އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ‘ވަރަށް ވެދުން’ގެ ނަމުގައި އާންމު ޚިދުމަތްތެރިންނަށްއެމަނިކުފާނުގެ ސިޓީފުޅު ރައްދުކުރެއްވެމުގެ ޕްރޮގްރާމެއް އިފްތިތާޙް ކޮށްދެއްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ރާއްޖޭގެ އެކިއެކި ދާއިރާތަކުގެ ޙިދްމަތްތެރިންނަށް ފޮނުއްވަވާ ސިޓީފުޅުތައް ރައްދުކުރެއްވުމުގެ ސިލްސިލާ ޕްރޮގްރާމްއެއް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ރައީސް ނަޝީދުކޮލޮމްބޯގައި ހުންނަވައި ވީޑިއޯގެ ޒަރިއްޔާއިން ޕާޓީގެ ޕާލިއަމަންޓަރީގްރޫޕުގެ ބޭފުޅުންނާއި ގުޅުއްވައިގެން މި ޕްރޮގްރާމް ފައްޓާވައިދެއްވީ މިއަދު (18 އޮގަސްޓް 2013) މެންދުރުފަހު 2:30ގައި އެމްޑީޕީގެ މައި އޮފީހުގައި ބޭއްވުނު ގޫގުލް ހޭންގައުޓް ސެޝަންއަކުންނެވެ.

ގޫގުލް ހޭންގްއައުޓްގެ ޒަރިއްޔާއިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިޕްރޮގްރާމްގެ އެންމެ މުހިންމު މަގްސަދަކީ ރާއްޖެގެ ޕަބްލިކް ސާރވިސް ގައި ތިއްބެވި ބޭފުޅުން، ޙިދްމަތައް ދެއްވުމަށް ތިއްބެވި ބޭފުޅުންނާއި އާންމު ޚިދުމަތްތެރިންނާއި ވީހާވެސް ގާތުން މަޝްވަރާކުރުންކަމަށާއި، އެބޭފުޅުންނާއި ވާހަކަ ދެކެވި އެމްޑީޕީގެ ސަރުކާރެއްގައި ކަންކަން ހިނގާނޭގޮތް އެބޭފުޅުންނަށް ސާފުކޮށްދިނުމާއި، މިގޮތުން މިއަދު އެންމެފުރަތަމަ ދިވެހިރާއްޖޭގެ ފުލުހުންނަށް ފޮނުއްވާ ނަކަލު ސިޓީފުޅު އާއްމުކޮށް ހާމަކޮށްދެއްވިއެވެ.

މިސިޓީފުޅުގައި ރައީސް ނަޝީދުވަނީ ފުލުހުންނަކީ ރެއާއި ދުވާލު މަސައްކަތްކުރައްވާ އަދި އެބަޔަކާއި ނުލައި ގައުމަށް ތަރައްގީ ނުގެނެވޭނެ ބައެއްކަމަށް ބަޔާންކުރައްވައިފައިވެއެވެ. 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނު އަސާސީއިން ލިބިގެންދިޔަ ހައްގުތައް ކަށަވަރުކުރެއްވުމަށް ފުލުހުންގެ ޒިންމާ ބޮޑުކަމަށާއި 2012ވަނަ އަހަރު ފެބްރުއަރީ މަހު މަދު ބައެއްގެ ސަބަބުން ފުލުހުންނާއި ރައްޔިތުންނާއި އޮންނަންޖެހޭ ގުޅުމަށް ކޮންމެވެސްވަރެއްގެ ކިލަނބުކަމެއް އައިސްފައިވާކަމަށް ރައީސް ނަޝީދު ލިޔުއްވައިފަވެއެވެ. ޑިމޮކްރެޓިކް ވެރިކަމެއްގައި ފުލުހުން ގާއިމްވެގެންތިބުމުގެ ގާނޫނީ ސައްހަކަން ލިބެނީ ރައްޔިތުންންގެ ކިބައިންކަމަށާއި އަދި އެމްޑީޕީގެ ވެރިކަމެއްގައި ޑިމޮކްރަސީއަށް އެކަށޭނަ ފުލުހުންގެ ޚިދުމަތެއް ގާއިމްކޮށްދެއްވާނޭކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވައިފައިވެއެވެ. އެކަށޭނަ ތަމްރީނުދީ ޕްރެފޮޝަނަލް ގާބިލްކަން އިތުރުކުރައްވާނޭކަމަށްވެސް ރައީސް ނަޝީދު ސިޓީފުޅުގައި ބަޔާންކުރައްވައިފައިވެއެވެ.

މިއަދުގެ މި ގޫގުލް ހޭންގް އައުޓް ސެޝަނުގައި ރައީސް ވިދާޅުވިގޮތުގައި އެމްޑީޕީގެ ފަރާތުން ދޮރުން ދޮރަށް ހިނގިއިރު ވަރަށް ގިނައިންވަނީ ފުލުހުންގެ އާއިލާތަކާއިވެސް ދިމާވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ސިޓީ ފުޅުވާނީ ރާއްޖޭގެ ވިއްސަކަށް ފުލުހުންނަށް ފިޔަވައި އެހެން ހުރިހާ ފުލުހުންނަށް ރައްދުކޮށްދެއްވުމަށް ނިންމަވައިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މި މޭރުމަން ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ދާދި އަވަހަށް ފުލުހުންނާއި ސިފައިންނާ ގުޅޭ ސިޔާސަތު ނެރޭނެކަމަށެވެ.

އަދި ރައީސް ނަޝީދުވަނީ ވީހާވެސް ގިނަބަޔަކަށް މިސިޓީ ރައްދުކޮށްދެއްވުމަށް ޕަރލިމެންޓަރީ ގްރޫޕްގެ ކިބައިން އެދިވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު މިމަސައްކަތް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ މެންބަރުންނާއި ގުޅިގެން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނޭކަމަށް ވިދާޅުވިއެވެ. މިސިލްސިލާ ޕްރޮގްރާމްގެ ދަށުން ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ސިފައިންނަށްވެސް އެބޭފުޅުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސިޓީ ރައްދުކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ.
މިއަދު ގޫގްލް ހެންގްއައުޓްގައި ރާއްޖޭގެ 7 ސަރަހައްދެއްގައި ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

What do you think?

Name (required) :

Email (required) :

Website :