އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުން : ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުންކަމުގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭ މައްޗަންގޯޅި ދެކުނުގައި ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވަނީ އެޚިދުމަތްތައް ދިނުމަށް އެމްޑީޕީގެ މެނިފެސްޓޯ ބައްޓަންވެފައިވާގޮތަށް އަލިއަޅުވައިލައްވާފައެވެ.

އެމްޑީޕީ ސަރުކާރުގައި ދެމުން ގެންދިޔަ ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ މައްޗަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ޒުވާނުންނަށް އެފަދަ ފުރުސަތެއް ބޭނުންވެފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި އެފަދަ ޒުވާނުން ރަނގަޅަށް ބަލަހައްޓާ، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، ބޭނުންވާ ހުނަރާއި ވަޒީފާގެ ފުރުސަތު ހޯދައިދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް ބައްލަވައިލައްވަމުން މާލޭގެ ރައްޔިތުންނަށް ތޮއްޖެހިގެން ދިރިއުޅެމުންދާ މައްސަލައަށް ރައީސް ނަޝީދު ބައްލަވައިލެއްވިއެވެ. މިގޮތުން ދިވެހިންގެ ބޯހިޔާވަހިކަމުގެ ފެންވަރު ރަނގަޅު ކުރެވޭހާ މުއްސަނދިކަން ރާއްޖޭގައި އެބަހުރިކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރަނގަޅު ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭންޖެހޭކަމަށާއި މިސަބަބަށްޓަކައި ޓެކްސްގެ ނިޒާމެއް ރާއްޖެއަށް ތައާރަފްކުރަން މަޖުބޫރުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތްތާ އެމްޑީޕީގެ ސަރުކާރުން އެނިޒާމު ފުރިހަމަކުރާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ވަޒީފާގެ ފުރުސަތު އިތުރުކުރުމަށްޓަކައި އެންމެ މުހިންމުކަމަކީ ވިޔަފާރިތައް އިތުރުކުރުންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ގެސްޓްހައުސްގެ ވިޔަފާރިއާއި، މެރިކަލްޗަރގެ ވިޔަފާރި އަދި އެގްރިވިޔަފާރި ހުށައަޅައިފައިވާނެކަމަށެވެ. ގެސްޓް ހައުސްގެ ވިޔަފާރީގެ ކާމިޔާބުކަން ރާއްޖޭގެ އެތަންމިތަނުން ފެންނަމުންދާކަމަށާއި އެމްޑީޕީގެ އަމާޒަކީ އިތުރު 25000 އެނދު ރާއްޖޭގައި އުފެއްދާއި 50000 ވަޒީފާގެ ފުރުސަތު ލިބިގެން ދިޔުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް އަލިއަޅުވައިލައްވަމުން އައިޖީއެމްއެޗްއަށް މީހުންގެ އަދަދު ގިނަވުމާއެކު އެކަށީގެންވާ ޚިދުމަތް ނުދެވޭކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި 2 ޓަރޝިއަރީ ހޮސްޕިޓަލް ބިނާކުރާނެކަން ވައުދުވެވަޑައިގެންނެވިއެވެ. ދާއިމީ ބައްޔަށް ފަރުވާ ހޯދާ މީހުން އާސަންދައިން ލިބޭ ލާރި ހުސްވާކަމަށާއި، އެހެންނަމަވެސް މެނިފެސްޓޯގައި އެފަދަ ބަލިމީހުންނަށް އޮންނާނީ ހުސްނުވާގޮތަށް އާސަންދަ ހުޅުވައިލެވިފައިކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި މަގުތަކުގެ ހާލަތު ވަރަށް ދަށްވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދުވަނީ އެމްޑީޕީގެ ސަރުކާރުގައި 200 ކިލޯމީޓަރުގެ މަގު ބިނާކޮށްދެއްވާނޭކަމަށް ވައުދުވެވަޑައިގެންނަވައިފައެވެ. ޔަގީންކަމާއެކު މިފަދަ ކަންތައް ކުރެވޭނެހާ ވަސީލަތް ރާއްޖޭގައި އެބަހުރިކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި އުނދަގޫތައް އެމްޑީޕއަށް އެނގޭކަމަށާއި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ބޭނުމަކީ އެދަތިތައް ހޯދައި އޮޅުންފިލިވުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ކަންތައްތައް ހާސިލްކުުރުމަށް ރަނގަޅު މެނިފެސްޓޯއެއް ހެދުންކަމަށާއި ރައްޔިތުންގެ ވާޖިބަކީ އެންމެ ރަނގަޅު ސިޔާސަތާއި މެނިފެސްޓޯ ހެދި ބަޔަކަށް ވޯޓު ދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިއްތިހާދެއްވެގެންވެގެން ވަޒީރުންގެ މަޖިލީސް ފޮތިފޮތިކޮށްލުމުން ސިޔާސަތުތައް ތަންފީޒުކުރަން އުނދަގޫކަމަށާއި އެމްޑީޕީއިން ބޭނުންވަނީ އެއްފިކުރެއްގެ މައްޗަށް އޮތް ވަޒީރުންގެ މަޖިލީހަކާއި އެއްކޮށް ސަރުކާރު ހިންގުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީ އޮންނާނީ އެންމެނަށްވެސް ހުޅުވިފައިކަމަށާއި ޑީއާރޕީ އާއި އެހެނިހެން ތަޖުރިބާކާރުންވެސް މިހާރުވެސް ތާއިދުކުރަން ނިންމަވައިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޕީޕީއެމްގެ ޕަރލިމެންޓްރީ ގްރޫޕްގެ މެންބަރުންވެސް ދާދި އަވަހަށް އެމްޑީޕީއާއި ބައިއަތު ހިފާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :