ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ޤަސްތުގައި ހުރަސް އަޅުއްވާފައިވާތީ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދަގެ (ހ)އިން ކޮންމެ ދިވެހިރައްޔިތަކަށްމެ ރާއްޖެއިން ފުރައިގެން ދިއުމުގެ ޙައްޤު ލިބިދީފައިވީ ހިނދު، ދިވެހި ސަރުކާރުގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މިއަދު ހުއްޓުވާފަވަނީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށެވެ. އަދި، ރައީސް ނަޝީދުގެ ބައްޕާފުޅުގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނިކޮށް، އެކަމަށް ޤަސްތުގައި ހުރަސް އަޅުއްވައި، މިހާރު މިއޮތް ސަރުކާރުން ކުރެއްވި މިޢަމަލު މިއޮފީހުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

މިނިސްޓްރީ އޮފް ހޯމްއެފައަރޒްގެ ދަށުން ހިނގަމުން އަންނަ ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ރައީސް މުޙައްމަދު ނަޝީދު ފުރާވަނޑައިގަތުން މިއަދު ހުއްޓުވާފައިވަނީ ދޮގު މަޢުލޫމާތު ދެއްވުމަށްފަހުއެވެ. އެގޮތުން، ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުން މަނާކުރައްވައި، އެބޭފުޅުންނަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ފޮނުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި، މީޑިއާއަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުންވެސް އެފަދައިން ކަނޑައެޅިގެން ދޮގު މަޢުލޫމާތުދެއްވާފައިވާކަން ފާހަގަކުރަމެވެ.

ނަމަވެސް، 18 ޑިސެމްބަރު 2012 ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ރައީސް މުޙައްމަދު ނަޝީދުއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަދެއްވައި، ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އެކަން އަންގަވާފައިވާކަމުގެ މަޢުލޫމާތު އެކޯޓުން މިއަދުގެ މެންދުރުގެ ވަގުތެއްގައި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންނަށް ވަނީ ދެއްވާފައެވެ.

ޤާނޫނުއަސާސީއަށް ހުރުމައްތެރިކޮށް ހިއްތަވުމަށާއި، ރައީސް ނަޝީދުއަށް ފުރައްސާރަކުރައްވައި، ޖެއްސުންކުރެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މިޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލެއްވުމަށް މިހާރު މިއޮތް ސަރުކާރަށް ގޮވާލަމެވެ. އަދި، ހުޅުމާލޭ ކޯޓުން އަމުރުކުރައްވައިގެންކަމަށް ވިދާޅުވެ، ތަކުރާރުކޮށް އެކޯޓަށް ނިސްބަތްކުރައްވައި، ދޮގު ހައްދަވާފައިވާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަންއާ މެދު ފިޔަވަޅު އެޅުއްވުމަށްވެސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިފުރުޞަތުގައި ގޮވާލަމެވެ.

What do you think?

Name (required) :

Email (required) :

Website :