އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދޭނަން: ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ދިވެހި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދޭނެކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކޮލޮމްބޯގައި ބެޭއްވުނު ޖަލްސާގައި ވާހަަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި 30 އަހަރުގެ ވެރިކަމުގައި މަޑުޖެހިގެން އައި ކުރިއެރުމާއި، އެމްޑީޕީގެ 3 އަހަރު ތެރޭއައި ހަލުވި ތަރައްގީ އަޅައިކިޔުއްވިއެވެ.

މިގޮތުން އުމްރާނީ ތަރައްގީއަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ 30 އަހަރުގެ ވެރިކަމުގައި ގާއިމްކުރެވިފައިވަނީ 38 ބަނދަރުކަމަށާއި އެމްޑީޕީގެ ވެރިކަމުގައި 40އަށް ވުރެ ގިނަ ބަނދަރު ބިނާކުރިކަމަށެވެ. ފެނާއި ނަރުދަމާއަށް ބައްލަވައިލައްވަމުން ރައީސް ނަޝީދު ފާހަގަކުރެއްވިގޮތުގައި ފެން ތަޣައްޔަރުވެފައިވާ 62 ރަށް އޮތްކަމަށެވެ. ސާފު ބޯފެން ފޯރުކޮށްދެވެމުން އައީ ހަމައެކަނި މާލެއަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި 17 ރަށެއްގައި ނަރުދަމާ ގާއިމްކުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 6 ރަށަކަށް ސާފު ބޯފެން ފޯރުކޮށްދިންކަމަށްވެސް ވިދާޅުވިއެވެ.

ދިވެހި ދައުލަތުން އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުން ޒަކާތް ފިޔަވައި އިތުރު އެހީއެއް މީގެކުރިން ނުލިބޭ ކަމަށާއި ފަހަރެއްގައި ގާތްތިމާގެކަމުގެ ސަބަބުން އެހީ ލިބުނަސް އުސޫލެއްގެ ގޮތުން އިތުރު އެހީއެއް ނުލިބޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީން ވެރިކަމަށް އައީ އިޖުތިމާއީ ރައްކާތެރިކަމުގެ ވައުދަކާއި އެކީ ކަމަށާއި އެވައުދުވެސް ފުއްދަފައިވާނޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

މީގެ ކުރިން ރާއްޖޭގެ ތައުލީމީ ހާލަތާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިނގިރޭސި މީޑިއަމަށް ކިޔަވައިދެމުން އައީ ކުރިން ހަމައެކަނި މާލޭގައި ކަމަށާއި 90ގެ އަހަރުތަކުގައި ބެލެނިވެރިންގެ އިހުތިޖާޖަށްފަހު ގްރޭޑް 7ކަށް ރާއްޖެތެރޭ ކިޔަވައިދޭން ފެށުނުކަމަށެވެ. ގްރޭޑް 10އަކާއި ހަމައަށް މުޅި ރާއްޖޭގައި ކިޔަވައިދޭން ފެށުނީ އެމްޑީޕީ ރާއްޖޭގައި އުފެދުނު ފަހުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަދަރުސާތައް އެއްދަންފަޅި އަށް ހަދާ ވަށައިޖެހޭ ތައުލީމީ ނިޒާމެއް ގާއިމްކޮށް ތައުލީމި ނިޒާމް ޒަމާނީ ފެންވަރަށް ބަދަލުކުރަން އެމްޑީޕީ ސަރުކާރުން މަސައްކަތް ފަށައިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަށް ދިވެހިންގެ ހިތްތަކާއި ކުޅެލަން ބޭނުންވީމާ އެކިއިރުއިރު އެކިވެރިން އިސްލާމްދީން ކުރިއަށް ނެރޭކަމަށާއި އެހެންނަމަވެސް އެކަން ރައްޔިތުންނަށް މިހާރު އެނގޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދިގު 30 އަހަރު ބިނާކުރެވިފައިވަނީ 31 މިސްކިތްކަމަށާއި އެމްޑީޕީގެ 3 އަހަރު 47 މިސްކިތް އެޅިކަމަށާއި އަދި 150 ރަށުގައި ގުރުއާން ޓީޗަރެއް ނެތުމުން 150 ޓީޗަރުން އުފައްދައި އެރަށްރަށުގައި ކިޔަވައިދެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

1700ގެ އަހަރުތަކުގެ ތެރޭގައި އަޅުން ގެންގުޅުން ރާއްޖޭގައި މަނާކުރެވުނަސް ފަހަކާއިޖެހެންދެންވެސް މަސައްކަތްކުރާ މީހުންގެ ހައްގު ހިމާޔަތްކޮށްދީފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އިންޓަރނޭޝަނަލް ލޭބަރ އެސޯސިއޭޝަންގެ މެންބަރުކަން ލިބުނުކަމަށާއި އަދި މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނުތައް ސަރުކާރުން ތައްޔާރުކުރަމުންދިޔަކަމަށް އެމަނިކުފާނުވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން އަބަދުވެސް ޑިމޮކްރަސީއަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންވާކަން ފާހަގަކުރައްވަމުން 2008ގެ ކުރިން ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް އެެއްވެސް އިރެއްގައި ނެތްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި އެއްވަރަށް ޑިމޮކްރެސީގެ އުސޫލްތަކަށް ބަދަލު، ފައްކާވެގެން އައިބަޔަކު އިންސާނީ ހަޔާތުގައިވެސް ހޯދަން އުނދަގޫވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭ ރައްޔިތުން އެއްބުރުން އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ އަޒުމުގައި ތިބީ ހެޔޮ ބަދަލު ގެނެސްދިން ބަޔަކީ މިޕާޓީކަމުގައިވާތީކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ވެރިކަން ވައްޓާލިގޮތުން ތިބީ ރުޅިއައިސްފައިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރުކުރެވެމުންދަނީ ހަރާމްވެރިކަމެއްކަމެއްކަމަށާއި ނޮވެމްބަރު 11ގެ ކުރިން ވަހީދު ވެރިކަމުން ފައިބަން ޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖެގެ ރައްޔިތުން ދަރީން ތަރުބިއްޔަތުކޮށް ހެޔޮ ދިރިއުޅުމެއް އުޅެން ބޭނުންވާކަމަށާއި އެކަން ފުރިހަމަ ވާނީ ޑިމޮކްރަސީ ގާއިމްވެގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއަދު ބަންދުވެގެން ރާއްޖޭގައި ތިބެންޖެހިގެން ނުވާނޭކަމަށާއި ލާމެހިފައިވާ ދުނިޔެއެއްގައި އުޅެންޖެހޭ ކަމަށް ވިދާޅުވިއެވެ. ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހީން ރައީސް ނަޝީދަށްކީ ފުރިހަމަ މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :