ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛު އަލްހާން ފަހުމީއަށް ރޭ އިރާކޮޅުގެ ވަގުތެއްގައި ތޫނު އެއްޗަކުން ދިން ހަމާލާއާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
އާންމުން ގިނައިން އެއްވެ ޢާއިލާއާއެކު ވަގުތު ހޭދަކުރާ އަރޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ކެފޭއެއްގައި އަލްހާން ފަހުމީ ހުންނަވަނިކޮށް އެތަނަށް ބަޔަކު ވަދެ އަލްހާނަށް ހަމަލާ ދީފައިވަނީ ކުރިން ރޭވިގެން އަދި ގަސްދުގައި އަލްހާނަށް އަނިޔާކުރުމަށް ކަމަށް ޤަބޫލުކުރެވެއެވެ.
ރޭވިގެން ހިންގޭ މިފަދަ އަނިޔާވެރި ޢަމަލުތައް މިއަދު ރާއްޖޭގައި މިވަނީ އެތައް ގުނައަކުން އާންމުވެފައެވެ. އަދި އެފަދަ ކުށްތަކުގައި ޝާމިލްވާ ގިނަ ފަރާތްތައް ވަނީ މުޖުތަމަޢުގައި މިނިވަންވެފައެވެ. ރާވައިގެން ހިންގާ މިފަދަ ނުރައްކާތެރި ކުށްތައް އިތުރުވަމުންދާހިނދު ޝަރުޢީ ދާއިރާއާއި ޖުމްލަކޮށް މުޅި ޢަދުލު އިންސާފްގެ ދާއިރާގެ ބަލިކަށިކަން ހިތާމައާއެކު ފާހަގަ ކުރަމެވެ. އަދި ދިވެހިރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅުން ބިނާކުރެވޭނެ ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް މުޅި ޢަދުލު އިންސާފުގެ ދާއިރާ އިޞްލާޙް ކުރުމަށް ގޮވާލަމެވެ.
މިހިތާމަވެރި ވަގުތުގުގައި އަލްހާންގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި އަލްހާނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަމެވެ.