ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމަށް އިނގިރޭސިވިލާތުގެ ދެ ލޯފަރމަކުން ދެ ޤާނޫނީ ވަކީލަކު އައްޔަން ކުރައްވައިފި

ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމަށް އިނގިރޭސިވިލާތުގެ ދެ ލޯފަރމަކުން ދެ ޤާނޫނީ ވަކީލަކު އައްޔަން ކުރައްވައިފިއެވެ. އެ ދެ ޤާނޫނީ ވަކީލުންނަކީ، ސަރ އިވާން ލޯރެންސް (ކިޔު.ސީ) އާއި، މރ. ޢަލީ މުޙައްމަދު އަޒްހަރު އެވެ.

ސަރ އިވާން ލޯރަންސް (ކިޔު.ސީ) އަކީ، އިނގިރޭސިވިލާތުގެ ކްރިމިނަލް ލޯޔަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޤާނޫނީ ވަކީލެވެ. ސަރ އިވާން ލޯރަންސް (ކިޔު.ސީ) އަކީީ ޑިވިޜަނަލް ކޯޓާއި، ކޯޓް އޮފް އެޕީލްއާއި (އިސްތިއުނާފު ކޯޓު) އަދި އެންމެ މަތީ މަރުހަލާގެ ކޯޓު ކަމުގައިވާ ހައުސް އޮފް ލޯޑްސްގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން، ސަރ އިވާން ލޯރަންސް (ކިޔު.ސީ) އަކީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި 23 އަހަރު ދުވަހު މަސައްކަތް ކުރައްވައި، ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ސަރ އިވާން ލޯރަންސް (ކިޔު.ސީ) އަކީ، ފައިވް ޕަމްޕްކޯޓް ޗެމްބަރސް (ލަންޑަން ޗެމްބަރސް)ގެ 33 މެމްބަރުން ހިމެނޭ ކްރިމިނަލް ލޯ ގްރޫޕްގެ އެންމެ އިސް ޤާނޫނީ ވަކީލު ވެސް މެއެވެ.

ސަރ އިވާން ލޯރަންސް (ކިޔު.ސީ) ގެ އިތުރުން، ރައީސް ނަޝީދު ޢައްޔަން ކުރެއްވި ޤާނޫނީ ވަކީލު މރ. ޢަލީ މުޙައްމަދު އަޒްހަރަކީ، އިނގިރޭސިވިލާތުގެ އެންމެ މަތީ މަރުހަލާގެ ކޯތުތަކުގައި (ކޯޓް އޮފް އެޕީލް އަދި ހައުސް އޮފް ލޯޑްސް) ގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ. މރ. ޢަލީ މުޙައްމަދު އަޒުހަރު ޖިނާޢީ މައްސަލަތަކުގައި ދިފާޢީ ވަކީލެއްގެ ގޮތުން މަސައްކަތްކުރެއްވުމުގެ އިތުރުން ވަނީ ޕްރޮސިކިޔުޝަންގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި، ޤާނޫނީ ހުރިހާ ދާއިރާއަކުން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގަތުމުގެ އިތުރުން ޢަލީ މުޙައްމަދު އަޒްހަރަކީ އިސްލާމީ ޝަރީޢާ ލޯ އާއި، އިންޓަރނޭޝަނަލް އަދި ހިއުމަންރައިޓްސް ލޯ ގެ މާހިރެއްވެސްމެއެވެ. ޢަލީ މުޙައްމަދު އަޒްހަރަކީ ޕާކިސްތާނުގެ ހައިކޯޓުގައާއި، އިނގިރޭސިވިލާތުގެ ސައުތް އީސްޓަރން ސަރކިޓް، އަދި ކްރިމިނަލް ބާ އެސޯސިއޭޝަންގެ މެންބަރެކެވެ.

ސަރ އިވާން ލޯރަންސް (ކިޔު.ސީ) އާއި މރ.ޢަލީ މުޙައްމަދު އަޒުހަރު ވަނީ ރައީސް ނަޝީދުގެ ޤާނޫނީ ޓީމާއެކު މިހާރު މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.

What do you think?

Name (required) :

Email (required) :

Website :