ރައީސް ނަޝީދު ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ވާހަކަފުޅު ދައްކަވައިފި

ރައީސް މުޙަންމަދު ނަޝީދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ވާހަކަފުޅުދައްކަވައިފިއެވެ.

ކޮމަންވެލްތު ރޯޔަލް ސޮސައިޓީގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވީ ގޮތާއި، މިހިސާބުން ދެން ކުރިޔަށް ގެންދާނޭ ގޮތެއް ކަނޑައަޅައި، އެ ގޮތުގައި ކުރިޔަށް ދިއުމުގެ މުހިންމު ކަމާބެހޭ ގޮތުން އަލިއަޅުވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ވެސް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސީމެގް އެޖެންޑާއިން ރާއްޖެ ނެގުމަށް އެގުރޫޕުން ނިންމަވައިފިނަމަ ވާދަވެރި ސިޔާސީ ޚިޔާލު ދިވެހިރާއްޖެއިން ނެތިގެން ހިނގައިދާނެ ކަމަށާއި، އެފަދަ ދުވަހަކީ ދިވެހިރާއްޖެއަށް ހިތާމަވެރި ދުވަހެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ސީމެގްގެ ދައުރު ފުޅާކުރެވުނު ގޮތާއި އެކަމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ސިޔާސީ މަސްރަހުގެ އިތުރުން ދުނިޔެއަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތަކާ އަދި ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ތިމާވެށީގެ މައްސަލަ ޙައްލު ކުރުމަށް ޤާނޫނީގޮތުން ހުރުމަތްތެރިކޮށް ހިތުމަށް ލާޒިމް އެއްބަސްވުމެއް އޮންނަން ޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަށާއި ދުނިޔޭގެ ތިމާވެއްޓަށް ހަލުވި ކަމާއެކު އަންނަ ބަދަލުތަކުންނާއި ސައިންސްވެރިންގެ ހޯދުންތަކުން އެނގެނީ ތިމާވެއްޓަށް އަންނަ ބަދަލުތަކަކީ މުސްތަގްބަލުގައި ވާނެ ކަމެއް ނޫންކަމާއި އެއީ މިހާރު ވަމުން އަންނަ ކަންކަން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މިތަގުރީރަށްފަހު ރޯޔަލް ކޮމަންވެލްތު ސޮސައިޓީގެ ދައުވަތަކަށް ރައީސް ނަޝީދު ވަނީ ސްކޮޓްލެންޑަށް މިއަދު ވަޑައިގެންފައެވެ.

What do you think?

Name (required) :

Email (required) :

Website :