ތަރައްޤީއަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ބައެއް ސިޔާސީ ވެރިން ހަމައެކަނި ވެރިކަމަށްޓަކައި ސިޔާސީ ޙަރަކާތް ހިންގެވުންކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

މިއަދު ދިމާވެފައިވާ އެންމެ ބޮޑު މަސްއަލައަކީ ހަމައެކަނި ވެރިކަމަށްޓަކައި ބައެއް ވެރިން ސިޔާސީ ޙަރަކާތް ހިންގަވަމުން ގެންދެވުމުގެ ސަބަބުން ތަރައްޤީއަށްޓަކައި ހިންގޭ ޙަރަކާތެއް ނެތުންކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރިޔާސީ ކެންޕެއިންގެ ދަތުރުފުޅުގައި 25 ޖޫންވީ އަންގާރަ ދުވަހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށު މާދަޑު އަވަށު ބޯޅަދަނޑުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ނުހަނު ފޮނި އުންމީދުތަކަކާއެކު 2008 ވަނައަހަރު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީގެ ދަށުން ޤާއިމުކުރެވުނު ދިވެހި ރައްޔިތުންގެ ވެރިކަންވަނީ ނާޖާއިޒު އަދި ނަހަލާލުގޮތުގައި ބަޣާވާތަކުން ބަދަލުކޮށްފައިކަމަށާއި، އެކަމުގެ ސަބަބުން ގެއްލި، ވެއްޓިގެން އެދިޔައީ ދިވެހި ރައްޔިތުން އުފެއްދި އެރައްޔިތުންގެ ވެރިކަންކަމަށެވެ.

މިމަގުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ “އަޅުގަނޑުމެން ކަންބޮޑުވަނީ އަޅުގަނޑުމެން އަބަދުވެސް އަޑު އުފުލަނީ އަލުން އަނބުރާ ރައްޔިތުންގެ ވެރިކަމެއް އުފެއްދުމަށް”ކަމަށާއި، އިންތިޚާބާ ގުޅުވައިގެން ވަކިވަކި ވެރިންގެ ވާހަކަތައް ފާހަގަކުރެވެމުންދާއިރު، “މިއިންތިޚާބުގައި ރައްޔިތުން ހޯދަމުން މިއަންނަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީވެދޭނޭ އެންމެ ރަގަޅު ސިޔާސަތުތައް”ކަމަށެވެ. އަދި އެފަދަ ސިޔާސަތުތަކަކައިގެން ނުކުމެ އޮތް ހަމައެކަނި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީކަމަށެވެ.

އަދި ތަރައްޤީގެ ނަމުގައި ބިނާތައް އެޅެމުން އަންނަތާ ޒަމާންތަކެއްވެފައިވާކަމަށާއި އެހެންކަމުން “އަޅުގަނޑުމެންގެ ރައްޔިތުންނަށް އެހެންވީމާ ތަރައްޤީ ސިފަވެފައިވެސް އޮތީ ބިނާއެއްގެ ގޮތުގައި”ކަމަށާއި “އަބަދުވެސް އަމާޒުކުރަންވީ މަސައްކަތެއް ކުރަން، ކަމެއް ކުރަން، ތަނެއް އަޅާކަށެއް ނޫން” ކަން ހާމަކުރައްވަމުން މާދަޑު އަވަށު ބޯޅަދަނޑުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ފުވައްމުލަކަށް ބޭނުންވަނީ ވަޒީފާގެ ފުރުސަތާއި، މަސައްކަތްކަމަށާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ވިސްނުމަކީ ވަޒީފާގެ ފުރުސަތު އިތުރުކޮށް، ދަރީންނަށް ރަގަޅު ތަޢުލީމެއް ދެވޭނެ ގޮތް ހޯދައިދީ، ބަލިވީމާ ބޭސް ފަރުވާ ލިބޭނޭ ގޮތެއް ހޯދައިދީ، ބޯހިޔާވަހިކަމެއް ހޯދައިދިނުންކަމަށެވެ.
އެމްޑީޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުވައްމުލަކުގައި ޓުވަރިޒަމާއި ގުޅިގެންކުރެވެން ހުރި ވިޔަފާރި ތަޢާރަފުކޮށް ތަރައްޤީކުރައްވާން ފައްޓަވާނެކަމަށާއި، މިމަގުން މުޅި ރާއްޖޭގައިވެސް ކުރެވޭ މަސައްކަތުން މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކޮށް ރާއްޖޭގެ ޓުއަރިސްޓް އެނދުގެ ޢަދަދު 50000 އިތުރުކުރުމުގެ އަމާޒުއާކުރައްވަމުން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި މަތީ ތަޢުލީމު އުނގެނުމަށްދާ ދަރިވަރުންގެ ނިސްބަތް 40 އިންސައްތައަށް އިތުރުކުރައްވާނެކަމަށާއި، “އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ދިވެހި ރައްޔިތަކީވެސް ތިމަންނާއަކީ ތިމަންނަގެ ޙަލާލު މަސައްކަތުން، މަސައްކަތްކޮށްގެން ތިމަންނާގެ ދަރިން ބަލަހައްޓާ މީހެކޭ ބުނެވޭނެ ފަޚުރުވެރި ދިވެހި މީހާ އުފެއްދުން”ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :