ފުލުހުންނާއި ސިފައިންގެ މަދަދުވެރިކަމާއިނުލާ ދިވެހިރާއްޖެއަށް ތަރައްޤީ ހޯދެން ނޯންނާނެކަމަށް މޯލްޑީވިއަން ޑެމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓުތައް އެދާއިރާތަކުގެ ކެމްޕޭން ކޯޑިނޭޓަރުންނާއި ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ “އަޅުގަނޑުމެން ފުލުހުންނާ ދިމާލަށް ބާޣީއިންނޭ ކިޔަނީ”ކަމަށް އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ވިދާޅުވިނަމަވެސް ދަންނަވަމުން މިގެންދަވަނީ ޢަބްދުﷲ ރިޔާޒަކީ ބާޣީއެއްކަމަށްކަމަށާއި، ޢަބްދުﷲ ރިޔާޒާއި ދިމާލަށް ބާޣީއޭ ވިދާޅުވެގެން ޚުދު އޭނާ “އަޅުގަނޑު” ގޮވައިގެން ކޯޓަށް ވަޑައިގަތުމުން މިހާރު އޭނާއަކީ ހަމަ ރަނގަޅު ބާޣީއެއްކަމަށް ކޯޓަށް ޝައްކެއްނެތްވަރަށް ސާފުކޮށްދެވެމުންދާކަމަށް ދެކެވަޑައިންނަވާކަމަށެވެ.
އަދި ފުލުހުންގެ ތެރޭގައި ބަޣާވާތުގައި ބައިވެރިވެފައި ތިބި މަދު މީސްކޮޅެއްނަމަވެސް ތިބިއިރު، އެމުއައްސަސާ އިސްލާޙުކުރުމަށްޓަކައި އެމީހުންނާމެދު ރަނގަޅު ފިޔަވަޅު އަޅުއްވާނެކަން ފާހަގަކުރައްވަމުން “ޙަޤީޤަތުގައި މިކަން ހިންގަވައިގެން އުޅުއްވަނީ، މިކުދިން ހަލާކުކުރައްވައިގެން އުޅުއްވަނީ ބާޣީ ޑރ. ވަޙީދު”ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ދަރުބާރުގޭގައި ވާހަކަފުޅުދައްކަވަމުން އިތުރަށް ވިދާޅުވެފައިވަނީ މިހާރު ލީކުވެގެން އުޅޭ “އެމްޑީޕީގެ” ފުލުހުންނާއި، ސިފައިންގެ ސިޔާސަތުކަމަށް ބުނާ ސިޔާސަތާއި، އެމްޑީޕީއިން އެދެދާއިރާއަށް އެކުލަވާލައިފައިވާ ސިޔާސަތާއިދެމެދު ހާސްގުނައިގެ ތަފާތު ހުންނާނެކަން ޔަޤީންކޮށްދެއްވާކަމަށެވެ.
އަދި ސިފައިންނާއި، ފުލުހުންގެ މުއައްސަސާއާމެދު ޒާތީކަމެއް ނުވަތަ ހިތްބުރަކަމެއް ނެތްކަމާއި، މިހާރުވެސް ފުލުހުންނާއި، ސިފައިންގެ ތެރޭގައި ސިއްރު ވަކިވޯޓެއް ނަގައިފިނަމަ ތާޢީދު އޮންނާނީ އެމްޑީޕީއަށްކަން ހާމަވެގެންދާނެކަން ޔަޤީންކޮށްދެއްވަމުން ރައީސް ނަޝިދު ވިދާޅުވެފައިވަނީ އެމްޑީޕީގެ އަމާޒަކީ ފުލުހުންނަކީ ރައްޔިތުންނާ ރަޙްމަތްތެރި، ގާތްގޮތެއްގައި ޢިޖުތިމާޢީގޮތުންވެސް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދޭ، އިޙްތިރާމް ލިބިގެންވާ ބަޔަކަށް ހެދުންކަމަށެވެ.