ނޫސްބަޔާން

ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް މިއަދު ހެދުނުގެ ވަގުތެއްގައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯރޓަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ނެތް ކަމަށާއި، 18 ޑިސެމްބަރު 2012 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ރައީސް ނަޝީދަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މަނާކޮށް ކޯޓު އަމުރެއް އެބޭފުޅުންނަށް ފޮނުއްވާފައިވާކަމަށް ވިދާޅުވެ، އިމިގްރޭޝަނުން ވަނީ އެމަނިކުފާނު ފުރާވަޑައިގަތުން ހުއްޓުވާފައެވެ.

ނަމަވެސް، 18 ޑިސެމްބަރު 2012 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު HMC/2012/26 ސިޓީއިން، ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރަވަޑައިގަތުމާމެދު އެކޯޓުގެ އިޢުތިރާޟެއް ނެތްކަމަށް ވިދާޅުވެ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓް ޙުސައިން މަޒީދު ސޮއިކުރައްވާ، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަދެއްވާ ފައިވާތީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިފަދައިން ޢަމަލު ކުރެއްވުމުން، އެކަމާމެދު މިއޮފީހުން ކަންބޮޑުވުން ފާޅުކުރަމެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ރައީސް މުޙައްމަދު ނަޝީދާމެދު މިގޮތަށް ޢަމަލުކުރެއްވީ ކޮން މަޤްޞަދެއް ޙާޟިލުކުރެއްވުމަށްކަމާމެދު ސުވާލު އުފެދެއެވެ. އަދި، ސިޔާސީ ނުފޫޒުންނާއި ޒާތީ ތަޢައްޞުބުން އެއްކިބާވެ، ޢަދުލިވެރިކަމާއެކު ވަކިފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުން ނުވެ އެކޯޓުގެ ޢަމަލުތައް ބެހެއްޓެވުމަށްވެސް މިފުރުޞަތުގައި ގޮވާލަމެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 128 ވަނަ މާއްދާގައި ލާޒިމްކޮށްފައިވާފަދައިން، ދަޢުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިއްޒަތާއި ޤަދަރު ރައީސް ނަޝީދަަށް އެރުވަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ތަކުރާރުކޮށް ފަސްޖެހެމުން ދާކަންވެސް ފާހަގަކުރަމެވެ.


4 comments
  1. ރައްޔަތުންގެ އޭ.ޖީ / December 21, 2012

    މިހުރިހާ ކަމެއްގެ ފެށުންކަމުގައިވާ ފެބްރުއަރީ 7 ވަނަދުވަހު ކަންތައް ފެނުނު ކޮންމެމީހަކަށް އެގޭނެ ރައީސް ނަޝީދާމެދު ކޯޓަކުންވެސް، އިމިގްރޭޝަނަކުންވެސް ކަންތައް ކުރާނެގޮތް. ޙައްލަކީ ފެބްރުއަރީ 7، 8 ގައި މިރާއްޖޭގައި ހިންގި އެކި މިންވަރުގެ ކުށްތައްކުރި ފަރާތްތައް އިންސާފުވެރި، ޢަދުލުވެރި ފަނޑިޔާރުން ބަލައި ޝަރީޢަތްކޮށް އެ އެންމެހާ ފަރާތްތަކަށް ޙައްޤު އަދަބު ދެވޭނެމަގު ރައްޔަތުން ނިކުމެ ހޯދުން

    Reply
  2. އޮޓުނާ / December 21, 2012

    މީދެން ކިހާ ދެރަ ކަމެއްތޯ…. ކީއްވެބާ މި ބާގީން ރައީސް ނަޝީދު ފަހަތުން ނެއްޓެން ނޭގިގެން މިއުޅެނީ؟

    Reply
  3. ޕެޕޭނު / December 21, 2012

    މިކަހަލަ ކަންކަމާހެދި އަޅުގަނޑުމެން މިގޮވަނީ އިންގިލާބު އަވަސް ކުރާށޭ…. އިންގިލާބެއް ގެނެސް އަވަސް އިންތިހާބެއް ބާއްވާ ، އެމް.ޑީ.ޕީ ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކޯޓްތައް އިސްލާހު ކުރަންވީ ، އެއަށް ފަހު ފެބުރުއަރީ 7ގައި ބަޣާވާތްކުރި އެންމެން ހިފާ ހައްޔަރުކޮށް އެމީހުންނަށް ހައްގު އަދަބު ދޭންވީ

    Reply
  4. އިސްމާއީލް ހަސަންމަނިކު / December 21, 2012

    ރައީސް ނަޝީދު އެމަނިކުފާނުގެ ވެރިކަމުގައި މައުމޫނޭ މިކިޔާ އިބިލީސް ދުވާލަކު ދެއިރު ފުލުހުންގެ އިދާރާއަށް ނުދަމާ އޮފީސް ހަދައިގެން ބަގާވާތެއް ކުރަން ފުރުޞަތު ދިނުމުން މިއަދު މިކަންކަން މިގޮތަށް ދިމާވަނީއެވެ. ޑިމޮކްރެސީ ދަންނަ މީހަކަ 30 އަހަރު ރައްޔިތުންނަށް އަނިޔާދީ އޮޅުވާލާ މަކަރާ ހީލަތުން ވެރިކަން ކުރާނެ ހެއްޔެވެ. މިފަދަ ނުބައި ނުލަފާ އިންސާނަކަށް މާ ހިތްހެޔޮކަމާއި އެކު މުއާމަލާތު ކުރުމުގެ ނަތީ.ޖާ މިފެންނަނީ. އެމް.ޑީ.ޕީގެ ވެރިކަމެއްގައި އެންމެ މުހިއްމު ވައުދަކަށް ހަދަންވީ މިފަދަ ނުބައި ނުލަފާ އަނިޔާވެރިން މުޖުތަމަޢުއިން އެކަހެރިކޮށް އެފަދަ މީހުންނަށް ހެދިފައިވާ ތަންތަނުގައި ހަޔާތުގެ ބާކީބައި ހޭދަކުރުމުގެ ފުރުޞަތު ދޭންވީއެވެ.

    Reply
What do you think?

Name (required) :

Email (required) :

Website :