އައްސަލާމް ޢަލައިކުމް
އެގިވަޑައިގަންނަވާނޭ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހރާއްޖޭގެ ވެރިކަން ބަދަލުވެ ދިޔަގޮތާއި ގުޅޭގޮތުން ހިނގުނު ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ރިޕޯޓް މިހާރު މިވަނީ ޢާއްމު ކުރެވިފަ. ރިޕޯޓް ޢާއްމު ކުރުމުގެ ދުވަހެއް ކުރީގައި ކޮމިޝަންގައި ހިމެނޭ އެއްބޭފުޅެއްކަމަށްވާ އަޙްމަދު ސަޢީދު ކޮމިޝަންގެ ކަންތައްތައް ކުރިއަށްދާގޮތާއި ގުޅޭގޮތުން އެބޭފުޅާ ހިތްހަމަޖެހިވަޑައި ނުގަންނަވާތީވެ، އެބޭފުޅާ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފަ ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ. އަޅުގަނޑު އެބޭފުޅާ އެބަޔާން ކުރެއްވި ހުރިހާ ކަންކަމަށް އިޙްތިރާމް ކުރަން. އަދި އަޅުގަނޑު އަޙްމަދު ސަޢީދު އެބަލައިގަތް އެންމެހާ ކަންކަމާއި ގުޅޭގޮތުން އަޅުގަނޑު އެބޭފުޅާގެ އެބަޔާން އެއީ ޞައްޙަ ބަޔާނެއް ކަމުގައި ވެސް އަޅުގަނޑު ދެކެން. އެހެންވީމާ އަޅުގަނޑު ދެކެނީ ސަޢީދު ފާހަގަ ކުރެއްވި ކަންކަން އެއީ ރިޕޯޓް ސީމެގްގައި މަޝްވަރާކުރެވޭއިރުގައި ސީމެގްގެ މެންބަރުން އެމައްޗަށް ރިޢާޔަތްކުރާނޭކަންކަން ކަމަށް. އަޅުގަނޑު ދެކެނީ ކޯނީ ރިޕޯޓްގެ އަޙްމަދު ސަޢީދު ފާހަގަ ކުރައްވާފައި އެކަންކަންކަމަކީ ސީމެގްގެ ރިޕޯޓްގައި އަދި އިތުރަށް ފާހަގަވެގެން ދާނޭ ކަންކަން ކަމަށް.
އެގިވަޑައިގަންނާވާނޭ ބައިނަލްއަޤްވާމީ ވަރަށް ގިނަ ފަރާތްތަކުން އ.ދ. އިންވެސް އަދި ކޮމަންވެލްތް އިންވެސް އަދި ޔޫރަޕްގެ އިއްތިހާދުންވެސް އަދި އެހެން ދޭދޭ ޤަޢުމު ތަކުންވެސް މިވަނީ ރިޕޯޓް ބަލާގަތުމަށް މިވަނީ ހުރިހާ ފަރާތްތަކަށްގޮވާލާފަ. އެރިޕޯޓްގައިވާ ނިންމުންތަކަށް އިޙްތިރާމް ކުރުމަށް ހުރިހާ ފަރާތްތަކަކަށް މިވަނީ ގޮވާލާފަ. އެއާއި ގުޅިގެން އަދި އޭގެ ކުރީގައިވެސް އަޅުގަނޑުމެންނަށް މިހާރުމިވަނީ ކުރީގެ ރައީސް މަޢުމޫނު ޢަބްދުލް ޤައްޔޫމް އާއި، ޑީ.އާރް.ޕީގެ ލީޑަރ އަޙްމަދު ތަސްމީނު ޢަލީ އާއި އަދި އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އާއި އަދި އެހެންވެސް ބައެއް ކުދި ޕާޓީތަކުން މިވަނީ ރިޕޯޓް ބަލާގަނެފަ އަދި ރިޕޯޓް އެއީ ޞައްޙަ ރިޕޯޓްއެއްކަމަށް އަދި އެރިޕޯޓްގައިވާ ކަންކަން ކުރުމަށް އެބޭފުޅުން އެއްބަސްވެވަޑައިގަންނަވާކަމަށް ވިދާޅުވެފަ.
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރިޕޯޓް ޝާއިޢު ކުރުމުގެ ކުރީގައި ވަނީ ރިޕޯޓް އާއި ގުޅޭގޮތުންވަނީ ތިންގޮތަކަށް އެބޭފުޅުން ވާހަކަ ދައްކަވާފައި ރިޢާޔަތް ކުރައްވާފައި. ޕާޓީގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ރިޕޯޓަކީ ބަޣާވާތެއްގެގޮތުގައި ފާހަގަވާގޮތަށް ކަންކަން ބަޔާންކުރާ ރިޕޯޓެއް ނަމަ 2008 ވަނަ އަހަރު އުފެދުނު ވެރިކަން އަލުން އަނބުރާ އިޔާދަކުރުން. ބަޣާވަތަކަށްނުވެ އަދި އެހެން އެއްވެސް ކަމެއް އޭގައި އެއްވެސް މައްސަލައެއް ނެތްގޮތުގައި ރިޕޯޓް އޮވެއްޖެނަމަ 2013 ވަނަ އަހަރާއި ހަމައަށް ދާންދެން ޕާޓީގެ ފަރާތުން މަޑުކޮށްގެން ތިބުން. އަދި އެ އިންތިޚާބުގައި ޕާޓީގެ ފަރާތުން ބައިވެރިވުން. ޕަޓީގެ ފަރާތުން ތިންވަނަ ގޮތަކަށް ޙަޤީޤަތުގައި އެޤަރާރްގެ ފުރަތަމަގޮތުގައި ފާހަގަ ކޮށްފައިވަނީ ރިޕޯޓްގައި އެކިއެކިފަރާތްތަކުން ޤާނޫނު އާއި ޤަވާޢިދު ޚިލާފު ޢަމަލުތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވާނަމަ އަވަސް އިންތިޚާބްއަކަށް ގޮވާލުމުގެ އިތުރުން އެދުވަހު ޤަޢުމީ ހިންގާ ކޮމެޓީއިން ނިންމާފައިވަނީ އެޤާނޫނު އާއި ޤަވާޢީދާ ޚިލާފަށް ޢަމަލުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅި، އެބަޔަކު ތިބި މަޤާމުތަކުން ވަގުތުން އެބަޔަކު ދުރުކުރެވި، އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެވި އަދި ޝަރިޢަތްކުރެވި އެކަމާއި ޝަރުޢީގޮތުން ކުރާންޖެހޭ ހުރިހާކަމެގެންގޮސް ކޮށް ނިންމުން. އަދި ޤާޢުމީ ހިންގާ ކޮމެޓީއިން ޕާޓީގެ ފަރާތުން ފާސްކޮށްފައިވަނީ އެމަސައްކަތުގައި ކޮމަންވެލްތް އާއި ބައިނަލްއަޤްވާމީ އެންމެހާ ފަރާތްތައް ބައިވެރި ކުރުން. އެއްމަސް ދުވަހުގެ ތެރޭގައި މިދެންނެވި ޖިނާއީ ތަޙްޤީގް ހިނގި ދަޢުވާ ކުރެވޭނޭ ފަރާތްތައް ސާފުކުރެވި، ދައުވާތައް އުފުލި، އެޝަރިޢަތްތައް ހިންގި، އަދި އެޙުކުމް އިއްވި އިންސާފު ޤާއިމުކުރެވިގެން ދިއުން.
