ނޫސްބަޔާން

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ 07 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ 16:00 އަށް ރައީސް ނަޝީދު އެކޯޓަށް ޙާޟިރުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ކޯޓުއަމުރެއް ނެރުއްވާފައެވެ. އެކޯޓުން ނެރުއްވާފައިވާ ޢަމުރާ ގުޅޭ ގޮތުން އިސްތިޢުނާފު ކުރަން ބޭނުން ކަންތައްތަކެއް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ ހުށަހެޅުމަށް މިއަދު (06 އޮކްޓޯބަރު 2012) ގެ ހެނދުނުއްސުރެ ވަނީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މިވަގުތާ ހަމައަށްވެސް އެމައްސަލަ ބަލައިގެންފައި ނުވާ ވާހަކަ ދަންނަވަމެވެ.

މިފަދަ މައްސަލަތަކުގައި ކޯޓުން ނެރޭ ޙުކުމްތައް އިސްތިޢުނާފްކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. އަދި، ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 (11 ޖުލައި 2010) ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ޖިނާޢީ މިފަދަ މައްސަލަތަކުގައި އިސްތިޢުނާފު ކުރުމުގެ ފުރުޞަތު ލިބިފައި އޮންނަންވާނެކަން ވަރަށް ރަނގަޅަށް އެނގެއެވެ. މީގެ އިތުރުން، މިފަދަ އަވަސް މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ޢަމަލުކުރަމުން ގޮސްފައިވާ ގޮތަށް ބަލާއިރު، ބުރާސްފަތި ދުވަހުގެ ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައިވެސް ވަނީ އެކޯޓު ހުޅުވައިގެން މައްސަލަ ކޯޓަށް ބަލައިގަނެ އަދި ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައިވެސް އެމައްސަލަތަކުގައި ކޯޓުން ޢަމުރުތައް ނެރުއްވާފައެވެ.

އަދި ދަންނަވަމެވެ. ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައިވަނީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އެހެންނަމަވެސް، އިސްވެ ދެންނެވި ގޮތަށް ހައިކޯޓުން މިމައްސަލައިގައި ޢަމަލު ކުރައްވާފައިވުމުން، ރައީސް ނަޝީދު މިއަދު ހުށަހަޅުއްވަން ބޭނުންފުޅުވި މައްސަލަ އެކޯޓަށް ހުށަނޭޅުއްވި، ޤާނޫނުއަސާސީން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ، އިސްތިއުނާފު ކުރުމުގެ ޙައްޤަށް ހުރަސްއެޅިފައިވާކަން މިއޮފީހުން ފާހަގަކުރަމެވެ.

06 އޮކްޓޯބަރު 2012

What do you think?

Name (required) :

Email (required) :

Website :