“އެމްޑީޕީ އަކީ ވައުދުވާ ޕާޓީއެއް، އެމްޑީޕާ އަކީ ވައުދު ފުއްދާ ޕާޓީ އެއް” – ރައީސް ނަޝީދު

އެމްޑީޕީ އަކީ ވައުދުވާ ޕާޓީއެއްކަމަށާއި އެމްޑީޕާ އަކީ ވައުދު ފުއްދާ ޕާޓީ އެއް ކަމަށް ރޭ ގައްދޫގައި ބޭއްވި ޖަލްސާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ގައްދޫ ގައި 11 އޯގަސްޓް 2013 ވަނަ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ގެ ކުރީގެ ސަރުކާރުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް މައްޗަށް އަލިއަޅުއްވާލަށްވާފައެވެ. އަދި އޭގެ އިތުރުން ގައްދޫ ދާއިރާގެ ރައްޔިތުންނަށާއި ދިވެހި އެންމެހާ ރައްޔިތުންނަށްވެސް އެމަނިކުފާނު ވަނީ މުހިންމު ވައުދު ތަކެއް ވެވަޑައިގެންފައެވެ. މިގޮތުގެމަތިން ދެން އުފެދިގެންދާ އެމްޑީޕީގެ ސަރުކާރެއްގައި، ގައްދޫގައި ބޮޑު ބަނދަރެއް އަޅުއްވާދޭނެކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. ހަމައެހެންމެ، އެރަށު އެންމެހާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަށްވެސް ހޯއްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން އަރުއްވައިދެއްވިއެވެ. އަދި އައްޑޫ އަތޮޅުން ފުވަމުލަކުން ހުވަދު އަތޮޅަށް ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ފެރީ ހިންގަވާ ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރޭގެ ވާހަކަފުޅުގައި ވަނީ މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ ހިތްދަތި ކަމުގެ މަތިން ހަނދާންކޮށްދެއްވާފައެވެ. އެ 30 އަހަރުގެ ވެރިކަމުގައި ތަރައްގީގެ ދުވެލި ލަސް ކަމަށް ވިދާޅުވެ، އޭރު އަހަރެއް މައްޗަށް ހެދެމަށް ކަނޑައެޅޭ ބަނދަރެއް ނޫނީ ދެބަނދަރެއްގެ މަސައްކަތް ވެސް ނުނިމިއޮންނަ ކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެމްޑިޕީގެ 3 އަހަރު ދުވަހުގެ ވެރިކަމުގައި 50 އެތަށް ބަނދަރެއްގެ މަސައްކަތް ނިންމަވާ، 17 ނަރުދަމާ ރާއްޖޭގެ އެކިކަން ކޮޅުގައި އެޅި، އެތަށް ރަށެށްގެ ބިން ފުޅާ ކުރެވިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގައި ރިޔާސީ އިންތިހާބެއް އައުމުން އެތަށް ބަޔެއް ޖަލަށް ލެވި އެތަކެއް ބަޔަކަށް އަނިޔާކުރެވިގެން ދިޔަކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ދިވެހިން އެޒަމާން އަލުން އިޔާދަކުރަން ބޭނުންނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެގޮތަކީ ދިވެހިންނަށް ހައްގު މިންވަރުގެ ވޭނެއް ނޫންކަމުގައި ފާހަގަކުރެއްވިއެވެ. ދިވެހިން ބޭނުން ވަނީ ޑިމޮކްރެޓިކް ވެރިކަމެއްގެ ތެރޭގައި ވާދަވެރި ސިޔާސީ ރޫހެއް އޮތުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން، އެފަދަ މާހައުލެއް ގާއިމުކުރެވޭނީ އެމްޑީޕީގެ ވެރިކަމެއްގެ ތެރެއިން ކަން ހާމަކުރެއްވިއެވެ.

ބަޣާވާތުގެ ސަބަބުން ލިބިފައިފާ ގެއްލުން ތަކުގެ ތެރެއިން ދިވެހިންނަށް އެންމެ ދަތިވާ އެއް ކަމަކީ ދަތުރުފަތުރެ ކުރުމުގެ ނިޒާމް ހުއްޓިގެން ދިއުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ ސަބަބުން ގައްދޫ ބޭފުޅުންނަށް ބަލިވީމާ ޑޮކްޓަރާ ހަމައަށް ދިއުމުގެ ތަކުލީފު ބޮޑުވެފައިވާ ކަން ފާހަގަކުރެއެވިއެވެ. އަދި ހަމަ އެހެންމެ، އެމްޑީޕީ މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މީގެ ސަބަބުން ވެސް އާ ހިތްވަރެއް ލިބިފައަވާކަމަށް ވިދާޅުވިއެވެ.

ބާޣާވާތުން ސަރުކާރު ވެއްޓިގެން ދިއުމަށް އެއްވެސް ދިވެހި ދަރިއެއް ނޭދޭނެ ކަމަށާއި އޭގެ ސަބަބުން އެމްޑީޕީ އަށް ލިބޭ ސަޕޯޓް ބޮޑުވަމުން ދާކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ސިޔާސި ޕާޓީތައް އިއްތިހާދުވާން އެއްބަސްވުން އެއީ ރައްޔިތުން ގަބޫލުކުރާ އުސޫލެއް ނޫންކަން ފާހަގަ ކުރެއްވިއެވެ. އަދި އެމްޑީޕީ އިއްތިހާދު ނަހަދާ އޮތްއޮތުމަކީ ދިވެހިން ބަލައިގަންނަ، ރައްޔިތުންގެ މެދުގައި އެމްޑީޕީ އަށް ކުރާ އިތުބާރު ވަރުގަދަ ވާ ކަމެއް ކަމަށް ވިދާޅުވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އެންމެހާ ދިވެހިންނަށް އެމަނިކުފާނުގެ ރައީސް ކަމުގައި، އަދި އެމްޑީޕީގެ ވެރިކަމެއްގައި، މި ގައުމުގައި އިސްލާމް ދީން ފިޔަވާ އެހެން ދީނަކަށް ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އަރުއްވާ، 2013 ގެ ރިޔާސީ އަންތިހާބު އެމްޑީޕީ ކާމިޔާބުކުރާނީ އެއްބުރުން ކަމަށް ވިދާޅުވެފައެވެ.

މި ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ޕާރލިމެންޓް ގްރޫޕުގެ މެންބަރު އޮންރަބަލް އަބްދުﷲ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހަމަ އެހެންމެ ގައްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ އަހްމަދު ޒާހިރާއި އެ ދާއިރާގެ ރައީސް އާދަމް ޒާހިރު ވެސް ރައްޔިތުންނާ މުހާތަބުކުރެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :