ޖީ.އެމް.އާރް ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން ބަދަލުގެ ގޮތުގައި އެކުންފުނިން ނަގައިދިނުމަށް ބަޢިނަލް އަޤުވާމީ ކޯޓުތަކުގައި އެދިފައިވާ 1.4 ބިލިއަން ޑޮލަރު ދައްކަން ޖެހުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އުފެއްދުންތެރި ކަމުގެ ބޮޑު ޕަސަންޓޭޖެއް ގެއްލިގެންދާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުޙައްމަދް ނަޝީދު ވިދާޅުވެއްޖެއެވެ. ކޮޅުމަޑުލު ތިމަރަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގުމުގެ ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން ޖީ.އެމް.އާރް އިން ބަދަލުގައި ނަގައިދިނުމަށް އެދިފައިވާ އަދަދަކީ ދިވެހި ދަޢުލަތުގެ އެއް އަހަރު ދުވަހުގެ ބަޖެޓަށް ވުރެވެސް ބޮޑު އަދަދެއް ކަމަށާއި، މި ބަދަލު ދިވެހީން ނަގާނީ ކޮންތަނަކުންތޯއާމެދު ސުވާލު އުފެއްދެވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން “މިއަދުވެސް އަޅުގަނޑު ފެންނަ ފެނުމުގައި ރައްޔިތުންގެ މަޖިލިހުގެ އެންމެ މުހިއްމު އެއް ވާޖިބް އެއީ އެ ކޮންޓްރެކްޓް އަލުން އަނބުރާ އިޔާދަކުރުމަށް އެކަމާ އެކުންފުންޏާއި އެކީގައި މަޝްވަރާ ކުރެވޭނޭ ގޮތެއް ހޯދާ އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުރިމަތިވާން މި އުޅޭ ބޮޑު މުސީބާތުން މި ރާއްޖެ ސަލާމަތް ކުރުން” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި، އެބޭފުޅާ ރާއްޖޭގެ ރައްޔިތުންގެ ގާތުންގެ ގާތުން އޮޅުންފިލުވަން ބޭނުންފުޅުވެ ލައްވަނީ ޖީ.އެމް.އާރް އަށް އެބަދަލު ދިނުމަށްތޯ ނުވަތަ ބޭނުންވަނީ އަވަސް ހަލުވި ސްޕީޑުގައި އެއަރޕޯޓެއް ތަރައްޤީ ކުރަންތޯ ސުވާލު އުފެއްދެވިއެވެ. މިވާހަކަ ފުޅުގައި ޖީ.އެމް.އާރާއި އެކީގައި ކުރެވިފައި އޮތް ކޮންޓްރެކްޓަކީ ސައްޙަ ކޮންޓްރެކްޓެއް ކަމަށާއި، އެ ކޮންޓްރެކްޓަކު ކޮރަޕްޝަނެއް ނުހިމެނޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އެ ކޮންޓްރެކްޓކީ ބައިނަލްއަޤްވާމީ އެންމެހައި ފަރާތްތައް ބަލަހައްޓަމުން ގެންދިޔަ ކޮންޓްރެކްޓެއް ކަމަށާއި، އެއީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ ގޮތުގައި ހެދިފައިވާ ކޮންޓްރެކްޓެއް ކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި ދާދި އަވަހަށް މި ކޮންޓްރެކްޓް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އިޔާދަ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ވާހަކަ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ކޮޅުމަޑިލު ތިމަރަފުށީގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެމްޑީޕީން ނިކުމެތިބީ ހަމައެކަނި އިންތިޚާބެއް ކާމިޔާބު ކުރާކަށެއް ނޫންކަމަށާއި އެމްޑީޕީގެ އަމާޒަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް މަގުފަހި ވާނޭ ސަރުކާރެއް އުފެއްދުމަށްޓަކައި ކާމިޔާބު ވާންޖެހޭ ފަދަ އިންތިޚާބެއް ކާމިޔާބު ކުރުމަށް ކަމަށެވެ.