އެމް.ޑީ.ޕީ އަކީ ކުރާން ބުނާ ކަންކަން ނިންމާ ބައެއްކަމާއި ދިވެހިރާއްޖެ ތަރައްގީ ކުރުމުގެ ތަސައްވުރެއް އޮތް ބަޔަކީ އެ ޕާޓީ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމް.ޑީ.ޕީގެ ވައުދުގެ ދަތުރުގައި ށ.ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމް.ޑީ.ޕީން 3 އަހަރުގެ ތެރޭގ ކުރެވުނު މަސައްކަތް ފާއިތުވީ 30 އަހަރުގެ ވެރިކަމާ އަޅާ ބަލާއިރު 4 ގުނަ މަތި ވާނެކަމުގައެވެ. އަދި އެމް.ޑީ.ޕީ ސަރުކާރުގައި ތައާރަފް ކުރެވުނު އިޖްތިމާޢީ ރައްކާތެރި ކަމުގެ ޕްރޮގްރާމްގެ ތެރެއިން އެތައް ދިވެހި ރައްޔިތުންނާ އަޅާލެވެން ފެށުނު ކަމުގައި ވިދާޅުވިއެވެ.
އެމް.ޑީ.ޕީ ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކށް އަލި އަޅުވައި ވާހަކަ ދައްކަވަމުން 65 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނަށް ޕެންޝަން ހައްގު ވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިރާއްޖެ ދިވެހިންނަށް ލިބިފައި މިވަނީ ދޮށީ އުމުރުގެ މީހުން މަހަށް ފަރަށް ފުރީތީ ކަމަށާއި، އޮޑި ފަހަރު ބަނދެ، ރިޒޯޓް ހެދީތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް އެމްޑީޕީ ސަރުކާރުން ދޭން ފަށާފައިވާ ޕެންޝަން މިހާރު ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަކި ގާނޫނެއްގެ ދަށުން ދޭން ފަށާފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އަބަދުވެސް އެ ޕެންޝަން ދެވެމުންދާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމަންޑޫއަށްފަހު ރައީސް ނަޝީދާއި ވައުދުގެ ދަތުރުގެ ބައިވެރިން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ށ.ޅައިމަގު، ނަރުދޫ އަދި ފޯކައިދޫއަށެވެ.