އިންތިޚާބަކީ ކުރާން އޮތް މަސައްކަތުގައި ގިރާކުރާން އޮތް އެންމެ އޮޅިއެއް – ރައީސް މުޙައްމަދު ނަޝީދު

ރިޔާސީ އިންތިޚާބަކީ އެއަށްފަހު ކުރާން އޮތް މަސައްކަތުގައި ގިރާކުރާން އޮތް އެންމެ އޮޅިއެއްކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި މިއަދު މުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރެއްގެ އަބަދުވެސް އަމާޒަކަށް ވާން ޖެހެނީ ޤައުމާއި ރައްޔިތުންގެ ތަރައްޤީކަމަށާއި އެކަން ކުރުމަށް ގިރާ ކުރަންޖެހޭ އެއް އޮޅިއަކީ ރިޔާސީ އިންތިޚާބުކަމުގައެވެ. އަދި ރަށްރަށުގެ ކުޑަބޮޑުމިނުން ތަރައްޤީ ކަނޑަނޭޅޭނެ ކަމަށާއި ކޮންމެ ރަށެއްގައިވެސް އެރަށެއް ތަރައްޤީކުރުމަށް ބޭނުންވާ ވަޞީލަތްތައް އެބަހުރިކަމަށް ވިދާޅުވިއެވެ. އެމްޑީޕީން 2008 ވަނަ އަހަރުވެސް ހުށަހެޅީ ސިޔާސަތުތަކެއްކަމަށާއި ރައްޔިތުންނަށް މިހާރުވެސް ހުށހަޅަނީ ސަރުކާރެއް ހިންގާނެ އުސޫލުތަކެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީން ހުށަހެޅި ވައުދުތައް ފުއްދައިދެވުނުކަމުގައި ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ “އެމްޑީޕީއަކީ ވައުދުވާ ޕަޓީއެއް. ވައުދު ފުއްދާ ޕަޓީއެއް” ކަމުގައެވެ.

2008 ވަނަ އަހަރު އެމްޑީޕީން ވައުދުވީ ދޮށީ އުމުރުގެ މީހުންނަށް 2000 ރުފިޔާ ދެއްވާނެ ކަމަށާއި 65 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް މެދުކެންޑުމެއްނެތި ކޮންމެ މަހަކު 2300 ރުފިޔާ ލިބެމުން އަންނަތާ މިހާރު ފަސް އަހަރުވެފައިވާކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އެމްޑީޕީން ވައުދުވީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުން ކަމަށާއި ރާއްޖޭގެ 70 އިންސައްތައެއްހާ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރެވި އެކަމަށް 243 ކްލާސްރޫމް ބިނާ ކުރެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

30 އަހަރުގެ ތަރައްޤީއާއި އެމްޑީޕީގެ 3 އަހަރުގައި ރައްޔިތުންގެ ތަރައްޤީއަށް ކޮށްދެވިފައިވާ ކަންކަމަށް އަލިއަޅުވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 30 އަހަރުގައި ހިންގީ ޖަރީމާތައް ކަމުގައެވެ. ލާއިންސާނީ އަނިޔާކުރުމާއި ނުހައްގުން ރައްޔިތުންގެ ގޯއްޗާއި މުދަލަށް ވެރިކަން ކުރުމުގެ ބާރުން އަރައިގަނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 30 އަހަރުގެ ތެރޭގައި މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި ނަރުދަމާ އަޅާފައިނުވާކަމަށާއި އެމްޑީޕީގެ 3 އަހަރުގައި 17 ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިންމާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި 30 އަހަރުގައި ހުޅުމާލޭގައި އެޅީ 340 އެއްހާ ފްލެޓު ކަމަށާއި އެމްޑީޕީގެ 3 އަހަރުގެ މަސައްކަތުން 3000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު އަޅައި ނިންމައި މިހާރު އެ ފްލެޓުތައް ރައްޔިތުންނާއި ހަވާލުކުރަމުންދާކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީ ސަރުކާރުގައި ކުރެވުނު މަސައްކަތްތައް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ 40އަށް ވުރެ ގިން މިސްކިތް ބިނާކުރެއްވިކަމަށާއި މާތްވެގެންވާ އިސްލާމްދީންނަށް އަޅާލެވިފައިވާ މިންވަރު އެކަމުންވެސް ދޭހަވާކަމަށެވެ. އަދި ދީނީ ޢިލްވުވެރިންނަށް ކުރަމުން އައި ފިއްތުންތަކަށް ނިމުމެއް އައިސް ސްކޫލްތަކުގައި އިސްލާމް ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީން ކުރެއްވިކަމުގައި ވިދާޅުވިއެވެ.
އެމްޑީޕީއަކީ ތަރައްޤީގެ ޕާޓީއެއްކަމަށާއި އެމަނިކުފާނުގެ ސިޔާސީ ވާދަވެރިން ވައުދުވަމުން އައީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ބައިވެރިނުވެވޭނެ ގޮތަށާއި އެމަނިކުފާނު ދިގު މުއްދަތަށް ޖަލަށްލުމަށް ކަމުގައިކަމަށާއި އެހެންނަމަވެސް އިދިކޮޅު ސިޔާސީ ލީޑަރުންގެ އެވަޢުދު ފުއްދިފައިނުވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަމާޒަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ފިތުނަ ފަސާދަ ކުރުމާއި، ނެތިމޮށުމާއި، ޣީބަ ބުނުން ކަމުގައި ރައީސް ނަޝީދު ސިފަކުރައްވައި ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ހާމަ ކުރަމުން އަންނަނީ ހަމައެކަނި އެމްޑީޕީކަމުގައެވެ. އެފަދަ ކަންކަން އިދިކޮޅު ސިޔާސީ ވެރިން ކުރަމުން އަންނަނީ އެމްޑީޕީއާ އެއްވަރަށް ސިޔާސީ ތަޖުރިބާ ލިބިފައިނުވާތީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :