ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ތެރެއިން ރާއްޖޭގެ ގިނަ ރައްޔިތުން އެދި ގޮވަނީ އެމްޑީޕީއަށް: ރައީސް ނަޝީދު

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ގިނަ ރައްޔިތުން އެދި ގޮވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އަށް ކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރޭ (8 ސެޕްޓެމްބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ބޭއްވުނު ‘ބާރަށް ކުރިއަށް’ ޖަލްސާގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް އިޝާރާތްކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅު ރޭ ފައްޓަވައިފައިވަނީ އެމްޑީޕީއަށް ވޯޓުދެއްވި އަދި އިންތިޚާބުގައި ބައިވެރިވި އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުންނެވެ.

އެމަނިކުފާނަކީ ގޮތްހުސްވެގެންދާނޭ މީހެއް ނޫންކަމަށާއި އަދި ވަރުބަލި ވާނޭ މީހެއް ނޫންކަމައްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއަށް ރައްޔިތުންގެ ބޭނުންތައް ސާފުކަން ފާހަގަކުރައްވަމުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިގު 30 އަހަރަށް ނޫނެކޭ ބުނެފިކަމަށް އަދި ރާއްޖޭގެ ރައްޔިތުން ރައީސް މައުމޫނަކަށް ނޭދޭކަމަށް ވިދާޅުވިއެވެ. ޕީޕީއެމްއަކީ 50,000 ވޯޓުގެ ޕާޓީއެއްކަމަށާއި ވެރިކަން ހޯއްދަަވަން އެކިއެކި ޕާޓީތަކާއި ވާހަަކަ ދެއްކިޔަސް ‘ނަގޫ ގޮއްޖެހޭނ’ީ އެބޭފުޅުން އެބޭފުޅުންނާއިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ މެދުގައި ވެވޭ އިއްތިހާދެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް މިއިންތިޚާބު އެމްޑީޕީއިން ކާމިޔާބުކުރާނޭކަން މިހާރު މުޅި ރާއްޖެއަށް ސާފުވެފައިވާނޭކަން ރައީސް ނަޝީދު ރޭ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ވާދަވެރިން 95,000 ވޯޓު ނަގައިގެން މިތަނަށް އަންނާނޭކަމަށް ހީނުކުރައްވާކަމަށާއި އެބޭފުޅުން ހައިރާންވެ އަންތަރީސްވެފައިވާކަމަށެވެ. ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް ވޯޓު ދެނީ އެރައްޔިތުންގެ އުންމީދުތަކަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް 5 އަހަރުގެ ވެރިކަން ނުނިންމުނީ ބާޣީ މުޙައްމަދު ވަހީދުގެ ސަބަބުން ކަމަށާއި އެހެންނަމަވެސް އެކަމުން މިހާރު މިސަލާމަތް ވީކަމަށް އިންތިޚާބުގެ ނަތީޖާއަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު ކޮންމެ ރަށެއްގައި ތިބި ކެމްޕެއިން މެނޭޖަރުންނަށް ދެވަނަ ބުރުގައި އެމްޑީޕީއާއި ގުޅޭނެ މީހުން ސާފުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މައުމޫނު ސަރުކާރުގައި ވެސް އުޅުއްވި ސިޔާސީ އިސްބޭފުޅުންނަށް ދިވެހިރާއްޖެ ކުރިއަށް އޮތްތާ އޮންނަންޖެހޭނެގޮތް މިހާރު ސާފުވެފައިވާކަމަށްވެސް ވިދާޅުވިއެވެ. އެ ދިވެހިރާއްޖެއަކީ ކޮބައިކަން އޮޅުންފިލުވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއީ ޓެކްސްގެ ނިޒާމެއް އޮންނަ، ދައުލަަތަށް އާމްދަނީ ލިބޭ، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ ރާއްޖެއެއްކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ދާން ބޭނުންވާ ތަން އެނގޭ ކަމަށާއި އެއީ ތެޔޮ ވަޅަކަށް އެރެން ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަން ފިހިވެފައިއޮތް، ބަލިވީމާ އިންޖެކްޝަނެއް ޖަހާލެވޭނެ ގޮތެއް ވެފައިއޮތް، ދަރިންނަށް ތައުލީމެއް ދެވޭނެ މަދަރުސާއެއް ރަށުގައި ހުރި، މުނިފޫހިފިލުވޭނެ ގޮތެއްވެފައިއޮތް، ޒުވާުންނަށް ދުޅަހެޔޮކަމާއި އެކު ބޮޑުވެވޭނެ ދިވެހިރާއްޖެއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެދިވެހިރާއްޖޭގެ ތަސައްވަރު ދައްކައިދެނީ ހަމައެކަނި އެމްޑީޕީގެ މެނިފެސްޓޯކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :