އާސަންދައަކީ ދިވެހިރާއްޖޭގައި ފަގީރުކަމާއި ނިކަމެތިކަން ނައްތާލުމުގެ ނިޒާމްގެ ނާރެސް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން 1 އޮގަސްޓު 2012ގައި އަރޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަގީރުކަން ނައްތާލުމަށާއި ނިކަމެތިންނަށް އެހީވެދިނުމަށްޓަކައި އެމަނިކްފާނުގެ ވެރިކަމުގައި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ތަޢާރަފު ކުރެވުނުކަމުގައެވެ. އަދި މިނިޒާމުގެ ނާރެހަކީ އާސަންދަ ޕްރޮގްރާމްކަމުގައެވެ.

އާސަންދައިގެ އަމާޒަކަށްވީ ދުނިޔޭގެ އެހެންވެސް ގައުމުތަކެކޭ އެއްފަދައިން މީހަކު ބަލިވީމާ އެބައްޔަށް ފަރުވާއެއް ހޯދުމަށް އޭނާގެ ޖީބުގެ ތަނަވަސްކަން ނުވަތަ އޭނާ އަތުގައި ހުރި ފައިސާގެ އަދަދު އެއީ ޝިފާއެއް އަދި ފަރުވާއެއް ހޯދުމުގައި އުޛުރަކަށް ވެގެން ނުވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ދިވެހި ރައްޔިތެއްކަމަށް ވަނީނަމަ އެރައްޔިތަކަށް ބޭސްފަރުވާ ލިބެން ޖެހޭނެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ވެރިކަމުގައި ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލާނެ ކަމަށް ވައުދުވިން. އަޅުގަނޑުމެން ވާނީ އެކަން ކޮށްފައި. އަޅުގަނޑުމެންވާނީ ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ހޯދައިދީފަ.” ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

“ރާއްޖޭގައި ހުރި އެކަށީގެންނުވާ ބޭސްފަރުވާއަށްވެސް ރައްޔިތުން އަތެއް ނުފޯރާ. ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ނެތުމުގެ ސަބަބުން..ސިއްހީ ހިދުމަތް ލިބެން ހުރި ތަންތަނުންވެސް ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ލިބޭގޮތް އޮތީ ނުވެފައި. (އެމަނިކުފާނުގެ ވެރިކަމުގައި) އެންމެ ބޮޑަށް ސާފުވެގެން ދިޔައީ ރާއްޖޭގެ ރަށްރަށުގައި އެންމެ އާދައިގެ ކަންކަންވެސް ކުރެވެން ނެތްކަން” ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރު ދަށްކަމަށް އަލިއަޅުވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކުރިން ދެވެމުންއައި ޚިދުމަތުގެ ކަންކަން ރަގަޅު ކުރުމަށް މަރުކަޒީ ނިޒާމް ބަދަލުކޮށް ލާމަރުކަޒީ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޑީ.ޕީގެ ސަރުކާރުން 7 ހެލްތް ކޯޕަރޭޝަން އުފެއްދެވިކަމަށާއި މިކޯޕަރޭޝަންތައް އުފެއްދުމުގެ މައިގަނޑު މަގްޞަދަކީ ކުރިން މައިސަރުކާރުން ހިންގަމުން ދިޔަ ހެލްތް ޕޯސްޓްތަކާއި، ކްލިނިކްތަކާއި، އަދި ހޮސްޕިޓާތައް ހިންގުން ކަމުގައިވެސް ވިދާޅުވިއެވެ. އަދި އާއިލާއިން ދުރުގައި ރިސޯޓުތަކުގައާއި މަސްވެރިކަމުގައި މަސައްކަތް ކުރާ އެތައް ބަޔެއްގެ އާއިލާތަކާ އަޅާލެވޭނެ ހަރުދަނާ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް އޮތޮމުގެ މުހިއްމުކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

