ދިވެހިރާއްޖޭގެ 44 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އިން ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ތަޤްރީރު ކުރައްވައިފިއެވެ. ރޭ ކާނިވަލު ސަރަޙައްދުގައި ބޭއްވުނު މިޖަލްސާގައި ރައީސް ނަޝީދުގެ ވާހަކަފުޅު ފެއްޓެވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހްނިޔާ އާއި ހެޔޮއެދުންތައް ރައްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވަމުންނެވެ.
މިޖަލްސާގައި މުހާތަބުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖެ މިވަނީ ނާޒުކު ފައްތަރެއްގައިކަމަށެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި އުފެދުނު ޖުމްހޫރީ ވެރިކަން، އެއީ ރައްޔިތުންގެ ރުޙުމާއި، ރައްޔިތުންގެ އިޙްތިރާމާއި އަދި ރައްޔިތުންގެ މަސައްކަތުން އުފެއްދެވި ރައްޔިތުންގެ ވެރިކަން މިވަނީ ބަޣާވާތަކުން ބަދަލުކޮށްފައިކަމަށެވެ. އަދި މިހާރު މިރާއްޖޭގައި ހިނގަމުން މިދަނީ ޤާނޫނީ ވެރިކަމެއް ނޫންކަމަށާއި އެވެރިކަން ބަދަލުކުރުމަކީ އަޅުގަނޑުމެން އެންމެ ދިވެހިންގެ ވާޖިބެއްކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެރިކަމުގައި މިހާރު ތިއްބެވި ފަރާތްތަކުން އެގެންދަވަނީ އަޅުގަނޑުމެން ރާއްޖޭގެ އިޤްތިޞާދު ދުވަހުން ދުވަހަށް ޙަލާކުކުރައްވަމުންކަމަށެވެ. ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ދައުލަތުގެ ޚަރަދުތައް ބޮޑުވެ މާލިއްޔަތުދަނީ ފޫނުބެދިކަމަށެވެ. ދައުލަތުގެ ހުރިހާ އާމްދަނީވަނީ ބަޣާވާތް ކުރުމަށް ޚަރަދުކުރައްވާފައިކަމަށާއި އަދި ދައުލަތަށް އާމްދަނީ ލިބޭ އެންމެހާ މަގުތައް ހުއްޓުވާލައްވާ ދިވެހިރާއްޖޭގެ އިޤްތުޞާދު މިވަނީ މަދުވިޔަފާރިވެރިން ކޮޅަކަށްޓަކައި ދޫކޮށްލެވިފައިކަމަށެވެ. ދިވެހި ރައްޔިތުން އުފައްދާފައިވާ ދިވެހި ރައްޔިތުންގެ އެންމެހާ އިޖްތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތައް މިދަނީ ރޫޅިގެންކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ފައިސާގެ ދަތިކަމާއި ހާސްކަމުގެގެތެރޭގައި ބެއްތިއްބުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ރާއްޖޭގައި ޑިމޮކްރަޓިކް ވެރިކަމެއް އުފައްދާ އެވެރިކަމުގެ ތެރެއިން އެކަށައެޅި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް މިވަނީ ރޫޅާލެވިފައި. މިހާރުމިއޮތް ވެރިކަމުގެ އަމާޒަކަށްވެފައިމިވަނީ ދިވެހިރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ނަގާލުން. އަދި އެރައްޔިތުންނަކީ އަބަދުވެސް އެހެންބަޔަކަށް ބަރޯސާވެގެން ދިރިއުޅެންޖެހިފައިވާ ބަޔެއްގެގޮތުގައި ބޭތިއްބުން. ބަޣާވަތުން އުފައްދާފައިވާ ވެރިކަން އަޅުގަނޑުމެން ރާއްޖޭގައި ހިނގަމުންމިއަންނަ އައުން ހުއްޓުމަކަށް ގެންނާންމިޖެހެނީ އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށްޓަކައި. އިރައްދަފުޅުކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ އެވެރިކަން ބަދަލުކޮށްފައި އެވެރިކަން ރައްޔިތުންގެ ވެރިކަމަކަށް ހަދާފައި.”
ރާއްޖޭގެ ވެރިކަން ގަޑުބަޑުކުރައްވާފައިވާ މިދަނޑިވަޅުގައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީންގެ މަތިވެރި އުޞޫލުތަކަށް އަޅުގަނޑުމެންގެ ޒުވާނުންގެ ހިތްތަކުގައި ދަނީ ހިޔަނި އެޅެމުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ޝޭޙުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ސިޔާސީ ބޭނުމަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެގޮތުގައި ބޭނުންކުރެއްވީތީ އެޒުވާނުންނަށް ވަރަށްބޮޑަށް މަގުއޮޅެމުންދާކަމަށް ވިދާޅުވިއެވެ. ވެރިކަމުގެ އާރާއި ބާރަށްޓަކައި ބަޣާވާތައް ގޮވުމުގައި އިސްލާމްދީންގެ ނަން ބޭނުންކުރެއްވީތީ މިވެރިކަން ބަދަލުކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ ޤައުމީ ވާޖިބެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ މަހެއްހާ ދުވަސްކުރިން ވަރަށް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލެވުނު ރައްޔިތުންގެ މަޖިލީހުގެ އުންގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ޙާދިޘާއާއި ގުޅިގެން އެމަނިކުފާނު ވިދާޅުވީ އެކަމާގުޅޭގޮތުން މިހާރުގެ ސަރުކާރު އިހުމާލުވެފައިވާކަމަށެވެ. މިހާތަނަށް ފުލުހުންދަނީ އެކަމާއި ގުޅިގެން ޑރ. އަފްރާޝީމް އަވަހާރަކޮށްލި ވާހަކަ ނޫން އެހެންހުރިހާ ވާހަކަތަކެއް ދައްކަމުންކަމަށެވެ. މިހާރު ޑރ. އަފްރާޝީމް އަވަހާރަކޮށްލެވުނު ފަހުން ދުވަސްތަކެއް ވެފައިވާއިރު، އެކަމާ ކަންބޮޑުވާ މީހަކު ފެނިވަޑައިނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުލުހުންގެ އިސްވެރިންނަށް ޑރ. އަފްރާޝީމްގެ ޤާތިލު ފޮރުއްވަން ނޫޅުއްވުމަށާއި އެކަމާއިގުޅޭ ޙަޤީޤަތްތައް ރާއްޖޭގެ ޝަރުޢީ އިދާރާތަކަށާއި ކޯޓުތަކުގައި އުފުއްލަވާދެއްވާ ޑރ. އަފްރާޝީމްގެ ޤާތިލު އިންސާފު ކުރިމައްޗަށް ގެނެސްދެއްވުމަށްވެސް ގޮވާލެއްވިއެވެ. އަދި މިހާރާއި ޚިލާފަށް އެމް.ޑީ.ޕީގެ ސަރުކާރެއްގައި ޑރ. އަފްރާޝީމް މަރާލި ފަރާތް އިންސާފުގެ ކުރިމައްޗަށް ގެނެސްދޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ދިވެހިރާއްޖެގެ މިހާރުގެ ޚާރިޖީ ސިޔާސަތާއި ބެހޭގޮތުން އަލިއަޅުވާލައްވާ ރައީސް ނަޝީދު ވިދާޅުވީ މިރާއްޖޭގައި ބަޣާވަތެއް ކުރުމަށްޓަކައި މިވަނީ އިސްލާމްދީނުގެ ނަމުގައި އާއި ދިވެހި ޤަޢުމިއްޔަތުގެ ނަމުގައި ބޭރު މީހުންނާއި މެދު ނަފްރަތާއި ޙަސަދައާއި ރުޅިވެރިކަން ދިވެހިންގެ މެދުގައި އުފައްދާފަކަމަށެވެ. މިކަމުން ދިވެހިރާއްޖޭގެ ރައްޔިތުން ބޭރުގެ ބޮޑެތި ޤަޢުމުތަކުގެ ޝިކާރައަކަށްވެގެން ދާތަން އައުމަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސަތުތައް މިއަދު މިސްރާބު ޖަހަމުންދާގޮތުން އަޅުގަނޑުމެންނަށް ފެނިދާނެ މަންޒަރެއްކަމުގައި ވިދާޅުވިއެވެ. ސަރުކާއި ސަރުކާރުގެ ބައިވެރިން އެހިންގަވާ ސިޔާސީ ހަރަކާތްތަކުގައި ގެއްލުން ލިބޭނީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ “އަޅުގަނޑުމެންގެ މާމަމެން ނުކުމެ ޑޭވީ މާލެއިން ބޭރުކުރިގޮތަކަށް މިއަދަކު އިންޑިޔާގެ ސަފީރު މާލެއަކުން ބޭރެއް ނުކުރެވޭނެ. ވޯރާ ވިޔަފާރިވެރިނާއި ގުޅޭގޮތުން ކަންކުރިގޮތަކަށް މިއަދަކު ރައްޖޭގައި އުޅޭ ބޭރުމީހުންނާއި މެދު ކަމެއްނުކުރެވޭނޭ. ޖީ.އެމް.އާރް މިރާއްޖެއަކުން ފޮނުވައެއް ނުލެވޭނެ”.
ދިވެހި ސަރުކާރުން ހުޅުލޭ އެއާރޕޯޓް ތަރައްޤީ ކުރުމަށް ދީފައިވާދިނުމާއި ބެހޭގޮތުން އެމަނިކުފާނު ވިދާޅުވީ އެއާރޕޯޓް ތަރައްޤީ ކުރުމަށް ހެދިފައިވާ ކޮންޓްރެކްޓްއަކީ ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ފައިދާހުރި ކޮންޓްރެކްޓެއްކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތަކާއި ތަރައްޤީ އެކޮންޓްރެކްޓްގެ ސަބަބުން ލިބިގެންދާނޭކަމަށާއި 2014 ވަނަ އަހަރު އެއާރޕޯޓްގެ އާޓާރމިނަލް ހުޅުވިގެންދާނޭކަމަށެވެ. އަދި ޖީ.އެމް.އާރް އާއި ދިވެހި ސަރުކާރާއި އެކުގައި ކުރިއަށް އޮތް 25 އަހަރު އެއާރޕޯޓް ހިންގާ މިކަމުން ދިވެހިރައްޔިތުންނަށް ފައިދާހޯއްދަވައި ދެއްވާނޭކަމަށްވެސް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ބަޣާވާތަކުން އުފައްދާފައި މިވާވެރިކަން ނިމުމަކަށް ގެންނަންވެއްޖެކަމަށެވެ. އަދި މިވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތުގައި ރާއްޖޭގެ ރައްޔިތުންނާއިއެކުގައި އެމަނިކުފާނު ދެމިހުންނަވާނޭކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެ އަވަސް އިންތިޚާބަކަށް ގޮވާލައްވަމުންނެވެ.