2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ސާދާކަމާއިއެކު ކާމިޔާބު ކޮށްދޭނަން – ރައީސް ނަޝީދު

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ސާދާ ކަމާއިއެކު ކާމިޔާބުކޮށްދެއްވާނޭކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އުސްފަސްގަނޑުގައި އެމް.ޑީ.ޕީ ގެ ފަރާތުން ބޭއްވި ޙާއްޞަ ޖަލްސާގައި އެޕާޓީގެ މެންބަރުންނާއި އަދި ސަޕޯޓަރުންނާއި މުޙާތަބު ކުރައްވަމުންނެވެ. އިންތިޙާބުގައި ކެންޑިޑޭޓުންގެ ލިސްޓްގައި ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ހިމެނިފައި އޮންނާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމަށް ވެސް ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ‘ތިޔަބޭފުޅުންވެސް އަދި މިރާއްޖޭގެ ރައްޔިތުންވެސް ތިއްބެވީ ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓްގައި އަޅުގަނޑުގެނަން ނުހިންމެނޭގޮތަށް އެއްވެސް ޙާލެއްގައި މިރާއްޖޭގެ އެއްވެސްކަމެއް ހިގިޔަދޭކަށަށެއްނޫން. މިރާއްޖޭގެ ޒުވާނުންނާއި، މެދު ޢުމުރުގެ އެންމެނާއި އަދި ހަރު އެތައްބައެއްވެސް ނުކުމެވަޑައިގަނެ ތިޔަތިއްބަވަނީ އަދި ވިސްނަވަމުން ތިޔަގެންދަވަނީ އަދި މަސައްކަތް ކުރައްވަނީ މިރާއްޖޭގެ ހަމަޖެހުމަށާއި ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ލިބޭނޭގޮތްތައް ހޯދާދިނުމަށް. އެކަމުގައި މިވަގުތު ހިންގާންޖެހިފައިވާ އެންމެ މުހިއްމު އެންމެ ބޮޑުއެއް މަސައްކަތަކީ ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙް ކުރުން’. ޝަރުއީ ނިޒާމުގެ ތެރެއިން ކުރެވޭ ގިނަކަންކަން ކުރެވިގެން ދަނީ ޢާއްމު އުޞޫލުތަކާއި ހަމަތަކާއި ޚިލާފަށް ކަންވެސް ދުވަހުން ދުވަހަށް ސާފުވަމުން ދާކަންވެސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިހާރު ހުޅުމާލޭ ކޯޓުގައި އެމަނިކުފާނުގެ މައްޗަށް ކުރަމުން ގެންދާ ދައުވާ އަށް އަލިއަޅުވާލައްވަމުން ވިދާޅުވީ ދައުވާ ކުރައްވާ މާއްދާ އާއި ޝަރިއްޔަތުގެ މަޖްލީހަށް ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވާ ބަޔާންތަކާއި ކުޑަވެސް ގުޅުމެއް ނުވާކަމަށް އެމަނިކުފާނަށް ފާހަގަ ކުރެއްވޭކަމަށެވެ. އަދި ހެކި ނެތް ތުހުމަތެއް ކޮށްގެން ނެތްކަމެއް ކުރާން އުޅެނީކަމަށާއި އަދި އެކަމަކީ ނުވާނެކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ނިންމަވާ ލައްވަމުން ރައީސް ނަޝީދު ވިދާޅުވީ މުޞްތަފާ ލުތުފީ ވިދާޅުވިފަދައިން އެމަނިކުފާނުވެސް ޤަބޫލުފުޅު ކުރައްވަނީ ‘ކަމެއްކޮށްގެންކަމަށް ކަމެއްވާނީ’ . އެހެންކަމުން އަދި މިފަހަރަކު އެދައުވާ ކުރައްވާ ބޭފުޅުން އެއްވެސްކަމެއް ކުރައްވާކަށް ނޫޅުއްވާކަމަށާއި މާތް ﷲ ގެ އިރާދަފުޅުން އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމުގެ ޔަޤީންކަން އެންމެހާ މެންބަރުންނަށާއި ސަޕޯޓަރުންނަށް ދެއްވާކަމަށެވެ.

ރޭގަ އުސްފަސްގަނޑުގެ މިޖަލްސާ އަޑު އެހުމަށް އެމް.ޑީ.ޕީ ގެ ވަރަށް ގިނަ ޢަދަދެއްގެ މެންބަރުންނާއި ސަޕޯޓަރުން އެ ސަރަޙައްދުގައި ތިއްބެވެ. އަދި މިޖަލްސާގައި ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޞްތަފާ ލުތުފީ، އެމް.ޑީ.ޕީ ސަރުކާރުގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އަލްއުސްތާޛް ޙަސަން ލަތީފް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރ އަލްއުސްތާޛް އިމްތިޔާޒް ފަހުމީ އަދި މަޑަވެލި ދާއިރާގެ މެންބަރ އަލްފާޟިލް މުޙައްމަދު ނާޒިމް ވާހަކަފުޅު ދެއްކެވިއެވެ.

What do you think?

Name (required) :

Email (required) :

Website :