އެއްބައިވަންތަކަމުގެ ދުވަހު ރައީސް މުހަންމަދު ނަޝީދު ނެރުއްވި ބަޔާން

މީގެ އަށް އަހަރު ކުރީން މެދުވެރިކުރުވި ހިތާމަވެރި ސުނާމީގައި، ފުރާނަ ގެއްލިދިޔަ ދިވެހި ރައްޔިތުންގެ ހަނދާންތައް ހިތަށް ގެނައުމުގައި ދިވެހި ލޮބުވެތި ރައްޔިތުންނާ މިއަދު އަޅުގަނޑު ބައިވެރިވަމެވެ. ދިވެހިންނާއި އަވަށްޓެރިން ދަތިޙާލުގައި ޖެހި ދިރިއުޅުން މުޅީންހެން ރޫޅި ނެތިދިއުމާ، ގުނާއަދަދުކޮށް އަގުނުކުރެވޭނެފަދަ ގެއްލުމާއި ހަލާކު ވަނީ އަޅުގަނޑުމެންގެ ހިތްތަކަށް ނުގެނެވޭފަދަ ބިރުވެރި އެ ކާރިސާގައި މެދުވެރިވެފައެވެ. އެ ހަނދާންތަކަކީ އަބަދުމެ އަޅުގަނޑުމެން އާލާކުރުން ހައްގު ކަންކަމަށް ވާތީ، ފުރާނަ ނެތިދިއުމާއި ދަތި ޙާލަތުތައް މެދުވެރިވެ، އަދި އެހާލަތްތަކުގެ ބިކަ ފިލާތޯ މިއަދުވެސް ހިންމަތްކުރަމުންދާ ދިވެހި ހުރިހާ ޢާއިލާ އަކަށް އަޅުގަނޑުގެ ހެޔޮ ދުޢާތައް އަރިސްކުރަމެވެ.

އެ ހިތާމަވެރި ކާރިސާގައި މިދުނިޔެދޫކުރި ދިވެހިންނަށް އަޅުގަނޑުމެން މިއަދު އިޙްތިރާމް އަދާކުރާއިރު، އަޅުގަނޑުގެ ހިތްވަރު އާލާވެގެން ދަނީ އެދުވަހު ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން މިރާއްޖެ ދުވަހަކުވެސް ދެކިފައިނުވާފަދަ އޯގާތެރިކަމާއި އެހީތެރިކަން ހާމަވެފައިވާތީއެވެ. އަޅުގަނޑުމެން ދިވެހީންގެ ހިތްތަކުގައިވާ ދީލަތިކަމުގެ ބިޔަކަން ފެނިގެންދިޔައީ، ބުރަކަމުގެ ހާލަތްތަކާ ކުރިމަތިލުމުގައި، އެކަކު އަނެކަކަށް، އެއްރަށުން އަނެއް ރަށަަށް އެހީތެރިވެ އަޅާލުމުގެ ތެރެއިންނެވެ. މި އެއްބައިވަންތަކަން ބިނާވެފައިވަނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ ޝަގާފަތާއި، ރައްޔިތުމީހާގެ ފަރުދީ ހައްގުތަކާއި އަދި އިންސާފުވެރި މުޖުތަމައެއް ބިނާކުރުމުގެ އުންމީދުގެ މައްޗަށެވެ.

އެ ހިތާމަވެރި ދުވަހު ބަައިނަލްއަޤްވާމީ ދުނިޔޭގެ ގައުމުތަކުން ކުރިއަށް އެނެރުނު އިންސާނީ އެހީތެރިކަމުން ހާމަވެގެންދަނީ، ގައުމުތަކުގެ ގުޅުންތަކާއެކު ދުނިޔޭގެ އެއްބަޔަކު އަނެއްބަޔަކާގުޅި ލާމެހިފައިވާ މިންވަރެވެ. އަދި މިގުޅުން ބިނާވެ ބަދަހި ވަނީ އެއްބާރުލުމާ، ބައިވެރިވުމާ، ބައިވެރިކުރުމުގެ ތެރެއިންނެވެ. ފިތުނަވެރި ޒާތުގެ ގައުމީ އެކުލަވާލުން ތަކާ، ބޭރުމީހުނާ ބޭރުގެ ނަފަޔާއި މަންފާ އާއިމެދު ނަފްރަތާއި ހަތުރުވެރިކަން އުފެއްދުމާ ޚިލާފަށް، އަޅުގަނޑުމެނާ އަނެއްބަޔަކުގެ ދެމެދުގައިވާ ގުޅުންތަކަށް ކާމިޔާބީއާއި ފާގަތިކަން ގެނެސްދެނީ، އެއްބައިވަންތަކަމާ، ބައިވެރިވުމެވެ.

والحمد للّـه، والسّـلام عليـكم .

What do you think?

Name (required) :

Email (required) :

Website :