ދިވެހިރާއްޖޭގައި ހިންގަމުން އަންނަ 2 ނޫހެއްގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިކަމަށް ބުނެ 18 އޯގަސްޓު 2014 ވަނަ ދުވަހު ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ޝާޢިއުކޮށްފައިވުމުން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
ސަން އޮންލައިން ނޫހުގައި ހޯމަ ދުވަހު ރައީސް ނަޝީދު ވިދާޅުވިކަމަށް ބުނެ ޝާއިއުކޮށްފައިވާ ޚަބަރުގައި ވަނީ”… ގައުމެއް ނެތިއްޔާ ޑިމޮކްރަސީއެއް ނުހޯދޭނެ”. އިންތިހާބަށް ފަހު، ބައިނަލްއަގުވާމީ ގޮތުން ސަރުކާރުގެ ތަސައްވަރު ވަނީ ހުތުރުވެފައި، މަރުގެ ހުކުމް އަލުން ތައާރަފް ކުރުމުން. އެ ގާނޫނުގެ ދަށުން އުމުރުން ހަތް އަހަރުގެ ކުދިންނަށް ވެސް ހުކުމް އައިސްދާނެ. ޕީޕީއެމް އިން ދަތުރުކުރަމުން ދަނީ ޝަރީއާ ގާނޫނާ ދިމާލަށް،” ނަޝީދު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ. އަދި ވަގުތު އެމް ވީ ގެ ޚަބަރުގައި ރައީސް ނަޝީދު ވިދާޅުވިކަމަށް ބުނެ ވަނީ “އިންތިހާބުގެ ފަހުން ބޭރު ދުނިޔޭގައި ސަރުކާރުގެ ތަސައްވަރު ވަނީ ހުތުރުވެފައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމުން. ގާނޫނުގެ ދަށުން އުމުރުން ހަތް އަހަރުގެ ކުދިންނަށް ވެސް ހުކުމް އައިސްދާނެ. ޕީޕީއެމް އިން ދަތުރުކުރަމުން ދަނީ ޝަރީއާ ގާނޫނާ ދިމާލަށް،” ނަޝީދު އާއި ހަވާލާދީ އެ ނޫހުގައި ވެއެވެ.
އެހެންނަމަވެސް ރައީސް ނަޝީދު އައިރިޝް ޓައިމްސްއަށް ދެއްވި އިންޓަރވިއުގައި މިފަދަ އެއްވެސް ވާހަކައެއް އެމަނިކުފާނު ވިދާޅުވެފައެެއް ނުވެއެވެ. އައިރިޝް ޓައިމްސްގެ އިންޓަވިއުގައި ރައީސް ނަޝީދުގެ ވިދާޅުވީ “… ގައުމެއް ނެތިއްޔާ ޑިމޮކްރަސީއެއް ނުހޯދޭނެ.” މިޖުމްލައާއި ވިދިގެން ލިޔުމުގައި ދެން ޝާއިއުކޮށްފައިވާ މައުލޫމާތުތަކަކީ ލިޔުންތެރިޔާގެ ބަސްތަކެވެ. އެއީ ރައީސް ނަޝީދު ވިދާޅުވި ބަސްފުޅުތަކެއް ނޫނެވެ. ރައީސް ނަޝީދުގެ ބަސްފުޅު އެވަނީ ކޮމާކޯޅިއެއްގައެވެ. ރައީސް ނަޝީދު އައިރިޝް ޓައިމްސަށް ދެއްވި އިންޓަވިއު.
ނޫސްވެރިންނާއި ނޫސްތަކުގެ އެޑިޓަރުން ޚަބަރުތައް ލިޔުއްވުމުގައި މިހާރަށްވުރެ ބޮޑަށް މިފަދަ ކަމުގެ ހަގީގަތް އޮޅޭފަދަ މައުލޫމާތު ފޯރުކޮށްދިނުމުން ދުރުވުމަށް ގޮވާލަމެވެ. އަދި ނޫސްތައް ހިންގުމުގައި ވަކިފަރާތަކަށް ނުޖެހި ތެދު މައުލޫމާތު ފޯރުކޮށްދިނުމަށްވެސް އެދެމެވެ. ތަރުޖަމާ ކުރުމުގައާއި އެހެން ބަސްބަހުން ލިޔެފައިވާ ލިޔުންތަކުގެ ޚަބަރުތައް ދިވެހިބަހުން ގެނެސްދިނުމުގައި މިހާރަށްވުރެ ބޮޑަށް ނޫސްވެރިކަމުގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އެދެމެވެ. އަދި ނޫސްވެރިކަމަށް ފާރަވެރިވުމަށް ދައުލަތުން އުފައްދަވާފައިވާ ފަރާތްތަކުން މިފަދަ ކަންކަން ބައްލަވައި އިންސާފުވެރިކަމާ ހަމަހަމަ ކަމާއެކު ފިޔަވަޅު އަޅުއްވައި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރެއްވުމަށް ގޮވާލަމެވެ.