މެލޭޝިޔާގައި ބާއްވާ އިސްލާމީ ކޮންވެންޝަންގައި ރައީސް މުޙައްމަދު ނަޝީދު ފުރަމާނަ ޚިތާބެއް ދެއްވަން ހަމަޖެހުން

އަންނަ ޖޫންމަހު މެލޭޝިޔާގައި ބާއްވާ އިސްލާމީ ކޮންވެންޝަންގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ފުރަމާނަ ޚިޠާބެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ. އެމަނިކުފާނާއެކު މި ކޮންވެންޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރޭގައި މެލޭޝިޔާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤާއި އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުޙައްމަދާއި އެމެރިކާގެ ރައީސް ބެރެކް އޮބާމާގެ ބޭބޭފުޅު، އަދި “ބެރެކް އެޗް. އޮބާމާ ފައުންޑޭޝަން” ގެ ޗެއާރމަން މާލިކް އޮބާމާ ހިމެނިވަޑައިގަންނަވެއެވެ.

މުސްލިމުންގެ އެއްބައިވަންތަކަމާގުޅޭ 3 ވަނަ ބައިނަލްއަޤްވާމީ ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 11-12 ޖޫންގައި މެލޭޝިޔާގެ ޕުޓްރާޖާޔާގައެވެ. މި ކޮންވެންޝަން އިންތިޒާމް ކުރަނީ، ދުނިޔޭގައި ނަންހިނގާ މުސްލިމު ޖަމިޢިއްޔާތައްކުރެން އިސް ސަފުގައި ހިމެނޭ “ރަމަޟާން ފައުންޑޭޝަން”ގެ ފަރާތުންނާއި، ބޮޑުވަޒީރު ނަޖީބު ރައްޒާޤް އަމިއްލަފުޅަށް އުފައްދަވާފައިވާ “ގްލޯބަލް މޫވްމަންޓް އޮފް ދަ މޮޑަރޭޓްސް” ކިޔާ ޖަމްޢިއްޔާގެ ފަރާތުންނެވެ. މި ޖަމްޢިއްޔާ އުފައްދަވާފައިވަނީ ދީނީ ކަންކަމުގައާއި ޚާރިޖީ ސިޔާސަތުގައި މެދުމިނުގެ އުޞޫލުތައް ކުރިއެރުވުމުގެ ބޭނުމުގައެވެ.

މި ކޮންވެންޝަންގެ މި އަހަރުގެ ޝިޢާރަކީ “މެދުމިނަށް އާއެކޭ ބުނާށެވެ. ހައްދުފަހަނައެޅުމަށް ނޫނެކޭ ބުނާށެވެ”. އަދި ކުރީ އަހަރުތަކެކޭ އެއްފަދައިން، ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ފުންނާބު އުސް މުސްލިމް ސިޔާސީ ބޭފުޅުންނާއި، ޑިޕްލޮމެޓުންނާއި، ޢިލްމުވެރިންނާއި ވެރިން މި ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވާނެއެވެ. މި ކޮންވެންޝަންގައި އެ ބޭފުޅުން މަޖްލިސްކުރައްވައި އެ ބޭފުޅުންގެ ޚިޔާލުފުޅުތައް ހުށަހަޅުއްވާނީ، ހައްދުފަހަނަ އެޅުމުގެ މައްސަލައިގެ އާރާއި ބާރު ނައްތާލުމަށް މުސްލިމު ދުނިޔެ އެއްގަލަކަށް އަރާނެ ގޮތާމެދުއެވެ. އަދި އިސްލާމްދީނުގެ ޙަޤީޤީ ޞައްޙަ އަޑަކީ މެދުމިނަށް ގޮވާލުމުގެ އަޑުކަމުގައި ބަޔާންކުރުމެވެ.

މި ކޮންވެންޝަންގައި، “ޑިމޮކްރަސީއާއި، އިންޞާފާއި ޞުލްޙައި”ގެ މައުޟޫޢުގެ މައްޗަށް 30 މިނެޓުގެ ޚިޠާބެއް ރައީސް ނަޝީދު ދެއްވާނެއެވެ.

ރައީސް ނަޝީދުގެ އިތުރުން، މި ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވާ ބޭފުޅުންގެ ތެރޭގައި، ނަބަވީ އާޘާރުގެ ޚާދިމު އަދި އަލްއަންޞާރު ޤަބީލާގެ އަމީރު، ޞާޙިބުއްސުމުއްވުލްއަމީރު އައްޝައިޚް ޑޮކްޓަރ އަޙްމަދު އަލްޚަޒްރަޖީއާއި، އެކުވެރި ޢަރަބި އިމާރާތުގެ ޝާހީ ޢާއިލާގެ ސުމުއްވުލްމަލަކީ އައްޝައިޚް މަޖްރަން ބުނު ސުލްޠާންއާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ)އަށް ރައީސް އޮބާމާގެ ފަރާތުން ހުންނަވާ ޚާއްޞަ އެންވޯއި އެބްމަސަޑަރ ރަޝާދު ޙުސައިން ހިމެނިވަޑައިގަނެވެއެވެ.

މި ކޮންވެޝަން އިންތިޒާމްކުރާ ރަމަޟާން ފައުންޑޭޝަނަކީ، އިސްލާމީ އެއްބައިވަންތަކަމުގެ “ކަނދުފައްޗެއް” ޤާއިމުކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަދައަޅާ މަސައްކަތް ކުރަމުން ގެންދާ ފުންނާބު އުސް މުސްލިމް ޖަމްޢިއްޔާއެކެވެ. މި މުއައްސަސާ އިފްތިތާޙުކޮށްފައިވަނީ 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ މެންޗެސްޓަރގައި އޮތް މުސްލިމުންގެ އެއްބައިވަންތަކަމާގުޅޭ 1 ވަނަ ބައިނަލްއަޤްވާމީ ކޮންވެންޝަންގައެވެ.

ރަމަޟާން ފައުންޑޭޝަންގެ ޗެއާރަމކަން އަދި އެ ފައުންޑޭޝަންގެ ހިންގާ ކޮމިޓީގެ ރައީސް އައްޝައިޚް މުޙައްމަދު ބުނު ޢުމަރު ރަމަޟާން ވިދާޅުވަނީ:
“ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ފުންނާބު އުސް މުސްލިމް ސިޔާސީ ބޭފުޅުންނާއި، ޑިޕްލޮމެޓުންނާއި، ވިޔަފާރިވެރިންނާއި ދީނީ ޢިލްމުވެރިން އަޅުގަނޑުމެން މި ކޮންވެންޝަނަށް މި ގެންނަނީ ކޮންވެންޝަންގެ ޝިޢާރުކަމުގައިވާ “މެދުމިނަށް އާއެކޭ ބުނާށެވެ. ހައްދުފަހަނައެޅުމަށް ނޫނެކޭ ބުނާށެވެ” މި މައުޟޫއަށް މަހުސްކޮށް މި ޚިޔާލު ކުރިއެރުވުމަށެވެ”
މުޅި ދުނިޔޭގެ ތަމްސީލުވެގެންދާ، މެލޭޝިޔާގައި މި އޮންނަ ކޮންވެންޝަންގައި އަޅުގަނޑުމެން ދައްކާދޭނީ ހައްދުފަހަނައެޅުން އެއީ މުސްލިމުން އިންކާރުކުރާ ކަމެއް ކަމަށާއި މީގެ 1400 އަހަރުއްސުރެ މުސްލިމުން ކެނޑިނޭޅި ކުރިއަށް ދާ ރާސްތާއަކީ މެދުމިން ކުރިއެރުވުމުގެ ރާސްތާކަމެވެ. އަޅުގަނޑުގެ ހިތަށް ބަދަލުތަކެއް އަންނަނީ މި ކޮންވެންޝަންގައި ބައިވެރިވެވަޑައިގަންނަވާ ނުފޫޒުގަދަ ބޭފުޅުން، ދުނިޔޭގެ މައްސަލަތަކުގައި މެދުމިނުގެ އުޞޫލު ހިފެހެއްޓުމާމެދު އެބޭފުޅުންގެ ޚިޔާލުފުޅުތަކާއި ވިސްނުންފުޅުތައް ހިއްސާކުރައްވާނެތީއެވެ”.

What do you think?

Name (required) :

Email (required) :

Website :