بســم اللّـه الرّحمـن الرّحيــم
އަލްޙަމްދުލިﷲ ރައްބިލް ޢާލަމީން. ވައްޞަލާތު ވައްސަލާމް ޢަލާ ސައްޔިދިނާ މުޙައްމަދިން ވަޢަލާ އާލިހީ ވަޞަޙްބިހީ ވަސައްލަމް
ދިވެހި ލޮބުވެތި ރައްޔިތުން.
ޤައުމެއްގެ ހަޔާތުގައި އަންނާނޭ މުހިއްމު ވަގުތުތަކެއް.
އެ ޤައުމު އެއް ހާލަތުން އަނެއް ޙާލަތަށް ބަދަލުވެދާ ދަނޑިވަޅުތަކެއް.
ދިވެހިރައްޔިތުންނަށް ވަނީ މިދިޔަ 10 އަހަރު އެފަދަ އެތައް ދަނޑިވަޅުތަކެއް ކުރިމަތިވެ ނުހަނު ގިނަ ފިލާވަޅު ލިބިފައި.
ތަރައްޤީއަކީ ކޮބައިކަމާއި، ބޭނުންވަނީ ކޮން ތަރައްޤީއެއްކަން އަދި ތަރައްޤީގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ނިޒާމު ދިވެހިން ވަނީ ހޯދާފައި.
މިއަދު އަޅުގަނޑުމެން މިދެކޭ ނިޒާމު، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު، އެއީ ފަރުދީ މިނިވަންކަމާއި ރައްޔިތު މީހާ ޤައުމު ހިންގުމާއި ތަރައްޤީގައި ބައިވެރިވުމާއި ބާރުވެރިކުރެވޭ ނިޒާމު.
ސިޔާސީ ޕާޓީތަކުގެ ބޭނުމަކީ ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުން. އެ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުން.
ހިތްހަމަޖެހިގެން ތިމާގެ އަމިއްލަ ހަލާލު މަސައްކަތުން އަނބިދަރިންނާއެކު ދިރިއުޅެވޭނެ ގޮތް މަގުފަހިކޮށްދިނުން.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީން މި ރާއްޖޭގެ ރައްޔިތުންނަށް މި ހުށައަޅަނީ ސިޔާސަތުތަކެއް.
އެ ސިޔާސަތުތައް ތަންފީޒު ވެގެން ދިޔައިމާ ތިބޭފުޅުންގެ އިހްސާސްތައް ތިބޭފުޅުންގެ ބޭނުންތައް ފުދޭނޭ ފަދަ ސިޔާސަތުތަކެއް.
އެ ސިޔާސަތުތައް ތަންފީޒު ވެގެން ދިޔައިމާ ނެރު ފައިކަށިވެސް ހެދިގެން ދާނެ.
ނަރުދަމާ ވެސް އެޅިގެން ދާނެ.
ކްލާސްރޫމްތައްވެސް ބިނާވާނެ ހޮސްޕިޓާ ވެސް ރަގަޅުވާނެ.
ދަތުރު ފަތުރު ވެސް ފުރިހަމަ ވާނެ.
ބޯހިޔާވަހިކަންވެސް ލިބޭނެ.
އެމްޑީޕީން ހުށައަޅަނީ ސިޔާސަތުތަކެއް. އަޅުގަނޑުމެންގެ މި ސިޔާސަތުތައް އެކުލެވިފައި މި އޮންނަނީ އެ ސިޔާސަތުތައް އުފައްދާފައި މިވަނީ ތިބޭފުޅުންގެ ވިސްނުމާ ތިބޭފުޅުންގެ ޚިޔާލާ ތިބޭފޫޅުންގެ އުންމީދުތަކާއި ތިބޭފޫޅުންގެ އެދުންތައް ދޮރުން ދޮރަށް ހިނގައި ދެނެގަނެގެން.
އެ އެދުންތައް ހަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ކުރަން ޖެހެނީ ކޮންކޮން ކަންތައްތަކެއްތޯ ދެނެގަނެގެން.
ކުރިއަށް މިއޮތް 14 ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ދިވެހިން ދެކޭނެ އެންމެ މުހިންމު 14 ދުވަސް.
ދިވެހިތާރީޚުގައިވެސް ދެކޭނެ އެންމެ މުހިންމު އިންތިޚާބު.
ރައްޔިތުން އަނެއްކާވެސް ހެޔޮވެރިކަމެއް ޤާއިމުކުރުމަށް ވޯޓު ދޭނެ އިންތިޚާބު.
އެ ރައްޔިތުން ވޯޓު ދޭނީ އަނިޔާވެރިކަމާ ދެކޮޅަށް.
އެ ރައްޔިތުން ވޯޓު ދޭނީ އިންތިޚާބީ ސަރުކާރެއް އުފެއްދުމަށް
ރައްޔިތުންގެ ވެރިކަމެއް ޤާއިމު ކުރުމަށް.
އަޅުގަނޑުމެންނަކީ ވައުދުވާ ޕަޓީއެއް. އަދި ވައުދުފުއްދާ ޕާޓީއެއް.
އަނެއްކާވެސް އަޅުގަނޑު ތިބޭފުޅުންގެ ކުރިފުޅުމަތީގައި މިރޭ މި ވައުދުވަނީ މިމެނިފެސްޓޯ ތަންފީޒުކޮށް ތިބޭފުޅުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެކަމުގެ ޔަޤީންކަން
އަޅުގަނޑުމެންނަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން. އަޅުގަނޑުމެންގެ އަޒުމެއް ނުގުޑާނެ، އަދި ހިތްވަރެއްވެސް ބައްޔެއް ނުވާނެ.
މި މެނިފެސްޓޯ އަކީ ހިސާބު ކުރެވި، ބަޖެޓު ކުރެވިފައިވާ މެނިފެސްޓޯއެކެވެ.
މި މެނިފެސްޓޯގައި ހިސާބު ކުރެވި ބަޖެޓުކުރެވިފައި އޮތީ ތާހިރު ދިރިއުޅުމެއް ހޯދުމަށް.
މި މެނިފެސްޓޯގައި ހިސާބު ކުރެވި ބަޖެޓުކުރެވިފައިވަނީ ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށް
މި މެނިފެސްޓޯގައި ހިސާބު ކުރެވި ބަޖެޓުކުރެވިފައިވަނީ ދަތުރުފަތުރުގެ ފުރިހަމަ ނިޒާމަކުން މުޅިރާއްޖެ ގުޅުވާލުމަށް.
މި މެނިފެސްޓޯގައި ހިސާބު ކުރެވި ބަޖެޓުކުރެވިފައިވަނީ ފެންވަރު ރަނގަޅު، ފޯރާ، ސިއްހީ ޚިދުމަތް ހޯދުމަށް.
މި މެނިފެސްޓޯގައި ހިސާބު ކުރެވި ބަޖެޓުކުރެވިފައިވަނީ ދިވެހިރައްޔިތުންނަކީ ފަޚުރުވެރި ގެދޮރުވެރިންނަށް ހެދުމަށް
މި މެނިފެސްޓޯގައި ހިސާބު ކުރެވި ބަޖެޓުކުރެވިފައިވަނީ ރައްކާތެރި ހަމަހަމަ ވެއްޓެއް ޤާއިމުކުރުމަށް.
މި މެނިފެސްޓޯގައި ހިސާބު ކުރެވި ބަޖެޓުކުރެވިފައިވަނީ ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް.
މިއަދު އާންމު ކުރެވޭ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ 2 ވަނަ މެނިފެސްޓޯއަކީ ތާހިރު ދިރިއުޅުމެއް ހޯދައިދިނުމުގެ ދެލިކޮޕީ.
އަޅުގަނޑުމެން ނުވަންނަ އެންމެ ގެއެއްވެސް ނުހުންނާނެ.
އަޅުގަނޑުމެންނަށް އަތްނުލެވޭ ދިވެހި ރައްޔިތެއް ނުހުންނާނެ.
އަޅުގަނޑުމެން އެ ރައްޔިތުންގެ އަޑު އަހައިފިން. ވާހަކަ ދައްކައިފިން.
ރައްޔިތުންނަށް މިއަދު ދިމާވެފައިވާ ދަތި އުނދަގޫތައް އަޅުގަނޑުމެންނަށް އެނގޭ.
މިސިޔާސަތުތަކަކީ އެމައްޗަށް ޢިލްމީ ދިރާސާކުރެވި އެކަންކަން ޙައްލުކުރަމަށް އެމްޑީޕީން ތަންފީޒު ކުރާނެ ސިޔާސަތުތައް.
އަޅުގަނޑު ތިބޭފުޅުންނަށް މިއަދު ޔަޤީންކޮށް މިއަރުވަނީ ކަންބޮޑުވެނުލައްވާށޭ.
މި ސިޔާސަތުތަކަކީ ތިބޭފުޅުންނަށް ހާސްކަމެއް ނެތި ދިރިއުޅެވޭނެ މަގު.
ތިބޭފުޅުންނަށް ހިތްހަމަޖެހިގެން ތަނަވަސް ދިރިއުޅުމެއް ހޯދޭނެ އުސޫލު.
ހިސާބު ކުރެވި ބަޖެޓު ކުރެވިފައިވާ ތަރައްޤީގެ މަގު
އަޑުއައްސަވާ!
ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި، އަޅުގަޑުމެންގެ ޓެކްސް ނިޒާމްގެ ތެރެއިންނާއި، އަޅުގަޑުމެން ހިންގާ ޕްރޮގްރާމްތަކާއި، ކުރާނެ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ދައުލަތަށް އާމްދަނީގެ ގޮތުން 72 ބިލިއަން ރުފިޔާ ލިބޭނެ.
ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓީކް ޕާޓީގެ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް 137 ޕްރޮގްރާމް ތަންފީޒު ކުރާނެ.
ހިސާބު ކުރެވި ބަޖެޓުކުރެވިފައިވަނީ ރައްޔިތުންގެ ތަރައްޤީއާ ސީދާ ގުޅިފައިވާ ސިޔާސަތުތަކަށް ޖުމްލަް 30 ބިލިއަން ރުފިޔަ 5 އަހަރުގެ ތެރޭގައި ޚަރަދު ކުރުމަށް.
ބާކީ ބަޔަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި، އިދާރީ ކަންތައްތަކާއި، ދަރަނި އަދާކުރުމަށް ކުރާނެ ޚަރަދު
އަޅުގަނޑުމެން އިންތިޚާބާ ކުރިމަތި މިލަނީ ހުސް ވައުދުތަކާއެކުއެއް ނޫން.
އަޅުގަނޑުމެންގެ ވާދަވެރިން ވަޢުދު ވަނީ ރަށަށް ފައިބައިގެން އަންނަ އިރުގައި ފުރަތަމަ ދިމާވާ ބޭފުޅާ އަޅުގަނޑަށް މަސްއޮޑިއެކޭ ބުނީމާ އާ މިބޭފުޅުންނަށް މަސްއޮޑިއެކޭ.
ދެން ދިމާވާ ޓީޗަރު އަޅުގަނޑަށް އައިޕެޑެކޭ ބުނީމާ އާދެ ހުރިހާ ޓީޗަރުންނަށް އައިޕެޑް.
ދެން ދިމާވާ މީހާ އަޅުގަނޑު މިހުރީ ބަލިވެއޭ ބުނީމާ އާދެ ކޮންމެ ގެއަކަށް ނަރުހަކާ ޑޮކްޓަރަކު.
އެއީ ސިޔާސީ ޕާޓީތަކުގެ ވައުދެއްނޫން.
އަޅުގަނޑުމެންގެ ވަޢުދުތަކަކީ އަޅުގަނޑުމެންގެ ސިޔާސަތަތައް ތަންފީޒް ކުރީމާ ފުދޭ އެއްޗެއް.
ބައްލަވާ! ހިސާބު ނުކުރެވޭ އެންމެ ޕްރޮގްރާމެއްވެސް މި މެނިފެސްޓޯއަކު ނުވާނެ.
ރައްޔިތުންގެ މަޖިލިހަށް މާދަމާ ބަޖެޓު ހުށަހަޅަން ޖެހުނުކަމުގައި ވީނަމަވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.
މިއީ ހިސާބު ކުރެވި ބަޖެޓު ކުރެވިފައިވާ މެނިފެސްޓޯއެއް.
މިއަދު މި އިފްތިތާޙް ކުރެވޭ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެނިފެސްޓޯއަކީ ތިބޭފުޅުންގެ މިލްކެއް.
މި 51،000 ވަޒީފާގެ ފުރުޞަތުތަކަކީ ތިބޭފުޅުންގެ މިލްކެއް.
މި މަތީ ތަޢުލީމުގެ 120 މިލިއަން ރުފިޔާގެ ސޭވިންގ ސްކީމަކީ ތިބޭފުޅުންގެ މިލްކެއް.
މި 118 މިލިއަން ރުފިޔާގެ ސްޓުޑެންޓް ލޯން ސްކީމަކީ ތި ބޭފުޅުންގެ މިލްކެއް.
މި 20،000 ފްލެޓަކީ ތިބޭފުޅުންގެ މިލްކެއް.
އެކަނިވެރި މައިންބަފައިންނަށް ދެވޭ 2000 ރުފިޔާ، ދޮށީ އުމުރުގެ މީހުންނަށް ދެވޭ 2300 ރުފިޔާ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެވޭ 2000 ރުފިޔާ މިއީ ތިބޭފުޅުންގެ މިލްކެއް.
މި ޤައުމަކީ މިޤައުމުގެ ތަރައްޤީއަކީ ތިބޭފުޅުންގެ މިލްކެއް.
ދިވެހިރާއްޖޭ އިޤްތިޞާދީ ޙާލަތު އަޅުގަނޑުމެންނަކަށްވުރެ ބޮޑަށް އެގޭނެ ބަޔަކު ވަކި ނުތިބޭނެ. އަޅުގަނޑުމެން މިދަނީ ކޮންމެ ގެއަކަށް ވަންނަމުން.
ތަކެތީގެ އަގު ހުރި މިންވަރުވެސް އިނގޭ.
ރަށްރަށުގައި ހުއްޓިފައިހުރި ތަރައްޤީއާ ގުޅޭ ކަންކަމަކީ ކޮބައިކަންވެސް އިނގޭ.
އަދި އެ މަޝްރޫޢުތައް ހުއްޓިފައި ހުރުމުން އެކަމުގެ ސަބަބުން ދައުލަތަށް ލިބޭ އިޤްތިޞާދީ ގެއްލުންވެސް އަޅުގަނޑުމެންނަށް އިނގޭ.
ދައުލަތުގެ ދަރަނި މިއަދު ހުރީ ކަންބޮޑުވާ މިންވަރުގައި.
އިޤްތިޞާދީ ތަޖުރިބާ ލިބި މިމަސައްކަތް ކުރައްވާ މިކަން ދަންނަ މީހުންނާ އަޅުގަނޑުމެން ވާހަކަ ދެއްކިން.
އަޅުގަނޑުމެން ދިރާސާ ކުރިން.
ވިސްނާނުލައި އެންމެ ފިޔަވަޅެއް އަޅާނެ ޖާގައެއް ދެން ނެތް
ނެޝަނަލް ޑެޓް ޤައުމުގެ އުފެއްދުންތެރިކަމުގެ 82% އަށް އެރީމާ އަޅުގަނޑުމެން ކަންބޮޑުވޭ.
އަޅުގަނޑުމެންގެ މި މެނިފެސްޓޯ ތައްޔާރުކުރެވިފައިވާނީ މިކަން ދެނެ ތިބެ.
އެމްޑީޕީގެ ކުރު 3 އަހަރުގައި ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ގެ ނިޒާމެއް ތަޢާރަފް ކުރުން.
2008 ވަނަ އަހަރު އަޅުގަނޑުމެން އިންތިޚާބު ކުރެވުނު އިރުގައި ދައުލަތުގެ އާމްދަނީ އަކީ 7 ބިލިއަން ރުފިޔާ.
ދައުލަތުގެ އާމްދަނީ މިއަހަރު 12 ބިލިއަން ރުފިޔާ އަށްވުރެ ގިނަ ވާނެކަމަށް މީރާއިން ލަފާކުރޭ.
މިއަހަރުގެ މިއަދާ ހަމައަށް އެކަނިވެސް ދައުލަތަށް 5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވޭ.
އަޅުގަނޑުމެންގެ ދެވަނަ ދައުރުގައިވެސް މިހާރު ތަޢާރަފް ކުރެވިފައިވާ ޓެކްސްގެ ނިޒާމު ދަމަހައްޓާނަން.
ޖީއެސްޓީއާއި ވިޔަފާރީގެ ފައިދާއިން ނަގަމުން އަންނަ ޓެކްސް އިތުރުނުކޮށް ތަރައްޤީގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން.
މީގެ އިތުރުން އެމްޑީޕީ ސަރުކާރުގައ 2010 ވަނަ އަހަރު ހުށހެޅުނު އިންކަމް ޓެކްސް ނުވަތަ ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް ތަޢާރަފް ކުރާނަން.
މިޓެކްސް ނިޒާމުގެ ދަށުން ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތަކާއި އަދި އެމްޑީޕީން ކުރުމަށް ނިންމާފައިވާ ކަންކަން އަޅުގަނޑުމެން ތަންފީޒުކުރާނަން.
ދައުލަތުގެ ދަރަނީގެ މިންވަރު ޙައްލު ކުރުމަކީ ކޮންމެހެން ކުރާން ޖެހިފައިވާ ވަރަށް މުހިއްމު ކަމެއް.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރެވިފައިވނީ 2010 ވަނަ އަހަރު އެމްޑީޕީން ހުށަހެޅި މިހާރު ތަސްދީގް ކުރެވިފައިވާ ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން.
އެޤާނޫނުގައިވެސް ބުނެފައިވަނީ ދައުލަތުގެ ދަރަނީ ހުންނަން ޖެހޭނީ ދައުލަތުގެ އުފެއްދުންތެރިކަމުގެ 60% އަށްވުރެ ދަށުގައި ކަމަށް.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން.
އަޅުގަނޑުމެން ހިސާބުކޮށްފައިވާނީ 5 އަހަރުގެ ތެރޭގައި ބަޖެޓުގެ ޑެފިސިޓްމެނޭޖްކުރެވޭ ވަރުގައި ހިފަހައްޓާ، 5 އަހަރު ނިމޭއިރު ބެލަންސް ބަޖެޓެއް ހުށަހެޅުމަށް.
އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ ތަރައްޤީ. އެމްޑީޕީއަކީ ތަރައްޤީގެ ޕާޓީއެއް.
އަޅުގަނޑުމެންނަކީ ވައުދުވާ އަދި އިރާދަކުރެއްވިއްޔާ ވައުދު ފުއްދާ ޕާޓީއެއް.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 137 ތަރައްޤީއާއި ގުޅޭ މަޝްރޫޢުތައް މުޅިރާއްޖޭގައި އަޅުގަނޑުމެން ހިންގާއިރު، ކޮންމެ ރަށެއްގައިވެސް 50 އަށް ވުރެ މަދުނޫން މަޝްރޫޢުތައް ހިންގޭނެ.
ފަސް އަހަރުގެ ބަޖެޓުގައި 30 ބިލިއަން ރުފިޔާ ޚަރަދު ކުރެވޭނީ ތަރައްޤީއާއި ގުޅިފައިވާ މަސައްކަތްތަކަށް.
މިއިން 50% ޚަރަދު ކުރާނީ އުފެއްދުންތެރިކަން އިތުރުކުމަށް. އިންވެސްޓްމަންޓް ތަކަށް.
އަނެއް 50% ޚަރަދުކުރާނީ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް. ރައްޔިތުންގެ އަތަށް ސީދާ ދެވޭ އިނާޔަތްތަކަށް.
މިއީ ހިސާބު ކުރެވި ބަޖެޓު ކުރެވިފައިވާ މެނިސްޓޯއެއް.
އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަޅުގަނޑުމެން ހުށަހަޅަނީ 5 ބާވަތެއްގެ އިޤްތިޞާދީ މައިގަނޑުތަކެއް ތާޢާރަފް ކުރުމަށް.
ތަކުރާރުކޮށް މިދަންނަވަނީ ދިވެހިރާއްޖެއަކީ މުއްސަނދި ވަޞީލަތްތައް ގިނަ ތަރައްޤީވެވޭނެ ޤައުމެއް.
އަޅުގަނޑުމެންގެ ރަށްރަށުގެ ގޮނޑުދޮށްތަކާއި، ފަޅުތަކާއި ބިމުގެ ބެނުން ހަބޭހަށް ބޭނުންކުރާން އެބަ ޖެހޭ.
މި ގުދުރަތީ ރީތި، މުއްސަނދި ޤައުމު މިގޮތުގައި ބާއްވައިފިނަމަ ވާނީ ހަމަ ހިލަ ގަނޑަކަށް.
މި މެނިފެސްޓޯގައި ބަޖެޓުކުރެވި ހިސާބު ކުރެވިފައިވަނީ ގެސްޓުހައުސްގެ ވިޔަފާރި ތަރައްޤީކުރުމަށް.
ރާއްޖޭގެ ފަޅުތަކާއި ކަނޑުގެ ރޯދި އިތުރުކުރުމަށް ކަނޑުގޮވާމާއި ފަޅުގޮވާމުގެ ވިޔަފާރި އަޅުގަނޑުމެން ތަޢާރަފް ކުރާނަން.
ދަނޑުހެއްދުމާއި ދަނޑުވެރިކަމުގެ ވިޔަފާރި މީގެ ކުރިން ދިވެހިން ދެކިފައިނުވާ މިންވަރަށް އިރާދަކުރެއްވިއްޔާ ތަރައްޤީ ކުރާނަން.
މުޅިޤައުމުބިނާކޮށް ހަދާނަމޭ،
މުޅި ރާއްޖެ ތަރައްޤީ ކުރާނަމޭ،
ޗާލޫ ވަތަނީ ބަގީޗާ ރުވާނަމޭ،
އިރާދަކުރެއްވިއްޔާ މުޅި ދީބު އުޖާލާ ކުރާނަމޭ.
ރާއްޖޭގެ ރަށްތަކުގެ ބަނދަރުތަކަކީ ހަމަކަނި ތޮށި ގަނޑެއްގެ ގޮތުގައި ބޭއްވޭނެ ވަރަށްވުރެ މާ މުހިއްމު ވަޞީލަތެއް.
އެ ބަނދަރުތަކަކީ ހަމައެކަނި ލަފާ ފުރުމަށް ހަދާ ތަންތަނެއް ނޫން.
އެއީ ވިޔަފާރީގެ މަރުކަޒުތަކެއް.
މުދާ ބަދަލު ކުރެވޭ ތަން.
ރާއްޖޭގެ ރަށްތަކުގައި ބަނދަރުތައް އެކި ފަންތިތަކަށް ބަހައި ރަށުފެންވަރާއި، އަތޮޅު ފެންވަރާއި ސަރަޙައްދީ ފެންވަރުގެ ބަނދަރުތަކަށް އަޅުގަނޑުމެން ހަދާނަން.
ވިޔަފާރި ކުރިއަރާނީ ރަށު ބަންދުން ވީއްލިގެން.
ވިޔަފާރި ކުރިއަރާނީ މުދާ ބަދަލު ކުރެވިގެން.
ވިޔަފާރި ކުރިއަރާނީ ވައިން، ކަނޑުން އަދި އެއްގަމުން މުޅިރާއްޖެ ގުޅާލެވޭނެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވިގެން.
ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމަށް އަޅުގަނޑުމެއް ހުށައަޅާ ކަންކަމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ކުރަން ނިންމާ ކަންކަމުގައިވަނީނަމަ، 150 އަހަރު ވާއިރުވެސް ށ. ނަރުދޫ ރައްޔިތުން ތިބެން ޖެހޭނީ ލަފާ ފުރޭނެ ގޮތެއް ނެތި.
ޤައުމުގެ ތަރައްޤީގައި އަމިއްލަ ފަރާތްތައް ބައިވެރިކުރަން މިޖެހެނީ މިސަބަބުތަކަށްޓަކައި.
އަމިއްލަ ވިޔަފާރި ތަރައްޤީ ވުމުން ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީވެސް އިތުރުވެގެންދާނެ.
އަޅުގަނޑުމެންގެ ވިސްނުމަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ތަރައްޤީއާއި ގުޅޭ އެތައްކަމެއް ކުރުމަށް ފުރުޞަތު ހުޅުވާލުން. ވާދަވެރި ވިޔަފާރިވެރި މާހައުލަކަށް ފުރުޞަތު ދިނުން.
މިކަން ކުރެވޭނީ އެކިފެންވަރުގެ ވިޔަފާރިވެރިންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދީ އެފަދަ މާޙައުލެއް ޤާއިމުކޮށްދީގެންކަންވެސް އަޅުގަނޑުމެންނަށް އިނގޭ.
މި މެނިފެސްޓޯގައި ހިސާބު ކުރެވި ބަޖެޓު ކުރެވިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ވާދަވެރިކަމާއެކީ ވިޔަފާރި ކުރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމަށް.
އެކަން ކުރުމަށް އެމްޑީޕީ ސަރުކާރުގެ ކުރު 3 އަހަރުގައި ވާނީ މަސައްކަތްތަކެއް ކުރެވިފައި.
ތަރައްޤީގެ ބޭންކެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް.
މެނިފެސްޓޯ ހެދުމުގައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އަޅުގަނޑުމެން މަޝްވަރާކުރިން.
ވަކިން ޚާއްސަކޮށް ތަރައްޤީގެ ބޭންކު ހެދުމަށް ޢޭޝިއަން ޑިވެލޮޕްމަންޓު ބޭންކާއި ވާރލްޑް ބޭންކުގެ މަޝްވަރާ ހޯދިން.
އަދި ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު މިހާރުވެސް ހެދިފައިވާ ސްޓަޑީތަކަށް އަލިއަޅުވައި އަޅުގަނޑުމެންގެ އަމާޒަކީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ތަރައްޤީގެ ބޭންކް ޤާއިމުކުރުން.
ދައުލަތުގެ ބަޖެޓުން 600 މިލިއަން ރުފިޔާ އަދި ބައިނަލް އަޤްވާމީ މާލީ އިދާރާތަކުން 400 މިލިއަން ރުފިޔާއާކެ ތަރައްޤީގެ ބޭންކުން 1 ބިލިއަން ރުފިޔާގެ ކެޕިޓަލް ތަރައްޤީ ކުރުމަށް ފައިސާ ދޫކުރުވޭނެ.
އަޅުގަނޑުމެންގެ އަމާޒަކީ ތަރައްޤީގެ ބޭންކުން ގެދޮރު ބިނާކުރުމަށް 20%، ދަތުރުފަތުރުގެ ނިޒާމު ޤާއިމުކުރުމަށް 8%، ފަތުރުވެރިކަން، މަސްވެރިކަން އަދި ދަނޑުވެރިކަމަށް 44%، ތައުލީމީ ދާއިރާއަށް 13% ، މުނިފޫހިފުލުވުމުގެ ދާއިރާއަށް 13% އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
މިއީ ހިސާބު ކުރެވި ބަޖެޓު ކުރެވިފައިވާ މެނިފެސްޓޯއެއް.
ތިބޭފުޅުންގެ ތަރައްޤީ މިވަނީ އެމްޑީޕީއާއެކު.
އަޅުގަނޑުމެންނަކީ ވައުދުވާ، ވައުދު ފުއްދާ ޕާޓީއެއް.
އެމްޑީޕީ ސަރުކާރުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން ދުށީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ލިބޭ ޚިދުމަތެއްނަމަ، އަނެއް ރައްޔިތަކަށްވެސް ލިބޭނެ އުސޫލެއް ހަމަޖެއްސުމަށް.
ބޭސް ސިޓީއެއް އަތައްލައިގެން އެއް މަހުޖަނުން އަނެއް ސާދާގަރު ގާތުން އާދޭސްކުރަމުން މީހުން ހިނގާތާ އަޅުގަނޑުމެން ދުށީ މަދެއްކޮށެއްނޫން.
އާއިލާއިން މީހަކު ބަލިވެއްޖެނަމަ އެޢާއިލާއަކުން އުފުލާން ޖެހޭ ތަކުލީފަކީ ގިނަ ދިވެހިން ދެކިފައި ހުރި މަންޒަރެއް.
މަންމަ ބަލިވުމުން، ބައްޕަ ބަލިވުމުން ނުވަތަ އަނބިމީހާ ބަލިވަމުން، އަދާކުރަމުންދާ ވަޒީފާ ދޫކޮށް އާއިލާ ގާތައް އައުމުން އާއިލާއަށް ހަމައެކަނި ލިބެމުން ދިޔަ އާމްދަނީވެސް ހުއްޓުނީ.
ގިނަ ފަހަރަށް މާގިނަ ފައިސާއެއް ރައްކާކުރެވިފައި ނުހުރޭ.
ތީމުގެއިން ދޫކުރި 200 ޑޮލަރާއި ދެކޮޅު ޓިކެޓަށް ލިބުމުގެ ނަސީބު ގުޅިފައިވަނީ ވެރިޔާއާ އޮތް ގުޅުމާ.
ރާއްޖޭގެ ރައްޔިތުންގެ ހާލު، އާންމު ޙާލަތު ރަގަޅުކުރުމަށް ބަލިވީމާ ބޭސް ކުރެވޭނެ ގޮތެއް އޮތުން މަޖުބޫރު.
ދައުލަތުން ޤާއިމުކުރާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ފުރުޞަތު ހޯދައިދިނުމަކީ އެންމެ ބޮޑަށް މިޤައުމަށް ބޭނުންވެފައިވާ އެއްކަން.
ޒަކާތް ނޫން ގޮތަކަށް ދައުލަތުން އިންތިޒާމް ކުރެވިގެން ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަމަށް އެހީތެރިކަން ފޯރުކޮށްދީފައެއް ނުވޭ.
އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިސާބު ކުރެވި ބަޖެޓު ކުރެވިފައިވަނީ 16 ބިލިއަން ރުފިޔާ އިޖުތިމާޢީ ދާއިރާއަށް ޚަރަދުކުރުމަށް.
އެއީ ރާއްޖޭގެ ރައްޔިތުން ނިކަމެތިކަމުން މިންޖުކުރުމަށް.
އިންސާނިއްޔަތުކަން މި މުޖުތަމަޢުގައި ހިފެހެއްޓުމަށް.
މިއަދު އިޖުތިމާޢީ ރައްކާތެރިކަމަށް ޚަރަދުކުރުމުން މާދަމާގެ މުސްތަޤްބަލް އަޅުގަނޑުމެންނަށް ލިބެނީ.
ޤައުމެއް ފަޤީރުކަމުގައި އޮވެ ތަރައްޤީއެއް ނުވާނެ.
ގިނިކަންޏާ މައިންނާއި ބަފައިންނަށް ހެޔޮގޮތުގައި ރަނގަޅު ޖީލެއް ބިނާނުކުރެވޭނެ.
އާމްދަނީ 30،000 ރުފިޔާއަށް ވުރެ މަދުން ލިބޭ ކޮންމެ ދިވެހިރައްޔިތަކަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ އެހީތެރިކަން ލިބޭނެ.
އަޅުގަނޑުމެންގެ ބޭނުމަކީ މުއްސަނދިންނާއި ފަޤީރުންގެ ފަރަގު ކުޑަކުރުން.
އަޅުގަނޑުމެން އެންމެންވެސް މިތިބީ އެއް އޮޑިއެއްގައި.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ދެމިއޮންނަނީ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް.
ޤައުމެއްގެ ޙަޤީޤީ ބާރު ދެމިއޮންނަނީ އެޤައުމެއްގެ އަދުލު އިންސާފުގެ ދާއިރާގެ މައްޗަށް.
ގިނަ ޒަމާންތަކަށްފަހު ދިވެހިރައްޔިތުން ހޯދި ފަރުދީ މިނިވަންކަން ދަމަހައްޓައި މިޤައުމަކީ ރައްކާތެރި އަދުލުވެރި ވެއްޓެއްކަމުގައި ހެދޭނީ ދައުލަތުގެ އެންމެގައި މުވައްސަސާތައް ވަރުގަދަ ކުރެވިގެން.
އަޅުގަނޑުމެން މި ޤައުމު ކުށްކުރުމާއި އަމަން ނަގާލުމާއި ނުރައްކާތެރިކަމަށް ދޫކޮށެއްނުލާނަން.
ކޮރަޕްޝަނަށާއި ޚިޔާނާތަށް މި ޤައުމު ދޫކޮށެއް ނުލާނަން.
ހެޔޮވެރިކަމެއް ތި އެންމެ ބޭފުޅުންނަށްކޮށްދިނުމަކީ އަޅުގނަޑުމެންގެ އަޒުމް.
އެކަން ކުރުމަށް ދައުލަތުގެ މުވައްސަސާތައް އިސްލާހް ކުރުމަށް ކުރާން ހުރި ހުރިހާ ކުރުމަށް މެނިފެސްޓޯގައި ވާނީ ހިސާބު ކުރެވި ބަޖެޓު ކުރެވިފައި.
ރިޔާސީ އިންތިޚާބަކީ ދިވެހިންގެ ޤައުމިއްޔަތާއި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ އިންސާނީ ޙައްޤުތަކާއި، ދިވެހިންނަށް ބޭނުންވާ ތަރައްޤީގެ ފުރުޞަތުތައް ލިބޭނެ ގޮތަކަށް ސަރުކާރު އުފެއްދޭނެ އުސޫލު.
ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ލާ ވޯޓަކީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ގެއްލުނު ތަރައްޤީ އަނބުރާ ހޯދާ ވޯޓު.
ވޯޓު ދިނުމުގެ ޙައްޤުން އަޅުގަނޑުމެން ހޯދާނީ ފެނާއި ނަރުދަމާގެ ހައްޤު
ވޯޓުން އަޅުގަނޑުމެން ހޯދާނީ ބޯހިޔާވަހިކަމުގެ ހައްގު.
ވޯޓުން އަޅުގަނޑުމެން ހޯދާނީ ދަތުރުފަތުރާއި ތަޢުލީމުގެ ހައްޤު.
ވެހިރާއްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭއަށް ސިޔާސީ އިންގިލާބު ގެނައި ޕާޓީ. މިޕާޓީން ދިވެހިރާޢްޖެއަށް ތަރައްޤީގެ އިންގިލާބެއް ގެންނާނެ.
އެމަސައްކަތުގައި ދެމިހުރެ ދިވެހިންނަކީ ގެދޮރުވެރި ބަޔަކަށް ހަދައިދީ، ބަލިވުމުން ހާސްވުމަކާނުލާ ބޭސްފަރުވާ ކުރެވޭނެ ނިޒާމު ޤާއިމު ކުރުމަށް އަޅުގަނޑުމެން ވާނީ ހިސާބުކޮށް ބަޖެޓުކޮށްފައި.
ހަމައިސްކޮޅަށް ތެދުވެފައިވާ ފަޚުރުވެރި މިނިވަން މަސައްކަތްތެރިޔާ އުފެއްދުމަށާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވަނީ ހިސާބުކޮށް ބަޖެޓުކޮށްފައި.
އަދި ރަށު ބަންދުން ވީއްލި ދިވެހިރާއްޖެއަކީ ހާސްކަމެއްނެތި، ހަމަޖެހިގެން ދިރިއުޅެވޭނެ ތަނަކަށް ހަދައިދިނުމަށް އަޅުގަނޑުމެން ވަނީ ބެޖެޓުކޮށްފައި.
ދެން އޮތީ ހަމަ ވޯޓު އެޅުން.
އިރާދަކުރެއްވިއްޔާ މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ ހަމަ އެއްބުރުން.