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކޯނީގެ ރިޕޯޓް ޝާއިޢު ކުރުމުގެ ކުރީގައި މިދެންނެވި ތިންގޮތް ވަނީ ޢާއްމު ކޮށްފަ. އަޅުގަނޑުމެންނަށް ފާހަގަވެފައިވަނީ ކޯނީގެ ރިޕޯޓު މިހާރު ނުކުމެފައި މިއޮތީ ޕާޓީގެ ފަރާތުން ފާހަގަކުރި ތިންގޮތުގެ ތެރެއިން އެއްގޮތުގެ މައްޗަށް ބިނާވެފައިކަމަށް. އެއީ ބަޣާވަތެއް ނޫންކަމަށް ފާހަގަ ކުރޭ އެހެންނަމަވެސް އެތައްއެތައް ޤާނޫނާއި ޤާވާޢިދާއި ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަމަށް ރިޕޯޓްގައި ވަރަށް ސާފުކޮށް ފާހަގަ ކުރޭ. ރިޕޯޓްގެ ޙުލާޞާގައި އެއީ ރިޕޯޓްގެ 2 ވަނަ ޞަފްޙާގައި ބަޔާންކުރަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6، 7، އަދި 8 ވަނަ ދުވަހު އަނިޔާވެރިކަމުގެ ކިތަންމެ ޢަމަލެއް ފުލުހުން ހިންގާފައިވާކަމަށް އަދި ކަމާއި ބެހޭފަރާތްތަކުން މިކަންކަން ތަޙްޤީގްކުރެވި އަދި އެމައްސަލަތައް ވީހާވެސް އަވަހަކަށް ނިންމުމަށް ރިޕޯޓްގެ ސަމަރީގައި ނުވަތަ ޙުލާޞާގައި ވަރަށް ސާފުބަހުން ބަޔާންކޮށްފައި އެބައޮތް. ތިޔަބޭފުޅުންނަށްވެސް ކޮމިޝަން ރިޕޯޓްގެ ހުށަހަޅާފައިވާ ލަފާތައް ނުވަތަ ރިކޮމެންޑޭޝަންސްތައް ރިޕޯޓްގެ 8 ވަނަ ނުކުތާގެ ގޮތުގައި ފާހަގަ ކޮށްފައިވާ 5 ކަމެއް ފާހަގަވެފައިވާނެ.
އޭގެ ތެރޭގައި އެންމެ ފުރަތަމައިން ބަޔާންކޮށްފައިވަނީ ކޮމިޝަން ދެކޭގޮތުގައި ވެރިކަން ބަދަލުކޮށްފައިވަނީ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންނެވެ. އެހެންވީމާ އެކަމާއި ގުޅޭގޮތުން އިތުރު ވާހަކައެއް އިތުރު ރިކޮމެންޑޭޝަންއެއް އެބޭފުޅުން ދޭކަށް ނެތީމެވެ.
އެއަށްފަހުގައި ކޮމިޝަން ހުށަހަޅާފައިވާ ލަފާތަކުގައި ވަނީ 7 ފެބްރުއަރީ 2012 ޚާދިޘާތަކަށް ރިއާޔަތްކޮށް، ވެރިކަމުގެ ބާރު ޙަވާލު ކުރަން ދިމާވި ޙަޤީޤަތްކާއި، ޙާލަތުގެ ސަބަބުތަކަށް ބަލާއިރު، އަންނަނިވި ކަންކަމާއި މެދު ކޮމިޝަނުން ޢާންމު ލަފާ ހުށަހަޅަމެވެ.
އެކަންކަން ގޮތުގައި ކޮމިޝަނުން ފާހަގަކުރަނީ 1 އަންނަވިނި ދަޢުލަތުގެ މުއައްސަސާތަކުން ހިންގާ މަސައްކަތްތަކުގެ ކަން ފަހިކަން އިތުރުކޮށް، އަދި ރައއްޔިތުންގެ ލާބައާއި ޢާންމު މަސްލަހަތަށްޓަކައި، އެމުއައްސަސާތަކުން ކުރާޙިދުމަތްތަކަށް އެހީއާއި ހިތްވަރުދިނުން ފޯރުކޮށްދިނުމަށް، މިހާރުން މިހާރަށް ފިޔަވަޅުއަޅަން ޖެހޭކަމަށް. އެމުއައްސަސާތަކުގެ ގޮތުގައި ކޮމިޝަނުން ފާހަކަކޮށްފައިވަނީ; މޯލްޑިވްސް ޕޮލިސް ސާރވިސަސް އާއި ޕޮލިސް އިންޓަރގްރިޓީ ކޮމިޝަން; ޢަދުލު އިންސާފުގެ ބާރުގެ ދާޢިރާއާއި ޖުޑިޝަލް ސާރވިސް ކޮމިޝަން; ރައްޔިތުންގެ މަޖިލިސް;ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް.
ކޮމިޝަންގެ ރެކޮމެންޑޭޝަން ގެ 2 ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޢަދުލު އިންސާފު ޤާއިމު ކުރުމުގެ މައްސަލައަށް ބަލާއިރު، ޚާއްސަކޮށް ފުލުހުންގެ ވަހުޝީ ޢަމަލުތަކާއި އެމީހުން ރައްޔިތުންނަށް ބިރުދެއްކުމުގެ ތުހުމަތުތަކަށް ބަލާއިރު، މިމައްސަލަތައް ތަޙްޤީޤުކުރުމުގައި ވީހާވެސް އަވަސްކުރުމުގެ ބޭނުންތެރިކަން ނުހަނު ބޮޑުވެފައިވެއެވެ. އަދި މިކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އާންމުކޮށް ފާޅުކޮށް، މިފަދަ ޢަމަލު ކުރިމީހުންގެ ހިސާބު ބެލި، އެކަށީގެންވާ އަދަބު ދޭންޖެހިފައި ވެއެވެ.
ރެކޮމެންޑޭޝަންގެ ގެ 3 ވަނަ ރެކޮމެންޑޭޝަންއަކަށް ކޮމިޝަނުން ފާހަގަކޮށްފައިއޮތީ ޢަދުލްއިންސާސުގެ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އޮންނާންޖެހޭއިރު، ފަނޑިޔާރުންގެ ސުލޫކާމެދު ތުހުމަތުތައް އުޅޭނަމަ، މުވާލާތް ނުކެނޑެނީސް، އެފަދަ ކަންކަން ޖޫޑިޝަލް ސަރވިސަސް ކޮމިޝަނުން ބަލައި، ރިޕޯޓުކުރަން ޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީސްއާއި ގުޅޭގޮތުން ރެކޮމެންޑޭޝަންއަކަށް ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ކަންކަން ކުރިއަށް ގެންދިއުމަށް، ވަކި އުޞޫލުތަކެއް ބޭނުންވެފައި، މިފަދަ އުޞޫލުތައް އެފަދަ އެހެން މަޖިލީސްތަކުގައި ގޮވާންކޮށްފައި ވަނީ އެތައް ޤަރުނެއްގެ މުއްދަތުގައިކަމަށް ވާއިރު، މިފަދަ އުޞޫލުތައް ދެނެގަނެ، އެއުޞޫލުތަކުގެ އަލީގައި މަޖިލީހުގެ މެންބަރުންގެ ދުސްތޫރީ ވާޖިބުތައް، މިހާރަށްވުރެ ރަގަޅަށް އަދާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް އެހީތެރިވެދޭން ޖެހިފައިވެއެވެ.
ހަމަ މީޑިޔާ އާއި ގުޅޭގޮތުން ރިޕޯޓްގައި ފާހަގަކޮށްފައިވަނީ އަދި ލަފާއަރުވާފައިވަނީ މީޑިޔާއަށް ވަދެފައިވާ ސިޔާސީ އޮއެވަރުގައި ޖެހުމުގެ ސަބަބުން، ދޭދޭ ފަރުދުންނާއި، ދޭދޭ މުޖްތަމައުތަކުގެ މެދުގައި އުފެދިފައިވާ ޝަޢުބީ ހިތްހަމަނުޖެހުމާއި، ބައިބައިވުމުގެ މާހައުލަށް ފަރުވާކުރުމަށް ނުހަނު ބޭނުންޖެހިފައި ވެއެވެ. މިއޮޔެވަރު ހުއްޓުވުމަށްޓަކައި، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތައް ތަރައްޤީކޮށް، ރައްޔިތުންގެ މެދުގައި ސަމާޙަތާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ސަމާލުވާން ޖެހިފައިވާކަމަށް.
އަޅުގަނޑު މިދެންމެ ދަންނަވާލީ ކޮމިޝަންގެ ރެކޮމެންޑޭޝަން ނުވަތަ ލަފާތަކުގެ ގޮތުގައި ކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުންތައް. އަޅުގަނޑު މިފާހަގަ މިކުރަނީ ހުރިހާ ޕާޓީތަކަކުންވެސް ވަނީ ކޮމިޝަނުން ފާހަގަކުރިކަންތައްތައް ކުރުމަށް ފުރިހަމައަށް އެއްބަސްވެފައެވެ. އެކަންތައްތަކުގެ ތެރޭގައި އެންމެ ބޮޑުކޮށް އެންމެ ފާޅުކަންބޮޑުކޮށް އޮތްކަމަކީ ފުލުހުންނާއި ސިފައިންނަށް ޙައްޤު އަދަބު ދިނުމޭ. މިރިޕޯޓްގައި ވަރަށް ޞަރީޙަ ޢިބާރާތްތަކަކުން ބަޔާންކޮށްފައިމިވަނީ ފުލުހުންނާއި ސިފައިންގެ ޤާނޫނު އާއި ޚިލާފު ނުރަނގަޅު ކިތަންމެ ޢަމަލެއް 6، 7 ، އަދި 8 ވަނަ ދުވަހު ފެނިގެން ދިޔަކަން. އޭގެތެރޭގައި އަދި އަޅުގަނޑުމެން ވަކިން އިތުރަށް ތަފްޞީލަށް ގޮސްފިނަމަ ތިޔަބޭފުޅުންނަށް އެކަންތައްތަކަކީ ކޮބައިކަން ޕެރަގްރާފްތަކެއްގެ ގޮތުގައި އަޅުގަނޑަށްފާހަގަކޮށްލަދެވިދާނެ. އެކޮންކޮން ޕެރަގްރާފްތަކެއްގަތޯ ފުލުހުންނާއި ސިފައިންނާއި ގުޅޭގޮތުން ކޮމިޝަން ރިޕޯޓުގައި ޚާއްޞަކޮށް ވަކިން އިތުރަށް ތަފްޞީލިދީފައިވަނީ އެގޮތަށް އަޅުގަނޑު ބަލާއިރު ޢަދުލު އިންސާފު ޤާއިމުކުރުމަށް ވަގުތު ނެގިކަމުގައި ވިއަސް، އެކަން އަވަސްކުރަން ޖެހިފައިވެއެވެ. އަދި އިންސާފު ޤާއިމުކުރާތަން ރައްޔިތުންނަށް ފެންނާންޖެހެއެވެ. އެއީ ރައްޔިތުންނަށް، ޢަދުލު އިންސާފުގެ ދާއިރާއާއި މެދު އޮތް ޔަޤީންކަން އަނބުރާ ގެނައުމަށާއި، ރައްޔިތުންގެ މެދުގައި އެއަށް އިތުބާރަށް އިލްހާމް ލިބިގަތުމަށޭވެ. އެއީ 3 ޞަފްޙާ ގެ 3 ޕްރެގްރާފްގައި.
އަޅުގަނޑު މިހެން ވަކިވަކި މާއްދާތަކުން ތިބޭފުޅުންނަށް ކިޔާދޭއިރު އަޅުގަނޑަށް ހީވަނީ މާދިގު ވެގެން ހިގައިދާނެހެން. ރިޕޯޓުގެ ބޮޑު ބަޔަކީ ފުލުހުންނާއި ސިފައިން ހިންގި ޤާނޫނާއި ޚިލާފު ޢަމަލުތައް ސާފުކޮށް ބަޔާންކޮށްދޭ ބައިތައް. އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ ސުވާލުތަކަށް ފުރުޞަތު އެރުވުމުގެ ކުރީގައި ދަންނަވާލަން ބޭނުންވަނީ ހުރިހާ ޕާޓީތަކަކުންވެސް މިވަނީ ކޮމިޝަންގެ ރިޕޯޓް ބަލައި ގަނެފައެވެ. އަދި އޭގެ މައްޗަށް ޢަމަލުކުރުމަށް އެއްބަސް ވެވަޑައިގަނެފައެވެ. ކުރާން ހުރި ޢަމަލަކީ ނުރަނގަޅު ޤާނޫނާއި ޚިލާފުކަންކަން ހޯދާ އޭގެ ޖިނާއީ ތަޙްޤީގެއް ކުރެވި، އެޖިނާއީ ތަޙްޤީގްގެ މައްޗަށް ދަޢުވާތައް ހަމަޖެއްސި، އެދަޢުވާތައް ހުށަހެޅި، ޝަރިޔަތްކުރެވި، ޙުކުމް އިއްވުމެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އެކަންކަމާއި ގުޅޭގޮތުން ރިޕޯޓު ނެރެވުމުގެ ކުރީގައި ފާހަގަކޮށްފައިވާ ޚިޔާލަކީ، ލަފައަކީ އެއްމަސްދުވަހުގެ ތެރޭގައި އެކަންކަން ކުރުމަށެވެ. އަދި މިކަންކަން ކުރަމުންދާއިރުގައި ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުން އެކަންކަމުގައި ހިމެނުމަށް.
ވެރިކަން ބަދަލުވެދިޔައީ ރިޕޯޓު ބުނާގޮތުގައި ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމަށް އެބަޔާންކުރާ ބަޔާންކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކަންހިންގާދިޔަގޮތުގެ ސިދާ މައްޗަށް ބިނާވެފައި އޮންނަ ބަޔާނަކަށްވުރެ ބޮޑަށް ރާއްޖޭގެ މަސްލަހަތާއި ދިވެހިރާއްޖޭގެ ޙާލަތައް ބަލާބަޔާންކޮށްފައި އޮތް ރިޕޯޓެއްކަމަށް. ވެރިކަން ބަދަލުކުރެވުނުގޮތާއި ގުޅޭ ގޮތުން ކޮމިޝަނުން ބޮޑަށް ރިއާޔަތްކޮށްފައިއެވަނީ ސިޔާސީ ކަންކަމާއި ގުޅޭގޮތުންކަމަށް އަޅުގަނޑަށް ފާހަގަވޭ. އެހެންވީމާ، ސިޔާސީ ކަންކަމާއި ގުޅޭގޮތުން ކުރެވޭ ފާހަގަތައް އެއީ އެއްބޭފުޅަކަށް އެކަންކަމުގައި ފެނިވަޑައިގަންނަވާނޭގޮތާއި އަނެއް ބޭފުޅަކަށް އެކަންކަމުގައި ފެނިވަޑައި ގަންނަވާނޭގޮތް އަބަދުވެސް ތަފާތުވެގެން ދާނޭ ގޮތްތަކެއް. އަޅުގަނޑުމެން އެދެނީ އަދި ޚާއްޞަކޮށް އަޅުގަނޑު އެދެނީ ކޮމިޝަންގެ ރިޕޯޓްއަށް އަޅުގަނޑުމެން ޢަމަލުކުރާންފެށުމަށް އަދި އޭގައިވާކަންކަން ބާރަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔުމަށް. އަދި އަޅުގަނޑު އުއްމީދުކުރާނަން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއާއިވެސް އަދި އެހެން ޕާޓީތަކުގެ މެންބަރުންގެ ކިބައިންވެސް އެދެނީ ކޮމިޝަންގެ ރިޕޯޓްގައި ވާކަންކަން ބަރާބަރަށް އަވަހަށް ތަންފީޒު ކުރައްވަމުން ގެންދެވުމަށް. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ހަމަނުޖެހުމަކީ ފުލުހުންނާއި ސިފައިން ނުހަނު ގިނަ ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާކަން އަޅުގަނޑުމެން އެންމެނަށް ފެނިމެ އެކަމުގެ މައްޗަށް އަޅުގަނޑުމެންނަށް ފިޔަވަޅު ނޭޅޭކަން. މާތްރަސްކަލާނގެ އިރާދަކުރައްވައިގެން ރާއްޖޭގެ ހުރިހާ ޕާޓީތައް މިހާރުމިވަނީ އެފިޔަވަޅުތައް އެޅުމަށް އެއްބަސްވެފައި އަޅުގަނޑުމެން އުއްމީދު ކުރާނީ އެފިޔަވަޅޚުތައް އެޅިގެން ދާނޭކަމަށް.
ވެރިކަން ބަދަލުވެ ދިޔައީ ޤާނޫނާއި އެއްގޮތައްކަމަށް އަޅުގަނޑުމެން ދެކިގެން ކުރިއަށް ދާއިރުގައި އަޅުގަނޑަށް އަދި އިތުރު ދެނުގުތާއެއް ފާހަގަ ކުރުމަށް އެބަ މަޖުބޫރުވޭ. ފުރަތަކަމަކީ އެހެންވީމާ، ވެރިކަމުގައި ޑީ.އާރު.ޕީ އާއި ޕީ.ޕީ.އެމް ބައިވެރިވާންވީ އެއްވެސް ސަބަބެއް ނެތް. މިހާރު އުފެދިފައިއޮތް، 2008 ވަނަ އަހަރު އުފެދިފައިއޮތް ވެރިކަމަކީ އެމް.ޑީ.ޕީ ގެ މެނިފެސްޓޯގެ މައްޗަށް ބިނާވެފައި އޮތް ވެރިކަމެއް. އެވެރިކަމުގައި އިއްތިހާދުވެފައިވާނީ ޖުމްހޫރީ ޕާޓީ އާއި އަދި އެމް.ޑީ.ޕީ އާއި ޑރ. ވަޙިދުގެ ޕާޓީ ޤައުމީ އިއްތިހާދާ. ރައްޔިތުންގެ ކުރިމައްޗަށް އެއްވެސް އިރެއްގައި ޑީ.އާރް.ޕީ އާއި ޕީ.ޕީ.އެމް ހުށަހެޅިފަކައެއް ނުވާނޭ. އެދެޕާޓީ ވެރިކަމުގެ ތެރޭގައި ހިމެނެންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ. ހަމަ އެއާއިއެކުގައި އަޅުގަނޑުމެންނަށް ފާހަގަވެގެންދާ އަނެއް ހަމައަކީ، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުންފަދަ ކަމަކާއި އެއްހަމައޭ، ވަކިހަމަތަކެއްތެރެއިން ގޮސް ފުލުހުންނާއި ސިފައިން އިހުޒަމާނުގައި ހަވަރުހުއްޓޭހެން ގޮތައް ހަވަރު ހުއްޓި، ވެރިކަން ބަދަލު ކުރުމަށް ގޮވުމުން، ވެރިކަން ބަދަލުވެގެން ދިޔުމަކީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބުން ފަދައޭ. އަޅުގަނޑުމެންގެ ތެރޭގައި މިއާންމު ޢުޞޫލެއް މިހާމަވެގެން މިރިޕޯޓާއިއެކީގައިއަޅުގަނޑު ހިތުން ދާނެ، އަޅުގަނޑު ދެކޭގޮތުގައި އެއުޞޫލާއި ގުޅޭގޮތުން އަދި އަޅުގަނޑުމެން އެންމެންވެސް ނުހަނު ގިނަ މަޝްވަރާ ކުރަންޖެހޭނެ.
އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލަށް ފުރުޞަތު ދެމުން ނިންމާލަމުންވެސް އަޅުގަނޑު ތަކުރާރު ކުރާނަން. ރިޕޯޓް މިވަނީ ހުރިހާ ސިޔާސީ ޕާޓީތަކަކުން ބަލައިގަނެފައޭ. ރިޕޯޓްގައިވާ ކަންކަމުގެ މައްޗަށް ޢަމަލުކުރުމަށް ހުރިހާ ފަރާތްތަކަކުން މިވަނީ އެއްބަސްވެފާ. ކުރާންހުރި ޢަމަލަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފުވީ ފުލުހުންނާއި ސިފައިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ކުރެވި، ދަޢުވާތައް ހެދި، އެދަޢުވާތައް ހުށަހެޅި، ޝަރިޔަތް ކުރެވި، ޙުކުމް އިއްވުން.
ޝުކުރިއްޔާ