މިހާރު ކޮމިޝަނަރ އޮފް ޕޮލިސްކަމުގައި ހުންނެވި ޢަބްދުﷲ ރިޔާޒަކީ ބާޣީއެއްކަމަށާއި، އިންތިޚާބު ޚަރާބުކުރެއްވުމަށް އޭނާ ފުލުހުންގެ ތެރެއިން ބަޔަކު އެބަގެންގުޅުއްވާކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

މިހާރު ކޮމިޝަނަރ އޮފް ޕޮލިސްކަމުގައި ހުންނެވި ޢަބްދުﷲ ރިޔާޒަކީ ބާޣީއެއްކަމަށާއި، އިންތިޚާބު ޚަރާބުކުރެއްވުމަށް އޭނާ ފުލުހުންގެ ތެރެއިން ބަޔަކު އެބަގެންގުޅުއްވާކަމަށް ގަލޮޅުކަންމަތީ މާހެފުމުގެ ބައްދަލުވުމުގައި ރައްޔިތުންނާ ބައްދަލުކުރައްވާ މޯލްޑީވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު އިތުރަށް ވިދާޅުވީ ޢަބްދުﷲ ރިޔާޒު ގެންދަވަނީ “މިދެންނެވި ފުލުހުންނާ އެކީގައި މަޝްވަރާތައް ކުރާ”ކަމަށާއި، “އެބޭފުޅާ އެމަޝްވަރާކުރައްވާ ބައެއް ފުލުހުންގެ ތެރޭގައި އަޅުގަނޑުމެންގެ ކުދިންވެސް އެބަތިބި”ކަމުން އެމަޝްވަރާތަކުގެ އަޑު އިވިވަޑައިންނަވާކަމަށެވެ.

އެހެންނަމަވެސް ޖުމްލަގޮތެއްގައި ފުލުސް އޮފީހުގައްޔާއި ސިފައިންގޭގައި ގިނައިން ތިއްބެވީ މިއިންތިޚާބު އެއްގޮތަކަށްވެސް ޚަރާބުކުރިޔަ ނުދިނުމަށް ތިއްބެވި ބޭފުޅުންކަމާއި ވޯޓުލާ ދުވަހު ކަންބޮޑުވާންޖެހޭ ދެދަނޑިވަޅެއް އައުން އެކަށީގެންވާކަން ފާހަގަކުރައްވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ވޯޓު ފޮށިތަކުގެ ދޮށަށް ޢަބްދުﷲ ރިޔާޒު ގެންގުޅުއްވާ ފުލުހުންގެ ދެތިން ކުއްޖަކު ގޮސް އެތަނުގައި ހައިޖާނު އުފެއްދުމަށްފަހު އެތަނުގެ މަސްލަޙަތު ގެއްލުނީކަމަށް ބަލައި، ފުލުހުން ވޯޓު ފޮށިހުންނަ ސަރަޙައްދަށް ގޮސް ވޯޓުލުން ހުއްޓުވައި، ވޯޓުގައި ވަގުޖަހަން މަސައްކަތްކުރުމަކީ އެއްގޮތްކަމަށާއި، އަނެއްގޮތަކީ ވޯޓު ގުނާވަގުތުގައިވެސް އެމަގުން ކަންގެންގޮސް، ވޯޓުގުނުން ހުއްޓުވާލައި، ވޯޓުގައި ވަގުޖެހޭނެގޮތް ހެދުންކަމަށެވެ.

“މިކަމަށް އަޅުގަނޑުމެންނަށް ހަދަންޖެހޭ ބޭހަކީ ވޯޓުފޮއްޓެއް ކައިރިއަށް ފުލުހުން އަންނާނީ އިލެކްޝަންސް ކޮމިޝަން ވިދާޅުވީމާ” ކަމަށް ހަމަޖެއްސުންކަމަށާއި، ވޯޓުފޮށީގެ ކައިރިއަށް ފުލުހުން ގެންނާނެތޯ ނިންމާނީ އެވޯޓުފޮއްޓެއްގެ ކައިރިންކަމަށާއި، އެއީ ފުލުހުން އަމިއްލައަށް ނިންމާނެ ނިންމުމެއްކަމުގައި ހަމަޖެހިއޮވެގެން ނުވާނެކަން ހާމަކުރައްވަމުން އަލިކިލެގެފާނު ދެކުނުގައި ބޭއްވި ބައްދަލުވުމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ “ވޯޓުލާ ސަރަޙައްދުގެ ތެރެއަށް ފުލުހުންނަކަށްވެސް ނުވަދެވޭނެ”ކަމަށާއި “ވޯޓުލާ ސަރަޙައްދުގެ ތެރެއަށް ވަދެވޭނީ ހަމައެކަނި ވޯޓުދޭން ދާއިރުގައި ވޯޓުދޭމީހާއި، ދެން އަދި އެކަމާގުޅޭ އޮފިޝަލުން”ކަމަށެވެ.

“އަޅުގަނޑު އެދެން މިގަލޮޅުގެ ކޮންމެ ގެއެއްގައި ވޯޓުލުމާބެހޭ ޤާނޫނު ތިބޭފުޅުން ހޯއްދަވައިގެން، އެއެއްޗެއް ރަނގަޅަށް އޮޅުންފިލައިގެން، އޭގައި އޮތް އެއްޗެއް ރަނގަޅަށް ސާފުކޮށްގެން، އަނބިދަރިންނަށްވެސް ގޭދޮށު މީހުންނަށްވެސް އެމަޢުލޫމާތު ދެއްވަން” ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :