ސިޔާސީ ނިޒާމެއްގެ ތެރެއިން ވެރިކަން ހިންގުމަށް ނިކުމެ ތިބި ބަޔަކީ އެމްޑީޕީކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން ސިޔާސަތުތަކާއެކު ވެރިކަން ހިންގުމަށް ނިކުމެ ތިބި ހަމައެކަނި ބަޔަކީ އެމްޑީޕީކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ތިލަދުންމަތި އުތުރުބުރި އިހަވަންދޫގައި ރޭ ބޭއްވި އެމްޑީޕީގެ އެއްބުރުން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅަނީ ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ސިޔާސަތުތަކެއް ކަމަށާއި ތަރައްޤީގެ ސިޔާސަތުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކުގެ ސަބަބުން ވަޒީފާތައް އުފެދި ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިގު 30 އަހަރުގެ ވެރިކަމާއި އެމްޑީޕީގެ 3 އަހަރާއި އަދި ބަގާވާތުގެ ސަރުކާރުގެ 2 އަހަރުގެ ތަޖުރިބާ ރައްޔިތުން ކޮށްފިކަމަށާއި ކޮންމެ ދާއިރާއަކުން ބެލިނަމަވެސް އެމްޑީޕީގެ 3 އަހަރުގައި މާ ރަނގަޅަށް ކޮށްފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުން އެމްޑީޕީއަށް ތާޢީދު ކުރަނީ ވައުދު ފުއްދާފައިވާ މިންވަރު މިނާފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިގު 30 އަހަރުގެ ވެރިކަމާޢި ބަގާވާތުގެ ސަރުކާރުގެ 2 އަހަރާއި އެމްޑީޕީގެ ސަރުކާރުގެ 3 އަހަރުގެ ތަފާތުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 30 އަހަރުގައި އިޖުތިމާޢީ ރައްކާތެރިކަމަށް އެއްވެސް ކަމެއް ކުރެވިފައިނުވާކަމަށެވެ. އަދި އެއްވެސް އުސޫލެއްގެ ގޮތުން ކަމެއް ކުރެވިފައިނުވާކަމަށް ފާހަގަ ކުރައްވައި ވިދާޅުވީ ބޭސްފަރުވާ ކުރަމުން އައީ ތީމުގެއިން މީހަކު ދަންނަންޏާ ނޫނީ ތީމުގޭގައި މުގޯލި އަޅައިގެން މަހުޖަނުންނާއި ސާދާގަރުން ގާތުން ސަލާން ޖަހައިގެންކަމުގައެވެ. ރައީސް ނަޝީދު ވިދާޅުވީ އެއުސޫލާއި އެމްޑީޕީ ސަރުކާރުގެ 3 އަހަރުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތައް ރައްޔިތުން މިނައި ކިރާނެކަމުގައެވެ.

ދިގު 30 އަހަރުގައި ޖުމްލަ 38 ބަނދަރު ހެދިއިރު އެމްޑީޕީ ސަރުކާރުގެ 3 އަހަރުގައި 55 ރަށުގެ ބަނދަރު ނިންމިކަމަށް ރައީސް ނަޝީދު ފާހގަ ކުރެއްވިއެވެ. އަދި ދިގު 30 އަހަރުގެ ވެރިކަމުގައި 5 ރަށެއްގެ ބަނދަރު ނިންމުނު އިރު އެމްޑީޕީގެ 3 އަހަރުގައި 7 ރަށެއްގެ ބިން ބޮޑު ކުރެވުނުކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޒަމާންތަކެއްވަންދެން ރާއްޖޭގެ ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދެމުން އައީ ދިވެހި މީޑިއަމަށްކަމަށާއި އެމްޑީޕީގެ ސަރުކާރުގައި އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށް 243 ކްލާސްރޫމް ބިނާކުރެވި 150 އިސްލާމް މުދައްރިސުން ތަމްރީނު ކުރެވުނު ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި 30 އަހަރުގެ ތެރޭގައި ރާއްޖޭގެ ރަށްތައް ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅުވުމަކީ އޮންނަން ޖެހޭ ކަމެއްކަމުގައިވެސް ނުދެކުނު ކަމުގައި ވިދާޅުވިއެވެ.
އެމްޑީޕީގެ 3 އަހަރުގައި ވައުދު ފުއްދާފައިވާކަމަށް ފާހަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ “އެމްޑީޕީއަކީ ވައުދުވާ ޕަޓީއެއް. އަދި ވާ ވައުދު ފުއްދާ ޕާޓީއެއް” ކަމުގައެވެ. އަދި ފާއިތުވީ 8 އަހަރުގެ ތެރޭގައި ދިވެހިން ކުރި ތަޖުރިބާއިން މިނާނެ ކަމަށާއި އިއްތިހާދުގެ ވެރިކަމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ލިބިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. “ބަގާވާތުގެ 2 އަހަރަކީ ހުރިހާ ވާދަވެރިންގެ 2 އަހަރު… އެ ހުރިހާ ބޭފުޅުން ފުޅާ އިއްތިހާދުވެގެން ސަރުކާރު ހިންގެވި. އެންމެ ބަނދަރެއްވެސް ހަދައި ނިންމީކީ ނޫން. އެންމެ ފަސްކޮޅެއްވެސް ފަޅަކަށް ނާޅާ” ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :