ސިޔާސީ ގޮތުން ހޭލުންތެރިކޮށް މުޖުތަމައުގައި ހަމަޖެހުން ގާއިމްކުރުމަށް އދ.ގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ޕެނަލް ފޯ ނެޝަނަލް ހާމަނީއާއި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީގެ މައި އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި ޕެނަލް ފޯ ނެޝަނަލް ހާމަނީން ކުރައްވަމުން ގެންދަވާ ހުރިހާ މަސައްކަތަކަށް އެމަނިކުފާނު އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ މިވަގުތަށް ދިވެހިރާއްޖެއަށް މުހިއްމު ކަމެއްކަމަށާއި އެހެން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.