އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް، އިންޑިޔާގެ ޖީ.އެމް.އާރް ކުންފުނި އަތުން އަތުލުމަށް ދެކެވޭ ވާހަކަތަކަކީ ވަރަށް ޒިންމާދާރު ކުޑަގޮތަކަށް ދެކެވޭ ވާހަކަ ތަކެއް ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެ މިކަމާއި ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް ރޭ އުސްފަސްގަނޑުގައި އެމް.ޑީ.ޕީ ގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވައިފިއެވެ.
އެއަރޕޯޓް ޖީ.އެމް.އާރް އަތުން އަތުލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ދަނީ ލިޔުންތަކާއި ފޮތްތަކާއިނެރެ އަޑު އުފުލަމުންނެވެ. މިގޮތުން އެންމެ ފަހުން ނެރެފައިވާ ފޮތަށް އަލިއަޅުވާ ލައްވާ ރައީސް ނަޝީދު ވިދާޅުވީ މިހާރު ސަރުކާރު ހިންގުމަށް ތިއްބެވި ފަރާތްތަކުން ނެރުއްވާފައިވާ ފޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އިން އެއަރޕޯރޓް ހިންގުމުން 25 އަހަރުގެ ތެރޭގައި 60 ބިލިޔަން ރުފިޔާ ލިބޭނޭކަމަށް އަންދާޒާ ކުރައްވާފައިވާއިރު އެމް.ޑީ.ޕީ ސަރުކާރުން ޖީއެމް.އާރް އަށް ދީގެން އެއަރޕޯޓް ހިންގުމުން 25 އަހަރު ތެރޭގައި ލިބޭނޭކަމަށް އަންދާޒާކޮށްފައިވަނީ 45 ބިލިޔަން ރުފިޔާއެވެ.
އިދިކޮޅު ފަރާތްތަކުން މިލިޔެފައިވާ ފޮތުގައި ހިސާބުޖައްސަވާފައިވާއިރު ވަރަށް ގިނަ އުނިއިތުރުތައް ކުރައްވާފައި ވެއެވެ.
އެގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ ޢަދަދު ކޮންމެ އަހަރަކު %25 އަށް އިތުރުވެގެންދާނޭކަމަށް އަންދާޒާ ކުރައްވާފައިވާއިރު އެމް.ޑީ.ޕީ ސަރުކާރުން ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކޮށް ޖަހާފައިވާއަދަދަކީ އައި.އެފް.ސީ އާއި ވާރލްޑް ބޭންކް ފަދަ މުއައްސަސާތަކާއި މަޝްވަރާކޮށް އެތަނުގެ މާހިރުންގެ ލަފައާއިއެކު ޖަހާފައިވާ ޢަދަދެކެވެ. އެއީ ކޮންމެ އަހަރަކު %3.5 އާއި %4.5 ދެމެދުގެ ޢަދެދެއްކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަންދާޒާ ކޮށްފައިވާ މިޢަދަދަކީ ރާއްޖޭގައި ޓޫރިސްޓު އެންދު ހުރި ޢަދަދަށްވުރެ ގިނައިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިޔުޓީ ފްރީ އިން ލިބޭނޭ ފައިދާ ޖައްސަވާފައިވާއިރު މިތަން ހިންގުމަށް ހިނގާނެ ޚަރަދު ހާމަކުރައްވާފައިނުވެއެވެ. އަދި ޖީ.އެމް.އާރް. އިން އިންވެސްޓް ކުރަން ނިންމާފައިވަނީ 4.8 ބިލިޔަންކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާއިރު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެގިވަޑައިގަނެފައިވާގޮތުގައި ޖީ.އެމް.އާރް އިން 8،9 ބިލިޔަން ރުފިޔާ އިންވެސްޓް ކުރުމަށް ކޮންޓްރެކްޓްގައި ވާނޭކަމަށެވެ. އަދި މީގެ އިތުރުން އެމް.އޭ.ސީ.އެލް އިން އެއަރޕޯޓް ތަރައްޤީކުރާނީ ސީދާ ލޯނުންކަމަށް ހާމަކޮށްފައިވާއިރު މިލޯނުގެ އިންޓްރެސްޓްއަށް އަރާ ޢަދަދު އެއްކުރައްވާފައި ނުވާކަން ފާހަގަ ކުރެއްވިއެވެ. އަދި އެމް.އޭ.ސީ.އެލް ހިންގުމަށް ދާނޭ ޚަރަދެއް މީގައި ހިމަނާފައި ނުވާކަންވެސް ފާހަގަ ކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއަރޕޯޓް ހިންގުން ބޭރުގެ ފަރާތަކާއި ޙަވާލުކުރުމުން ދިވެހިންނަށް އެއްވެސް ގެއްލުމެއް ވާނަމަ އެކަމާ ވިސްނަވާނޭކަމަށޭވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 324 މިލިޔަން ރުފިޔާ އެއަރޕޯޓް އިން ސަރުކާރުގެ އެކައުންޓަށް ވަދެފައިވާނޭކަމަށް ވިދާޅުވިއެވެ.
