މަޝްރޫޢުތަކާއި، ތަރައްޤީގެ ޙަރަކާތްތައް ހުއްޓިފައި މިހިރީ ބަޖެޓު ނެތިގެން ނޫންކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

މަޝްރޫޢުތަކާއި، ތަރައްޤީގެ ޙަރަކާތްތައް ހުއްޓިފައި މިހިރީ ބަޖެޓު ނެތިގެން ނޫންކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މުލަކު އަތޮޅު ކޮޅުފުއްޓަށް ކުރެއްވި ކެންޕެއިން ޒިޔާރަތެއްގައި އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ 2011 ވަނައަހަރަށްވުރެން 2012 ވަނައަހަރުގެ ބަޖެޓު ބޮޑުއިރު، 2013 ވަނައަހަރުގެ ބަޖެޓު އެއަށްވުރެންވެސް ބޮޑުކަމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ބަޖެޓުގައި ފައިސާ އެކަށައަޅާފައިހުރިއިރު އެކަންކަން ނުހިނގާ މަޑުޖެހިފައި، ހުއްޓިފައި އޮންނާންވީ ސަބަބެއް ނެތްކަމަށެވެ.

އެހެނެއްކަމަކު މުޅި ރާއްޖޭގެވެސް އެންމެހައި ކަމެއްމެ ހުއްޓިފައި މިވަނީ “އިއްތިޙާދެއްވެގެން ސަރުކާރެއް ހިންގާން އުޅުމުން”ކަމަށާއި، ވަޒީރުންގެ މަޖިލިސް ސައުދާގަރުންގެ މެދުގައި ބަހާލައިގެން، “ތިމަންނާއަށް ހަތަރު ރިޒޯޓާއި، ތިން ވަޒީރުކަމާއި، ދެފަނޑިޔާރުގެޔާއި، ގުދަނަކާއި” ދީގެން ވެރިކަން ހިންގުމުގެ ބާރު ފޮތިފޮތިކޮށްލައިގެން ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ސާބިތު އެއް އަމާޒަށް މިސްރާބުޖެހެން ނޯންނާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން 29 ޖުލައިވީ ހޯމަ ދުވަހު ރައީސް ނަޝީދުވަނީ ރާއްޖޭގެ ވެރިކަން ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނުލެވޭނެކަމަށާއި، މިރާއްޖޭގެ ވެރިކަމަކީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ރައްޔިތުން އުފައްދާ، ރައްޔިތުންނަށްޓަކައި ދެމިއޮންނާންޖެހޭ ވެރިކަމެއްކަމަށް ވިދާޅުވަމުން އިއްތިޙާދުވެގެން ކުރިއަށްގެންދާ ވެރިކަމެއް ބޭނުންނަމަ އެކަމަށް ޖާގަދޭ ބަރުލަމާނީ ނިޒާމެއްގެ ވެރިކަމަކަށް ދިވެހި ވެރިކަން ފުރޮޅެންޖެހޭކަމަށްވެސް ހާމަކުރެއްވިއެވެ.

“މިއަދު މިއޮތީ ރިޔާސީ ނިޒާމެއް. އެހެންވީމާ ތިޔަ ބޭފުޅުންގެ ތަރައްޤީ ތިޔަބޭފުޅުން ބޭނުންވެލައްވާނަމަ މިރިޔާސީ ނިޒާމުގައި އެއްފަރާތަކަށް ތިޔަބޭފުޅުން ތާޢީދު އެބަ ދެއްވާންޖެހޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :