ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތަކީ ވޯޓު ދިނުމުގެ ހައްޤު: ރައީސް ނަޝީދު

ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތަކީ ވޯޓު ދިނުމުގެ ހައްޤުކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭ (22 އޮކްޓޯބަރ 2013) ކާނިވާ ސަރަޙައްދުގައި ‘ވޯޓުން ވެރިކަން’ މިނަމުގައި ބޭއްވުނު އެމްޑީޕީގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދޭ ސަރުކާރެއް އެކުލަވާނުލެވި ގައުމު ތަރައްޤީ ނުވާނެކަމަށެވެ.

ދިވެހިންގެ ހިތްތަކުގެ އުދާސް ދެނެގަތުމަކީ ސިޔާސީ ލީޑަރުންގެ ވަޒީފާކަމަށާއި، އެމްޑީޕީގެ އަމާޒަކީ އެއީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހިންގެ ހިތުގައިވާ ސުވާލަކީ އެއްބުރުން އެމްޑީޕީ ކާމިޔާބުކުރާނެތޯ އުފެދޭ ސުވާލު ނޫންކަމަށާއި، އެއީ އިންތިޚާބެއް އޮންނާނީ ކޮން ދުވަހަކުންތޯ އާއިމެދު އުފެދޭ ސުވާލުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގާނޫނު އަސާސީ ބަޔާންކުރާ ތާރީޚުގައި، އަދި ގާނޫނު އަސާސީއިން ބޭރު ތާރީޚުން ބާއްވަން އުޅެ އިންތިޚާބު ނުބޭއްވުނުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 9 ނޮވެމްބަރުގައި އިންތިޚާބު ބާއްވާކަން ކަށަވަރުކުރަންޖެހޭކަމަށެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ނެގުނު ވޯޓުތައް ގަނޑުކޮށް ވޯޓު އަޅައިފައިވާކަމަށާއި، އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކަކީ ދުވަހަކުވެސް ވޯޓުން މޮޅުވި ބައެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެބޭފުޅުންނަކީ ޑިމޮކްރެސީގެ ސަގާފަތަށް ކުޑަކޮށްވެސް ބޯލަނބަންބޭނުންވާ ބައެއް ނޫންކަމެއް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިސްނާ، އަޑުއައްސަވެމުށް ރައީސް މައުމޫނަށް އިލްތިމާސްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ވޯޓު ހުއްޓުވުމަށް މަސައްކަތްކޮށް، ގާނޫނު އަސާސީގެ ބާރު ކަނޑުވާލިކަން އަމިއްލަފުޅަށް ދަލީލުދައްކަމުން ދާކަމަށެވެ. ރައްޔިތުން ތިބީ މައުމޫނަށް ޖާގަދޭކަށް ނޫންކަމަށް ވިދާޅުވިއެވެ. ރައީސް މައުމޫނު މަސައްކަތްކުރައްވަނީ ގޮނޑިކޮއްކޮ ވަހީދު ބޭނުންކޮށްގެން ވެރިކަން ދެމެހެއްޓުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވޯޓު ފުރަތަމަ ފަހަރު ހުއްޓާލީ ފަނޑިޔާރުގެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ތިބީ ގެއަށް ވަންނަން ނޫން ކަމަށް ފަނޑިޔާރުންނަށް އެނގެންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދެވަނަ ފަހަރު ހުއްޓުވީ ފުލުހުން ލައްވާކަމަށާއި، އެކަން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ފާހަގަކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައިފައިވާ ކުދިން ހައްމަތަކުރަންޖެހޭކަމަށާއި މިއަދު މަޖިލީހުގެ އަޣްލަބިއްޔަތު އޮތީ ރައްޔިތުންނަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްއަށް އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާކުރަން ނުވަތަ އެމަގާމުން ފައިބާ ވަޑައިގަތުމަށް އަންގަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ސާފްކޮށް ވޯޓު ހުއްޓުވީ ފުލުހުންކަމަށް ބުނެފައިވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބާޣީ ވަހީދާއި، އަބްދުﷲ ރިޔާޒް ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގަށް އަރައިގަތުމަކީ ކުޑަ ކުށެއްނޫންކަމަށެވެ. ގާނޫނީ ސަރުކާރެއް 7 ފެބްރުއަރީގައި ވައްޓާލުމަށްފަހު، ފަހުން ފެނުނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ސައްހަ އިންތިޚާބެއް ބާތިލްކުރިތަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :