ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ހދ. ނޭކުރެންދޫއަށެވެ. ނޭކުރެންދޫގައި އެމްޑީޕީގެ ކެމްޕޭން ޓީމާ ބައްދަލުކުރައްވާއި އެރަށުގައި ކެމްޕޭން ހަރަކާތްތައް ހިނގަމުންދާގޮތް ބައްލަވާލައްވާނެއެވެ.
އެއަށްފަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ ވައިކަރަދޫއަށެވެ. ވައިކަރަދޫގައިވެސް ރައްޔިތުންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާ ބައްދަލުކުރައްވާނެއެވެ. ވައިކަރަދޫއަށްދަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ މަކުނުދޫއަށެވެ. އަދި މަކުނުދޫގައު ރޯދަ ވީއްލެވުމާއެކު މިރޭ މަކުނުދޫގައި އެމްޑީޕީގެ އެއްބުރުން ޖަލްސާގައިވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މަކުނުދޫއަށްފަހު މާދަމާ މެންދުރު ރައީސް ނަޝީދު ކުމުންދޫއަށް ވަޑައިގަންނަވާނެއެވެ. އަދި ކުރިނބީއަށާއި ނޮޅިވަރަމަށް މެންދުރުފަހު ވަޑައިގަންނަވާނެއެވެ. އެއަށްފަހު ނޮޅިވަރަންފަރުގައި ބޭއްވޭ ރޯދަވީއްލުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮންމެރަށެއްގައިވެސް އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާއި ބައްދަލުކުރައްވާނެއެވެ އަދި ރައްޔިތުންނާއި މުޚާތަބު ކުރައްވާ ކަންމަތީ ބައްދަލުވުން އޮންނާނެއެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާރޭ މާލެ ވަޑައިގަންނަވާނެއެވެ.