ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާ އެންމެ މުހިންމު ސަބަބަކީ އެމްޑީޕީއިން އެކަށައަޅައިފައިވާ ސިޔާސަތުތައް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ ވައުދަކީ ކޮބައިކަމާއި، އެވައުދު ވާގޮތާއި، ސިޔާސީ ޕާޓީ ހިންގާ ގޮތާއި، ސިޔާސީ ޕާޓީގެ ސިޔާސަތުތައް ކަނޑައަޅައި އުސޫލުތައް މިރާއްޖެއަށް ތައާރަފްކުރަމުން އަންނަނީ އެމްޑީޕީކަން ރައްޔިތުންނަށް އެނގޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުން ނިންމައިގެންތިބީ ރާއްޖެއަށް ތަރައްގީ އަންނާނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުވީމާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު އޮތީ އެމްޑީޕީގެ ފިކުރުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ފުވައްމުލަކުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި އެ ފިކުރަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގެން ޖެހޭނެކަމަށް ދެކުން ކަމަށާއި އަދި ރާއްޖެ ތަރައްގީ ކުރެވޭނީ ޒަމާނީ ޑިމޮކްރެސީ އެއް ގާއިމްކޮށްގެންކަން ގަބޫލުކުންކަމަށެވެ. އެމްޑީޕީއިން މިކަންތައް އަށަގަންނުވަން އަބަދުވެސް މަސައްކަތްކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބު އެއްބުރުން ކާމިޔާބުވާނޭ ސަބަބުތަކަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައްޔިތުން 30 އަހަރާއި އެމަނިކުފާނުގެ 3 އަހަރު ރައްޔިތުން މިނާ، އަޅައިކިޔައިފިކަމަށެވެ. މިގޮތުން 30 އަހަރުގެ ތެރޭގައި އުމްރާނީ ގޮތުން ލިބުނު ތަރައްގީ ލަސްކަން ފާހަގަކުރައްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުގައި އައި ހަލުވި ތަރައްގީގެ މައްޗަށް ރައީސް ނަޝީދު ބައްލަވައިލެއްވިއެވެ. އަދި އެތަރައްގީ ލިބުނީ ކިހިނެއްކަމާއިމެދު ރައްޔިތުން ވިސްނާތީ އެއްބުރުން މިއިންތިޚާބު ކާމިޔާބުވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްރަށަށް އެމަނިކުފާނު ވަޑައިގަތުމުން ވަކިވަކި ކަންތައްތަކަށް އެދޭަކަމަށާއި އެފަދަ ވައުދުތައް އިދިކޮޅު ސިޔާސީ ވެރިން ވަމުންދާކަމަށާއި އެހެންނަމަވެސް އެކަހަލަ ވައުދަކީ ސިޔާސަތެއް ނެތި، ހިނގާނެ ހަރަދެއް ނޭނގޭހާ ހިދެއްގައި އެއީ ސިޔާސީ ވައުދުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސިޔާސީ ވައުދަކީ ސިޔާސަތާއި ގުޅިގެން އަންނަ ވައުދުކަމަށް އެމަނިކުފާނު ފާހަގަކުރައްވަމުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުވީމައި ރައްޔިތުން އެދޭކަންކަން ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީގެ މެނިފެސްޓޯގެ ދަށުން 137 ޕްރޮޖެކްޓް ހިންގޭނެކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެހުރިހާ ވައުދުތަކެއް ފުއްދޭނެމަގު ތަނަވަސްވެގެންދާނޭކަމަށްވެސް ވިދާޅުވިއެވެ. ދައުލަތުގެ އާމްދަނީއަށް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 72 ބިލިއަން ރުފިޔާ ލިބިގެންދާނޭކަން ފާހަގަކުރައްވަމުން އޭގެ ތެރެއިން 30 ބިލިއަން ރުފިޔާ އެޕްރޮެކްޓްތަކަށް، 37 ބިލިއަން ރުފިޔާ އިދާރީކަންކަމަށާއި އާންމުހިންގުމަށް، 16 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ޚަރަދުކުރައްވާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސިޔާސަތުތައް އެކުލަވައިލައިފައިވަނީ ދޮރުންދޮރަށް ހިނގައި ރައްޔިތުންގެ އުންމީދުތައް ހާސިލްވާނޭގޮތް ބަލައިފައިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ސިޔާސީ ކެމްޕެއިނެއް ހިންގާ ތާއިދު ހޯދޭނީ މިފަދަ ގޮތަކަށް ކަމަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް އަދި އެކަން ވިސްނޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން މިފަހަރު ހުށައަޅައިފައިވަނީ މައިގަނޑު 3 ވިޔަފާރިއެއްކަމަށާއި އެއީ ގެސްޓްހައުސްގެ ވިޔަފާރި އާއި އެގްރިވިޔަފާރި އާއި މެރިކަލްޗަރގެ ވިޔަފާރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ފުވައްމުލަކަކީ ގުދުރަތީ ގޮތުން ރީތި ރަށަކަށް ވުމާއެކު ގެސްޓްހައުސްގެ ވިޔަފާރި ރަށުގައި ފުޅާކުރުމުން ވަޒީފާގެ ފުރުސަތު އިންތިހާއަށް އިތުރުވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސަތުތައް ތަންފީޒުވެ ފުވައްމުލައް ސިޓީއަަކަށް ބަދަލުކުރައްވާނޭކަމަށް ރައީސް ނަޝީދު ފާގަކުރެއްވިއެވެ. މިގޮތުން އުމްރާނީ ގޮތުން ރަށް ތަރައްގީވާނޭކަމަށް ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބުކުރަން މިހާރު އެންމެ މުހިންމީ ހާސްނުވެ ތިބުން ކަމަށާއި ވޭތުވެދިޔަ 18 މަހު ފުވައްމުލަކުގައި ކެމްޕެއިން ޓީމް އިން އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައިގެންކުރި މަސައްކަތުން މިއަދު ހާސްވާންނުޖެހޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޑީޕީއިން ގަބޫލުކުރީ ބައެއްގެ މޮޅުކަމަކީ އެބަޔަކު ކުރިއަރާއިދާ މިންވަރު ނޫންކަމަށާއި ވެއްޓުނީމާ ތެދުވަނީ ކިހާއަވަހަށްތޯ ބެލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.