ވެރިކަން ބަދަލުކުރުމުގެ މަރުހަލާއާ ބެހޭ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އާއި ބައްދަލުކުރައްވައި ވެރިކަން ބަދަލުކުރުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ވާގޮތުގެ މަތިން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާ ބެހޭ ގޮތުން މަޝްވަރކުރައްވައި އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސްދެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަރިހުން އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

މިބައްދަލުވުން ނިންމާވާލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާއަކީ ވަގުތުގެ އިންތަކެއްތެރޭ ހިފެހެއްޓިފައި އޮންނަ މަރުހަލާއެއްކަމަށާއި، ގާނޫނު އަސާސީ ބުނާގޮތުން އެއީ އޮކްޓޯބަރ 10 އަކުން ނޮވެމްބަރ 11 އަށްކަމަށެވެ. އެއީ އެއްވެސް ކަމެއްގެ ސަބަބުން ބަދަލުވެގެންދާނޭކަމެއް ނޫންކަމަށާއި އެހެންކަމުން ވެރިކަން ބަދަލުވުމުގެ މަރުހަލާ އެހިސާބުން ފެށުނީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުކުރުމުގެ އިންތިޒާމްތައް ކުރިއަށް ދާންޖެހޭނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު ކުރިމަތިވެގެން އުޅެނީ އިންތިޚާބު ވެފައިވާ މީހާ ނެތުންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބައްދަލަވުމުގައި ފުލުހުންނާއި ސިފައިންގެ ބާރުވެރިކަން އެނބުރިގެންދާނެ އިންތިޒާމްތައް ސާފުވާންޖެހޭނެކަމުގެ އަލިއަޅުވައިލެއްވިކަމަށެވެ. ގާނޫނުގައި ބުނާ އިންތިޚާބުވެފައިވާ މީހާ ނުލިބިފައިވަނީ ވެސް ފުލުހުން ހުރަސްއެޅީމާކަމަށް އިލެކްޝަންސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާކަމަށާއި، އިންތިޚާބުގެ ކަންތައްތަކަށްޓަކައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ފުލުހުންގެ ކަންތައްތައް ބެލެހެއްޓެވުމަކީ މުހިންމުކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަންތަކުގެ މައްޗަށް މަސައްކަތ ކުރައްވާނޭކަމަށް އެކޮމިޝަންގެ ބޭފުޅުން ވިދާޅުވިކަމަށް ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :