އިންޑިޔާގެ ބޮޑުވަޒީރާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑރ. މަންމޯހަން ސިން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

ބޮޑުވަޒީރާއި ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙާއި، އިޤްތިޞާދީ ޙާލަތާއި އިންޑީޔާއާއި ދިވެހިރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅުން ހަރުދަނާކޮށް އެގުޅުން މުސްތަޤްބަލުގައި ދަމަހައްޓަވައިދެއްވާނެ ކަމުގައި ޔަޤީންކަން ރައީސް ނަޝީދު ބޮޑުވަޒީރަށް އެރުއްވިއެވެ. އަދި ހިލައާއި ހިލަވެލި އިންޑިޔާއިން ލިބުން ދަތިވުމުން ތަރައްޤީއާއި ގުޅިފައިވާ އެތައް މަސައްކަތްތަކެއް ހުއްޓިފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ދިވެހިން ބޭސްފަރުވާ ކުރުމަށް އިންޑިޔާއަށް ދިއުމަށް ވިސާ ހޯދުމުގައި ދިމާވެފައިވާ މައްސަލައާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އަންނަ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ އިންޑިޔާގެ އަބަދުވެސް އަމާޒަކީ ދިވެހިރާއްޖޭގެ ތަރައްޤީކަމަށާއި އިންޑިޔާގެ އުއްމީދަކީ ދިވެހިންނަށް ފާގަތިކަން ލިބުންކަމުގައެވެ. ދިވެހިންގެ މިނިވަންކަމަށާއި ޤައުމިއްޔަތަށް އަބަދުވެސް އިންޑިޔާއިން އިޙްތިރާމަ ކުރާނެ ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ. މިނިވަން އިންސާފްވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ މުހިއްމު ކަމާމެދުވެސް މަޝްވަރާ ކުރެއްވިއެވެ. ރިޔާސީ އިންތިޙާބަކީ ސުލްޙަވެރިކަމާއި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި ފުލުހުންނަށްވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ހިލައާއި ހިލަވެލި އަދި ވިސާ ހޯދުމުގައި ދިމާވެފައިވާ މައްސަލ ޙައްލުކޮށްދެއްވާނެ ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެ އިރުން 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު ސާކް ސަމިޓާއި އަދި ސަމިޓު ބޭއްވުނު ކޮންވެންޝަން ސެންޓަރުގެ ފުރިހަމަ ކަމަށް ވަރަށް ބޮޑަށް ބޮޑުވަޒީރު ތަޢުރީފް ކުރައްވައި އެސެންޓަރކީ މިސަރަހައްދުގައި ހެދިފައިވާ އެންމެ ފުރިހަމަ އެއް ކޮންވެންޝަން ސެންޓަރުކަމުގައި ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :