގަނޑަކަށް 254 މިލިއަން ޔޫ.އެސް.ޑޮލަރު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޖީއެމްއާރ ކޮންސޯރޓިއަމްއާ ޙަވާލުކޮށްގެން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގައިފިނަމަ 25 އަހަރުން 534 މިލިއަން ޑޮލަރު މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީއަށް ލިބޭނެކަމަށް ރިޕޯޓު ބުނެއެވެ. އަދި ދިވެހި ސަރުކާރަށް ބޮޑަށް ފައިދާވާނީ އެއަރޕޯޓު ޕްރައިވެޓައިޒްކުރުމުން ކަމަށްވެސް އެސީސީގެ ރިޕޯޓު ބުނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސިވިލް ކޯޓުން އެއަރޕޯޓު ޑިވެލޮޕްމަންޓު ޗަރޖް ނެގުމާ ބެހޭ ގޮތުން ކުރި ޙުކުމާ ގުޅިގެން ދައުލަތަށް ގެއްލުން ލިބެމުން ދިޔަކަން އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޖީއެމްއާރ ކޮންސޯޓިއަމްއާއި ދިވެހި ސަރުކާރާ ދެމެދުވެފައިވާ އެގްރިމަންޓު ބާޠިލްކޮށްފައިވަނީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި އިންވެސްޓަރުންނަށާއި އަދި ބޭރުގެ ދުނިޔެއާއި ދިވެހިރާއްޖެއާއި ދެމެދުގައިވާ ގުޅުންތަކަށް އެއްވެސް މިންވަރަކަށް ނުބަލައި ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމަށެވެ.
އެއަރޕޯޓުގެ އެގްރިމަންޓުގެ މައްސަލައިގެ އަރބިޓްރޭޝަން މިހާރު ކޯޓުގެ މަރުޙަލާގައިވީނަމަވެސް އެމައްސަލައަކީ ދެފަރާތުގެ މެދުގައ ވާހަކަ ދެކެވިގެން ޙައްލުކުރުން ކޮންމެހެން މުހިއްމު ކަމެއްކަމުގައި ދެކެމެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިމައްސަލައާމެދު ގޮތެއް ނިންމުމަށް އިލްތިމާސްކުރަމެވެ.
“ރައްޔިތުންގެ މައްޗަށް ރައްޔިތުންގެ އެންމެ އަގުހުރި ޙައްޤުކަމަށްވާ ވޯޓުގެ ޙައްޤު ނިގުޅައިގަނެ ބަޣާވާތުން ވެރިކަމާ ޙަވާލުވެ، ރައްޔިތުން އިންތިޚާބުކުރި ވެރިންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމުގެ ސިޔާސީ ބޭނުމުގައި ދިވެހިންނަށް ޢަމަލުގެ ސަބަބުން ބިލިއަނުން ލިބޭނެ ޑޮލަރުގެ ގެއްލުމަށް ބަލައިލުމެއްނެތި، އަދި އަވަށްޓެރި އިންޑިޔާ އާއި އޮތް ގާތް ގުޅުމާއި މިޢަމަލުގެ ސަބަބުން ރާއްޖޭގައި އިންވެސްޓުކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކުރާނެ އަސަރަށް ބެލުމެއްނެތި، ‘ދިވެހިންގެ އެއަރޕޯޓު ދިވެހިންނަށް’ ކަމަށް ބުނެ، ޖީއެމްއާރާއި ސަރުކާރާއި ދެމެދު ކުރެވިފައިވާ ކޮންޓްރެކްޓް ރޫޅާލައި، ޤައުމާއި ދީނުގެ ނަމުގައި ދިވެހިންނާއި މެދު ހިންގި ބޮޑު ޖަރީމާ ރައީސް ނަޝީދު ކުށްވެރި ކުރައްވާ. އަދި ބޯހަރުނުވެ އެފަރާތްތަކާއި ވާހަކަ ދައްކައިގެން މިކަންތައް ޙައްލުކުރުމަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވާ”، ރައީސް މުޙައްމަދު ނަޝީދުގެ ތަރުޖަމާން ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.