އާސަންދަ ޕްރޮގްރާމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ނެތްކަމަށް ބާޣީ ސަރުކާރުން ބުނާއިރު އެފައިސާ ބެޖެޓުގައި ހިމެނިފައިވާ ގޮތް ރައީސް ނަޝީދު ތަފްޞީލުކޮށްދެއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އަލަށް ތަޢރަފް ކުރެވުނު އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ތެރެއިން އާސަންދައަށް ދައުލަތުގެ ބަޖެޓުގައި 720 މިލިޔަން ރުފިޔާ ކަނޑައެޅިފައިވާނެ ކަމަށާއި 900 މިލިޔަން ޚަރަދުވާނެކަމަށް ލަފާކުރެވުނު ކަމަށް ވިދާޅުވިއެވެ. އަދި އާސަންދަ އެކުލަވާލުމާއެކު ސަރުކާރުގެ ހޮސްޕިޓާތަކުގެ ޚިދުމަތުގެ އަގުތައް މަތިކުރެވުނު ކަމަށާއި، މީގެކުރިން ޚިދުމަތްތައް ފޯރުކޮށްދެމުން އައީ އަހަރަކުގެ 300 މިލިޔަން ރުފިޔާގެ ސަބްސިޑީ ހޮސްޕިޓާތަކަށް ދީގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޚިދުމަތުގެ އަގުބޮޑުކުރުމުން ސަރުކާރުން ކުރިން ދެމުން އައި ސަބްސިޑީ ދޭން ނުޖެހި އެފައިސާ ޚަރަދު ކުރުމަށް ރާވާފައިވަނީ ރައްޔިތުންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދެންނެވުނު އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް އެކުލަވާލައި އެހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މުޅި އިގްތިޞާދީ އަދި މާލީ ނިޒާމަށް ބަދަލު ގެންނާން ފެއްޓެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނުސީދާ ގޮތުގައި ނެގެމުން އައި ޓެކްސްގެ ނިޒާމް ބަދަލުކޮށް ސީދާ ޓެކްސްގެ ނިޒާމް ތަޢާރަފް ކޮށް، އާމްދަނީގެ ގޮތުގައި 30000 ރުފިޔާއިން މައްޗަށް ލިބޭ މީހުންގެ އާމްދަނީންނާއި، ބޮޑެތި ވިޔަފާރިވެރިންގެ އަތުން ޓެކްސް ނަގާ ނިޒާމް ތަޢާރަފް ކުރެއްވިކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އާސަންދައަށް ބަޖެޓު ކުރެވުނު ފައިސާ ޚަރަދުކުރެވުނީ ކޮންކޮން ކަންތަކަށްކަމާމެދު ރައީސް ނަޝީދު ސުވާލު ކުރެއްވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބަޖެޓު ކުރެވިފައިނުވާ ކަންކަން ބަޣީ ސަރުކާރުން ކުރަމުން އަންނަކަމުގައެވެ. މިގޮތުން ބަޣާވާތް ކުރުމުގެ ތެރޭގައި ލިބުނު އުމްރާނީ ގެއްލުންތަކަށް އެކަނިވެސް 300 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށެވެ. ޓިޔަރ ގޭހަށާއި، ގޮނޑި މޭޒު ފަދަ ތަކެއްޗާއި އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގެ އިތުރުން ބަޣާވާތާ ގުޅިގެން ފުލުހުންނަށާއި އަދި ސިފައިންނަށް އެލަވަންސް “300 މިލޔަން ރުފިޔާ ބަހާން ޖެހުނީ” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފުލުހުންނާއި ސިފައިންގެ ވަޒީފާއަށް އިތުރު މީހުން ވައްދައި މިކަމަށް 228 މިލޔަން ރުފިޔާ ޚަރަދުވެއްޖެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާއިރު، މިއީ ބަޖެޓު ކުރެވިފައިނުވާ އިތުރު 63 މިލޔަން ރުފިޔާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ބަޖެޓު ކުރެވިފައިނުވާ 2 މިނިސްޓްރީ އަށް 22 މިލިޔަން ރުފިޔާ ޚަރަދު ކުރެވިގެން ހިގައްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމަމިއާއެކު ޚަރަދު ބޮޑުވެ ބަޖެޓު ނުކުރެވޭ ކަމެއްގެ ގޮތުގައި ސަރުކާރުގެ ވެރިން ދަތުރުކުރާއިރު އެތަކެއް ސިފައިންނާއި ފުލުހުން ގެންދިޔުން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ހަމަ މިއާއެކު ސިވިލް ސަރަވިސް މުވައްޒަފުންގެ މުސާރަ އަލުން އިއާދަ ކުރުމަށް 428 މިލިޔަން ރުފިޔާ ޚާރަދުކުރާނެކަމަށް ވިދާޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޚާރަދު ކުރެވުނު ކަންކަން އިތުރު ކުރެވުނުއިރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުރި ކަންކަމުގެ ތެރެއިން އިންކަމް ޓެކްސް (އާންމު ފަރުދުން ތެރެއިން 30000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންގެ ނެގޭ ޓެކްސް)، ބިލް ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ބިލްތައް ތަސްދީގު ނުކޮށް އަބުރާ ފޮނުވާލާފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ރިސޯޓުތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ރިސޯޓުތަކުގެ ކުލި ގަނޑުކޮށް ދިނުމަށް ރިސޯޓުތަކުގެ ވެރިން އެއްބަސްވެފައިވާ ފައިސާ ކުރިން އޮތްގޮތަށް ބަދަލުކުރުމުގެ ސަބަބުން ދައުލަތައް އާމްދަނީގެ ގޮތުގައި ލިބެން އޮތް 123 މިލިޔަން ރުފިޔާ ގެއްލުނީކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އާސަންދަ ޕްރޮގްރާމަކީ ބައިނަލް އަގްވާމީ އެތައް މާހިރުންގެ ލަފަޔާއެކީ އެކުލަވާލެވުނު ޕްރޮގްރާމެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކުރެވެންޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ 98 ޕަސެންޓު ހިއްސާކުރަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ 2 ޕަސެންޓު މީހުންކަމާއި އަދި ރާއްޖޭގެ މުއްސަނދިކަމުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އަބަދުވެސް އަމާޒަކީ ދިވެހިރައްޔިތުންގެ މެދުގައި އިޖްތިމާއީ އަދާލަތު ގާއިމު ކޮށްދިނުން. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގެނެސްދިނުމާއި ހަމަހަމަ ކަމުގެ ތެރޭގައި މުއްސަނދިކަމާ ފައިސާގެ ފުރުސަތުތައްވެސް ރާއްޖޭގެ އެންމެ ރައްޔިތުން ހުޅުވާލެވިގެންދިޔުން” ކަމުގައި ރައީސް ނަޝީދުގެ ރޭގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :