ނޫސް ބަޔާން

ޕްރޮސެކިއުޓަރ ޖެނެރަލް ރައީސް ނަޝީދުގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުރައްވާ ދަޢުވާގެ ޝަރީޢަތް ކުރުމަށް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން ދަންނަވަމެވެ.

1- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، އަދުލްއިންސާފު ޤާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ކަމަށެވެ. އެހެންކަމުން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މައްދާގެ (ށ) އާއި އެޤާނޫނުގެ 62 ވަނަ މާއްދާއިން ވަނީ ދަށު ކޯޓުތަކުގައި ހިމެނޭ ދެ ގިންތީގެ ކޯޓުތައް (ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތައް) އުފައްދާފައެވެ. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) އަދި އެޤާނޫނުގެ 62 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ، ޤާނޫނުއަސާސީއާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ބޭރުން އުފައްދާފައި ހުރި ކޯޓެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި އެހެންކަމުން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ޤަނޫނީ ގޮތުން ސައްޙަ ކޯޓެއްކަމަށް ބެލެވެން ނެތްކަންވެސް އެނގެއެވެ. މީގެ އިތުރުން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ސައްޙަކަން ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމާއި، އެމައްސަލައިގައި ސުޕްރީމްކޯޓުންވެސް އެކޯޓުގެ ސައްޙަކަމާމެދު ގޮތެއް ނިންމާފައި ނުވާކަންވެސް ފާހަގަ ކުރެވެއެވެ. އެހެންކަމުން، މިމައްސަލައިގައި، ޤާނޫނާ ޚިލާފަށް އުފައްދާފައި ހުރި ކޯޓެއްގައި ޝަރީޢަތް ކުރެވުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ ‘އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު’ ނިގުޅައިގަނެވޭނެ ކަމެއް ކަމަށް ދަންނަވަމެވެ.

2- މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ކަނޑައެޅުމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 67 ވަނަ މާއްދާގައިވަނީ އުޞޫލުތަކެއް ކަނޑައަޅާފައެވެ. އެހެންނަމަވެސް، ރައީސް ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދަޢުވާކުރައްވާފައިވާ މައްސަލަ ބެއްލެވުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށްވަނީ އެ އުޞޫލުގެ ބޭރުން “މެޖިސްޓްރޭޓުންގެ ޕެނެލް” އެއް އެކުލަވާލާފައެވެ. މެޖިސްޓްރޭޓުންގެ ޕެނެލް އެކުލަވާލާފައިވީ އިރު، އެޕެނެލްގައި މެޖިސްޓްރޭޓުން ހިމަނާފައިވަނީވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި އެކަން ކުރުމަށް ކަނޑައަޅާފައިވާ އުޞޫލުގެ ބޭރުންނެވެ. އަދި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެޕެނަލް އެކުލަވާލިއިރު، އެޕެނަލްގައި ހިމެނޭ 3 (ތިނެއް) މެޖިސްޓްރޭޓުންނަކީވެސް ހުޅުމާލޭ ކޯޓުގެ މެޖިސްޓްރޭޓުން ނޫންކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކޯޓުތަކުގައި ޝަރީޢަތް ހިންގުމަށް އެކުލަވާލާ ޕެނެލްއެއް އެކުލަވާލާނަމަ، އެކަން ކުރަނީ އެކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ މެދުގައި އެފަނޑިޔާރުން ހިމެނޭ ގޮތަށެވެ.

3- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައި، މެޖިސްޓްރޭޓަކު އައްޔަންކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގައި ވަގުތީ ގޮތުން ޝަރީޢަތްކުރުމަށް އެމެޖިސްޓްރޭޓަކާ ޙަވާލުކުރެވޭ ޙާލަތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެއީ، މަސައްކަތް ޙަވާލުކުރެވޭ ކޯޓުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުހިނގާނަމަ، ނުވަތަ އެކޯޓުން ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިނަމަ، ނުވަތަ އެކޯޓެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުން މަސައްކަތަށް ނުކުތުން މަނާކުރެވިފައިވާނަމަ، ނުވަތަ އެނޫންވެސް ކޯޓުގެ މަސައްކަތްތައް ލަސްވާފަދަ ނުވަތަ ހުއްޓޭފަދަ ސަބަބުތަކެއް ހުރިނަމައެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ އަދި އެކޯޓުގެ މެޖިސްޓްރޭޓުންނަކީ އިސްވެ ދެންނެވި އެއްވެސް ސަބަބެއް މެދުވެރިވެފައިވާ ކޯޓެއް ނުވަތަ މެޖިސްޓްރޭޓުންނެއް ނޫންކަން ފާހަގަކުރެވެއެވެ. ވީއިރު، ޕްރޮސެކިއުޓަރ ޖެނެރަލް ރައީސް ނަޝީދުގެ މައްޗަށް ހުށަހަޅުއްވާފައިވާ މައްސަލަ ބެއްލެވުމަށް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުން ފިޔަވައި އެހެން ކޯޓުތަކެއްގެ މެޖިސްޓްރޭޓުންތަކެއް އެޝަރީޢަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އާ ކަނޑައެޅިގެން ޚިލާފަށްކަން ވަރަށް ސާފުކޮށް އެނގެއެވެ.

4- ޕްރޮސެކިޔުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ މައްސަލަ ބެއްލެވުމަށް އެކުލަވާލި މެޖިސްޓްރޭޓުންގެ ޕެނެލްގައި ހިމެނޭ މެޖިސްޓްރޭޓުންނަށް ބަލާއިރު، އެޕެނެލްގައި ހިމެނޭ 3 (ތިނެއް) މެޖިސްޓްރޭޓުންގެ ތެރެއިން އެއް މެޖިސްޓްރޭޓުގެ މައްސަލަތަކެއް (ކޮރަޕްޝަންގެ މައްސަލައަކާއި، ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލައެއް) ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހުށަހެޅި، އެކޮމިޝަނުން އެމައްސަލަތައް ބަލަމުންދާކަން ފާހަގަކުރެވެއެވެ. އެފަދަ މައްސަލަތަކެއް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބަލަމުންދާ މެޖިސްޓްރޭޓެއް ހިމެނޭ ޕެނެލްއަކުން، އަދުލްވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ޝަރީޢަތްކުރެވިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

5- ޕްރޮސެކިޔުޓަރ ޖެނެރަލް ރައީސް ނަޝީދުގެ މައްޗަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުރައްވާ ދަޢުވާއެކެވެ. އެދައުވާ ހިމެނޭ މައްސަލައަކީ، ބޮޑެތި މައްސަލަތައް ކަމުގައި ބަލާ ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫނެވެ. އެއީ، ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގައިވާ ކުށެއް ސާބިތުވެއްޖެނަމަ ކަނޑައެޅިފައި އޮންނަ އެންމެ ބޮޑު އަދަބަކީވެސް، 3 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ޙުކުމްކުރުމެވެ. އެފަދަ މައްސަލަތައް ބެލުމުގައި މިހައިތަނަށް ޢަމަލުކުރަމުން އައިސްފައިވާ އުޞޫލަކީ، އެމައްސަލައެއް ހުށަހެޅޭ ކޯޓެއްގެ މެޖިސްޓްރޭޓް ނުވަތަ ފަނޑިޔާރު އެމައްސަލައެއް ބަލައި ނިންމުމެވެ. ވީއިރު، ޤާނޫނުލްޤުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ މި މައްސަލައިގެ ޝަރީޢަތް ކުރުމަށް 3 މެޖިސްޓްރޭޓުންގެ ޕެނެލްއެއް އެކުލަވާލުމަކީ، މިހައިތަނަށް ޢަމަލުކޮށްފައިވާ އުޞޫލެއް ނޫންކަންވެސް ފާހަގަކުރަމެވެ.

6- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައިވަނީ، ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި އެޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ރައީސް ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ދަޢުވާއަކީ ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާއާ ޚިލާފުވެގެން ކަމަށް ވިދާޅުވެ ކުރައްވާފައިވާ ދަޢުވާއެކެވެ. ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން މީގެ ކުރިން ކުރައްވާފައިވާ އެއްވެސް ދަޢުވާއެއްގެ މައްސަލަ ބައްލަވަން މެޖިސްޓްރޭޓުންގެ ޕެނެލް އެއް އެކުލަވާލާފައެއް ނުވެއެވެ. ވީއިރު، މިމައްސަލަ ބައްލަވަން މެޖިސްޓްރޭޓުންގެ ޕެނެލްއެއް ހައްދަވައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި އެމެޖިސްޓްރޭޓެއްގެ މައްސަލަތައް ބެލެމުންދާ މެޖިސްޓްރޭޓެއް ހިމަނުއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން މެޖިސްޓްރޭޓުން ހޯއްދަވައި އެޕެނެލްގައި ހިމަނުއްވައި، އެ ޕެނެލްއިން މިމައްސަލައިގެ ޝަރީޢަތް ހިންގުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ޚިލާފަށް، ރައީސް ނަޝީދާމެދު ތަފާތުކުރުން ކަމުގައި ދެކޭ ކަމެއް ކަމުގައިވެސް ދަންނަވަމެވެ.

7- ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ “ދަޢުވާ ރައްދުވާ ފަރާތަށް އަންގާ އެންގުން” އިން ރައީސް ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅުއްވި މައްސަލަ އެކޯޓުގައި ޤަޟިއްޔާ ކުރެވުނު ކަމާއި، އަދި އެ ޤަޟިއްޔާ ނިމުމުގެ ކުރިން، އެއްވެސް ސަބަބަކާހުރެ މާލޭ ސިޓީއިން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ފުރަން ޖެހިއްޖެނަމަ އެކޯޓުގެ ހުއްދަނެތި ފުރައިގެން ގޮސްގެން ނުވާނެ ކަމަށް އަންގަވާފައެވެ. މި އެންގުން އަންގަވާފައިވަނީ، މައްސަލައެއް ކޯޓަށް ހުށަހެޅުމުން، ޢަމަލުކުރާ އުޞޫލާ ޚިލާފަށް، ކޯޓުގައި މައްސަލަ ތާވަލު ކުރުމުގެ ކުރިން އަދި މައްސަލަ ހިންގުމަށް ވަކި ދުވަހެއްވެސް ކަނޑަނާޅުއްވައެވެ.

8- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގައާއި، ޤާނޫނު ނަންބަރު 2008/9 (ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ފ) ގައި، ޤާނޫނުއަސާސީގެ ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. ވީއިރު، ޕްރޮސެކިއުޓަރ ޖެނެރަލް ޝަރީޢަތަށް ހުށަހަޅުއްވާފައިވާ މި މައްސަލައިގައި، ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް އުފައްދާފައިވާ ކޯޓެއްގައި، ޤާނޫނާ ޚިލާފަށް އަދި އާންމުކޮށް ޢަމަލުކުރާ އުޞޫލާވެސް ޚިލާފަށް އެކުލަވާލާފައިވާ، މެޖިސްޓްރޭޓުންގެ ޕެނެލްއަކުން ކުރާ ޝަރީޢަތަކީ ޤާނޫނުއަސާސީން ރައީސް ނަޝީދަށް ލިބިދީފައިވާ ޙައްޤު ނިގުޅައިގަނެވޭނޭ ކަމެކެވެ. ވީމާ، ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތު އަދާކުރެއްވުމަށްޓަކައި، އެ މައްސަލައިގެ ޝަރީޢަތުގެ އެންމެހައި ކަންކަން ހިންގަނީ އިންސާފުގެ ހަމަތަކުންކަން ކަށަވަރު ކުރުމަކީ ޕްރޮސްކިއުޓަރ ޖެނެރަލްގެ ޒިންމާއެއް ކަމުގައި ދެކެމެވެ.

9- އަދި ރައީސް ނަޝީދުގެ ޝަރީޢަތާ ގުޅިގެން މި ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ހިނގަނީ ޤާނޫނުތަކާ އެއްގޮތަށް، އިންސާނީ ޙައްޤުތައް ނިގުޅައިނުގަނެވިކަން ކަށަވަރު ކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ ހިއުމަން ރައިޓްސް ކޮމިޝަނާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއިން މިހައިތަނަށް އެކަންކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަ ކުރަމެވެ.

ވީމާ، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ޤާނޫނުއަސާސީން ކޮންމެ މީހަކަށްމެ ކަށަވަރު ކޮށްދީފައިވީއިރު، އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން ރައީސް ނަޝީދަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ފުރުޞަތު ނެތްކަމީ މިއޮފީހުން ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ.

26 ސެޕްޓެމްބަރ 2012

What do you think?

Name (required) :

Email (required) :

Website :