މިހާރު ފެންނަމުންދާ މަންޒަރުތަކުން އަންނަ ރިޔާސީ އިންތިޙާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކުރީގައި އެމް.ޑީ.ޕީ އަށް މާބޮޑު ކާމިޔާބެއް ނުލިބޭ ދާއިރާތަކުން މިހާރު ވަރަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާކަމަށް އެމަނިކުފާނު ވިދާޅުވީ މިއަދު މެންދުރާއި ގާތްވެފައިވަނިކޮށް ފ. ބިލެތްދޫގައި މާދަމާ ނެގުމަށް ހަމަޖެހިފައިވާ ކައުންސިލްގެ ބައި އިލެކްޝަންއަށް ކެމްޕޭންކޮށްދެއްވުމަށް ބިލެތްދޫއަށް ވަޑައިގަތުމަށްފަހު މާލެ ވަޑައިގަނެ ރާއްޖެ ޓީވީ އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
‘ފުރަތަމަ ބުރުގަ މިސާލަކަށް އެމް.ޑީ.ޕީއަށް ވަރަށް މަދުން ވޯޓުދިން ރަށްރަށް އަދި ދާއިރާތަކުން، މިހާރު ވަރަށް ބޮޑެތި ކުރިއެރުންތައް އެބަލިބޭ. އެގޮތުން ބަޣާވާތައްފަހު ބޭއްވުނު ބައި އިލެކްޝަން ތަކުގެ ތެރެއިން ހއ. ފިއްލަދޫ ގޮޑި އެއީ އަލުން އަނބުރާ ނެގުނު ގޮނޑިއެއް، ދެފަރަރެއްގެ މަތިން ނ. މާފަރުގަޔާއި އއ. މަތިވެރި ގައިބޭއްވި ބައި އިލެކްޝަންއިން ދެތަނުންވެސް އެއް ފަހަރު ގޮނޑި ނެގުނު. އދ. ހަންޏާމީދޫގެ ބައި އިލެކްޝަން ކާމިޔާބު ކުރެވުނު އަދި މ. ރަތްމަންދޫ ގެ ބައި އިލެކްޝަން މުޅިން އަލަށް ކާމިޔާބު ކުރެވުނު’ ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖްލީސް އިންތިޙާބުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ. ‘ކުރީގައި ކާށިދޫ ދާއިރާއަކީ އަޅުގަޑުމެންނަށް ވަރަށް ކުޑަކޮށް ވޯޓުނެގުނު ދާއިރާއެއް، ނަމަވެސް 40 ގެ މަތީ ފަށަލައިގެ ކާށިދޫ ދައިރާއިންވެސް ވޯޓު މިހާރު މިހުރީ’ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މާދަމާ ބެއްވުމަށް ހަމަޖެހިފައިވާ މުލަކު ދާއިރާގެ އަތޮޅު ކައުންސިލް ގެ އިންތިޙާބަށް ކެމްޕޭންކޮށްދެއްވުމަށް މިދިޔަ ހަފްތާތެރޭގައި އެދާއިރާގެ ރަށްތަކަށްވެސް ދަތުރުފުޅެއް ކުރައްވާފައެވެ.
މުލަކު ދާއިރާއާއި ބެހޭގޮތުން އެމަނިކުފާނު ވިދާޅުވީ މިހާރު އެމް.ޑީ.ޕީ އާއިއެކު މަސައްކަތްކޮށް ކުރިއަށް ދިއުމަށް ތިބި ރައްޔިތުން މަދެއް ނޫންކަމަށް. އަދި އެދާއިރާގަވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެމް.ޑީ.ޕީ ސަރުކާރުގެ ކުރު މުއްދަތުގެ ތެރޭގައި ކުރަންފެށިފައިވާކަމަށް. އެގޮތުން 2008 ގެ ކުރިން ދެފަހަރެއްގެ މަތިން ކޮޅުފުށީގައި ސުނާމީ އާއި ގުޅިގެން ކުރަން ފެށުނު މަސައްކަތްތައް ހުއްޓާލާފައިވާއިރު އެމް.ޑީ.ޕީ ސަރުކާރުން މިހާރު އެރަށުގައި ގެތައްއަޅާ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ގެންދާ މީހުން ގެތަކަށް ވެއްދުމުގެ މަސައްކަތް މިހާރުކުރުމަށް ތައްޔާރުވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި އެހާ ބޮޑު ކޮންސްޓްރަކްޝަން މަސައްކަތްތަކެއް އެރަށުގައި މީހުން ދިރިއުޅެމުން ހިންގާފައިވާތީ ރަށުތެރެ ސާފުކޮށް އިތުރަށް ކުރަންހުރި މަސައްކަތް ސާފުވެފައިވާކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ތިން ބައި އިލެކްޝަން އެއީ މުލަކު ދާއިރާގެ އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން އާއި އަދި ފ. ބިލެތްދޫ ރަށު ކައުންސިލް އާއި ލ. މާބައިދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަންގައި ރަގަޅު ނަތީޖާތަކެއް އެމް.ޑީ.ޕީއަށް ނެރެވޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.