“އަޅުގަނޑުމެންނާ އެއްވެސް ސިޔާސީ ޕާޓީއަކަށް ވާދަކޮށްނުލެވިގެން އެދަނީ އަޅުގަނޑުމެންގެ ސްޕީޑަށްޓަކައި” – ރައީސް ނަޝީދު

“އަޅުގަނޑުމެންނާ އެއްވެސް ސިޔާސީ ޕާޓީއަކަށް ވާދަކޮށްނުލެވިގެން އެދަނީ އަޅުގަނޑުމެންގެ ސްޕީޑަށްޓަކައި”ކަމަށާއި، ބައިފިޔަވަޅުގައި، މަޑުޖެހި، ފަހަތަށްޖެހި، ހުއްޓި ތިބެވެން ނެތްކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭގައި ޤާއިމުކުރެވުނު އދ، އއ އަދި ވ އަތޮޅުގެ ޖަގަހަ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދާ، ސުލްޙަވެރި ސިޔާސީ ޙަރަކާތާއި، އެއްވެއުޅުމާއި، ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަންވެސް ގެނެސްދީފައި އެވަނީ އެމްޑީޕީގެ މަސައްކަތުންކަމަށާއި، ދިވެހި ރައްޔިތުން މިއަދު ނުކުމެ އެތިބީ މިމަސައްކަތް ކަށަވަރުކޮށް، ދިވެހިރާއްޖޭގައި ޑެމޮކްރަސީ އަށަގެންނެވުމަށްޓަކައިކަމުން މިއިންތިޚާބު އެމްޑީޕީއިން ކާމިޔާބުކުރާނީ މާތް ޢަމުރާއި އިރާދަފުޅުން އެއްބުރުންކަމަށެވެ.

އަދި އދ، އއ އަދި ވ އަތޮޅަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ޓުވަރިސްޓް ރިޒޯޓުހުރި ތިން އަތަޅުކަމަށާއި، އެހެންނަމަވެސް ހިތާމަޔަކީ މިތިން އަތޮޅަކީ އެންމެ ފަޤީރު ތިން އަތޮޅުކަންކަމަށާއި، ސިނާޢީ މިބާވަތުގެ މަސައްކަތްތައް ހިނގާ ތަނެއްގައި މިހާރު މަތީ ދަރަޖައެއްގެ ފަޤީރުންކަން ދުނިޔޭންވެސް ފެންނާންނެތްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީއިން ނުކުމެ މިއޮތީ އެކަން ބަދަލުކޮށް، ޙާލަތު ރަނގަޅުކޮށްދީ، ތަރައްޤީ ގެނެސްދިނުމަށްޓަކައިކަމަށެވެ.

އެގޮތުން އެމްޑީޕީގެ ވަޒީފާއާއި، ފަޅުގޮވާމާއި، ގެސްޓް ހައުސް ސިޔާސަތުފަދަ ސިޔާސަތުތަކުގެ ވާސިތާއިން ރައްޔިތުންގެ ޢާންމު ދިރިއުޅުން ރަނގަޅުކޮށް، ޖީބަށް ވަންނަ ފައިސާ އިތުރުކުރައްވާނެކަމަށް ވިދާޅުވަމުން ދިވެހިރާއްޖެއަކީ ޤުދުރަތީ ވަސީލަތްތައް ގިނަ ޤައުމެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މުޅި ދިވެހިރާއްޖެ އެދިގޮވަމުންދަނީ އެމްޑީޕީއަށްކަމަށާއި، އެމްޑީޕީ އިންތިޚާބުތަކަށް ނުކުންނަނީ މޮޅުވާންކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއިންތިޚާބާ ގުޅޭގޮތުން ކުޑަ މިންވަރަކަށްވެސް ފަރުވާކުޑަކުރެވެން ނެތްކަމަށާއި، ޕާޓީގެ މެންބަރުންނާއި، ހެޔޮ އެދިވަޑައިންނަވާ، ތާޢީދުކުރައްވާ ރައްޔިތުންވެސް އިންތިޚާބުގެ މަސައްކަތުގައި ކެނޑިނޭޅި އަވަދިނެތި އުޅުއްވާނެކަން ޔަޤީންކުރައްވާކަމަށެވެ.

ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށް، ސިޔާސަތުތަކަށް ފާޑުވިދާޅުވުމަކީ ޕޮލިސް ކޮމިޝަނަރަކު ކުރައްވާން ޖެހިވަޑައިންނަވާ ކަމެއްނޫންކަމަށާއި، ސިޔާސަތަކާ ނުރުހުންވެވަޑައިންނަވާނަމަ އެސިޔާސަތެއްގެ ބެލެނިވެރި ޕާޓީއަކަށް ވޯޓު ނުދެއްވީމާ ނިމުނީކަމަށް ވިދާޅުވެ ދާދިފަހުން ސޯޝަލް މީޑިޔާގައި އެމްޑީޕީގެ ފުލުހުންނާއިބެހޭ ސިޔާސަތުކަމަށް ބުނެ ޢާންމުކޮށްފައިވާ ދޮގު ސިޔާސަތާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ރައީސް ނަޝީދު ހާމަކުރެއްވިގޮތާއި، މުގުރާއި ބާރުވެރިކަން މެދުވެރިކުރައްވައިގެން ވަކިގޮތަކަށް ކަންކަން ބައްޓަންކުރެއްވޭނެކަމަށް ޕޮލިސް ކޮމިޝަނަރަށް ހީފުޅުވެވަޑައިންނެވޭނަމަ އެހުންނެވެނީ ވަރަށް ބޮޑަށް އޮޅިވަޑައިގެންފައިކަމަށެވެ.

What do you think?

Name (required) :

Email (required) :

Website :