އެއަރޕޯޓް ތަރައްޤީ ކުރުމަށް ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ -/25 ޑޮލަރގެ އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖްއަކީ ކެނަޑާ، ގްރީސް އަދި މާލީ ފަދަ ދުނިޔޭގެ އެހެންޤައުމުތަކުންވެސް ނަގާ ފީއެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
‘އަޅުގަނޑު ތަކުރާރުކޮށް ދާންނަވާނީ މި އެއަރޕޯޓްއަކީ ދިވެހި ރައްޔިތުންގެ އެއަރޕޯޓްއެއް. އެއަރޕޯޓްގައިވާ ހުރިހާ ތަކެއްޗަކީ ދިވަހި ރައްޔިތުންގެ ތަކެތި އަދި މި އެއަރޕޯޓްއަކީ ދިވެހިންނަށް ޚިދުމަތް ދިނުމަށް އޮންނާނެ ތަނެއް’.
ޖީ.އެމް.އާރް އަތުން އެއަރޕޯޓް އަތުލުމަށް ފުރަ މާލޭގެ ހަތަރު އަނގޯޅިތަކުގައި ފޮތިދަމާ ޝިޔާރުޖަހާ އިންޑިޔާ އާއި ދެކޮޅަށް އަޑު އުފުލީމާ ދިވެހިރާއްޖެ އަށް ލިބޭނޭ މަންފާއެއް ނެތްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ރައްޔިތުން ޤަބޫލުފުޅު ކުރައްވާނޭކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ބަޣާވަތް ކުރުމަށްޓަކައި ދިވެހި ރައްޔިތުންގެ ލޮލުގައި އަދުނެތް އެޅުވުމަށް އެއަރޕޯޓްގެ ވާހަކަ، އިސްލާމް ދީނުގެ ވާހަކަ، ޤައުމިއްޔަތުގެ ވާހަކަ އާއި ދިވެހިތަރިކައިގެ ވާހަކަ ދައްކަމުންގެންދިޔައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޖީ.އެމް.އާރް އަތުން އެއަރޕޯޓް އަތުލާން ނޫޅޭކަން އެއީ ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެއްކަމަށެވެ. ޖީ.އެމް.އާރް އަށް އެއަރޕޯޓް ދީފައިއޮތުން ހުއްޓުވުމަށް މަސައްކަތްކުރައްވަމުން އެގެންދަވަނީ އެބޭފުޅުންގެ އަމިއްލަ ފައިދާއަށްޓަކާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ‘އަޅުގަނޑުމެނެއް އެއަރޕޯޓް ޖީ.އެމް.އާރް އަތުން އަތުލާކަށް ނުވެސް އެދެން. އެއަރޕޯޓް އަވަހަށް ތަރައްޤީކޮށް މިއެތެރެވަރި އާއި މުޅި އޭޝިޔާގައިވާ އެންމެ ފުރިހަމަ އެއަރޕޯޓްއަށްވެ ރާއްޖެއަށް ގިނަ ޓޫރިސްޓުން އައުމުގެ މަގު ހުޅުވިގެން ގޮސް، މިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތް އިތުރަށް ތަރައްޤީވެދިޔުން ބޭނުންވަނީ. އަދި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޔަޤީންކޮށްދެން އިރާދަފުޅުން އެއަރޕޯޓް އާއި ފަތުރުވެރިކަމުގެ ސިނާޔަތްފުޅާވެ އޭގެ ފައިދާ ފޯރުކޮށްދޭނެކަން’.