ރަގަޅު ދިރިއުޅުމެއް ލިބުމަށާއި އާމްދަނީ އިތުރުވުމަށްޓަކައި ކޮންމެހެން ބޭނުންވަނީ ރަގަޅު ވެރިކަމުގެ ނިޒާމެއްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ރަގަޅު ދިރިއުޅުމެއް ލިބުމަށްޓަކައި އާމްދަނީ އިތުރުވުމަށްޓަކައި ކޮންމެހެން ބޭނުންވަނީ ރަގަޅު ވެރިކަމުގެ ނިޒާމެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ރޭ މިހެން ވިދާޅުވީ ނިލަންދެއަތޮޅު ކުޑަހުވަދޫގައި ރޭ ބޭއްވި އެމްޑީޕީގެ އެއްބުރުން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ވެރިކަމުގެ ނިޒާމެއް އުފެދިގެން އަންނަނީ ގިނަ ޕާރޓީ އެކުލެވޭ ވާދަވެރި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ ލިބުނީމާކަމަށާއި ފާއިތުވީ 10 ގައި ރާއްޖޭގެ ރައްޔިތުންނަށް ގިނަ ތަޖްރިބާތައް ކުރެވި ލައްކަ ގިނަ ފިލާވަޅުތައް ރައްޔިތުންނަށް ލިބިއްޖެކަމުގައި ވިދާޅުވިއެވެ. “މިދިޔަ 10 އަހަރުތެރޭގައި ދިވެހިރާއްޖޭގެ ރައްޔިތުން ދެނެގަނެފި މި ރާއްޖޭގެ ސިޔާސީ މަސްރަހާއި ސިޔާސީ ހަޤީޤަތްތައް” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިގު 30 އަހަރުގެ ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ދިޔަ ގޮތް ރައްޔިތުންނަށް ފެނި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ވެރިކަން ފުރަތަމަ ފަހަރަށް ރާއްޖޭގައި ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމް ސަރުކާރެއް އުފެއްދި ތަންވެސް ރައްޔިތުން ދެކެފިކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގެ 3 އަހަރާއި އެ ސަރުކާރު ވައްޓާލެވުނު ގޮތާއި އެއަށްފަހު ބަގާވާތުގެ 2 އަހަރުވެސް ރައްޔިތުން ތަޖުރިބާކޮށްފިކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ރައްޔިތުން ތިބީ މިނައި ވަޒަންކޮށް ކިރަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިނތިޚާބު ކާމިޔާބު ކުރެވެނީ ރާއްޖޭގެ ހިންގުމަށް އެމްޑީޕީން ބަދަލެއް ގެނައީތީވެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “މުޅިން އެހެން ވިސްނުމެއް އަޅުގަނޑުމެން ހުށައެޅީތީވެ. ޕަބްލިކް ޕްރައިވެޓް ޕާރޓްނާޝިޕް ނުވަތަ އަމިއްލަ ފަރާތްތަކާއި އެކީގައި ގުޅިގެން އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މި ރާއްޖެ ހުޅުވާލީތީވެ. ވިޔަފާރިއަށް ރާއްޖެ ހުޅުވާލީތީވެ. ވާދަވެރި ކަމަށް ރާއްޖެ ހުޅުވާލީތީވެ. އިންކާރުކުމަށް ރާއްޖެ ހުޅުވާލީތީވެ. ޚިޔާލުފާޅު ކުރުމަށް ރާއްޖެ ހުޅުވާލީތީވެ” ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަންކުރުމުގެ ނިޒާމަށް އެމްޑީޕީގެ މަސައްކަތުން ގެނެވުނު ބަދަލުތައް މިއަދު ރައްޔިތުން ބަލައިގަންނަކަމުގައެވެ. އެމްޑީޕީން ކުރި މަސައްކަތް މިއަދު ރައްޔިތުން ވަޒަން ކުރާކަމަށާއި އެމްޑީޕީއަށް ވޯޓު ދިނުމަށް ރައްޔިތުން ނިންމާފައިވަނީ މިނިވަންކަމުގެ އަގު ރާއްޖޭގެ ރައްޔިތުން ވަޒަން ކުރާތީ ކަމުގައި ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްޤީ ލިބެން އަންނާނީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ތަރައްޤީ ލިބޭ އުސޫލުން، ބާރު ސްޕީޑުގައި ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ އެއީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް އިންތިޚާބު ފަހިކޮށްދެމުން އަންނަނީ އެމްޑީޕީގެ ސަރުކާރު ހިންގަމުން އައި ހަލުވި ސްޕީޑާއި އަދި 30 އަހަރުގެ ފިނިހަކު ދުވެލީގެ މަޑު ހިންގުމާ މި ދެކަމުގެ ތަފާތު ރައްޔިތުންނަށް ސާފުވާތީކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އަހަރަކު ބަނދަރެއް އަހަރަކު ބަނދަރެއް ހައްދަވަމުން ގެންދެވުމާ ނުވަތަ 30 ހުވާކޮށްގެން ހައްދަވަމުން ގެންދެވީމާ މި ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނީ ކޮން ދުވަހަކުން ކަމެއް ހަމަކަށަވަރުންވެސް އަޅުގަނޑުމެންގެ މުނިކާފަ ދަރިންނަށް ވެސް ނުވިސްނޭނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :