ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ލާމު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް މިއަދު (2 އޮކްޓޯބަރ 2013) ފައްޓަވައިފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު އެމްޑީޕީގެ ކެމްޕެއިން ޖަގަހަތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.
ހެނދުނު ކައްދޫ އެއަރޕޯރޓަށް ވަޑައިގަތުމާއެކު ރައީސް ނަޝީދަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފޮނަދޫ ޖަގަހައަށާއި ކުރިގަމު ޖަގަހައަށެވެ. އެއަށްފަހު މެންފުރު ފަހު ގަން މުކުރިމަގު ޖަގަހަ، ގަން އާބާދު ޖަގަހަ، ގަން ތުނޑި ޖަގަހަ އަދި ގަން މަތިމަރަދޫ ޖަގަހައަށް ވަޑައިގަންނަވާނެއެވެ.
މިޖަގަހަތަކަށް ވަޑައިގެން ކެމްޕެއިންގެ މަސައްކަތް ކުރިއަށް ދާގޮތް އޮޅުންފިލުވައި އެމްޑީޕީއަށް ތާއިދު ކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއީދު ކުރައްވަން ނިންމަވައިފައިވާ ފަރާތްތަކާއިވެސް ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން އެޖަގަހަތަކުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.
މިރޭ ގަމު ތުނޑީ ސަރަހައްދުގައި އެމްޑީޕީގެ ހާއްސަ ޖަލްސާއެއް އޮންނާނެއެވެ. މިޖަލްސާގައި އެމްޑީޕީގެ ޤައުމީ މަޖިލިހުގެ މެމްބަރުންނާއި، ކެމްޕެއިން އޮފިޝަލުން އަދި ތާއީދު ކުރައްވާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ނަޝީދު ހައްދަުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އާއި ދިވެހިރައްޔިތުންގެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން ޢަލީ ބައިވެރިވެވަޑައިގަންނަވައެވެ.
ލާމު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ (4 އޮކްޓޯބަރ 2013) ހެނދުނެވެ.