ރައީސް ނަޝީދު ކޮންޒަވޭޓިވް ޕާޓީގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އެމަނިކުފާނު ފޯނަށް ފޮނުވި މަރުގެ އިންޒާރުގެ މައްސަލަ 03 އޮކުޓޫބަރު 2014 ވަނަ ދުވަހުގެ ވަގުތެއްގައި އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސް ސާރވިސްގެ ކައުންޓާރ ޓެރަރިޒަމް ކޮމާންޑަށް އެމަނިކުފާނު ހުށަހަޅުއްވައިފިއެވެ. އިންޒާރުގެ މިމެސެޖަކީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ފޮނުވަމުން އަންނަ ފަދަ އިންޒާރުގެ މެސެޖެކެވެ. އިންޒާރުގެ މިމެސެޖް އެމަނިކުފާނަށް ލިބުމުގެ ކުރިން ދިވެހި ރައްޔިތުންގެ ޑިމޮކުރެޓިކް ޕާޓީ (އެމ.ޑީ.ޕީ) ގެ މައި އޮފީހަށާއި އެމަނިކުފާނުގެ ގެކޮޅަށް މީގެ ކުރިން ވަނީ ހަމަލާދީފައެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް ދިވެހި ފުލުހުންގެ ފަރާތުން މިމައްސަލަތައް ތަޙުޤީގު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ. ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަޅާފައިވާ ފަރާތްތައް އިތުރުވަމުންދާ މައްސަލަ އަދި ދާދި ފަހުން މިފަދަ ކުއްތައް ކުރުމަށް ހައްދުފަހަނަޅާފައިވާ ފަރާތްތައް ގޭންގުތައް ބޭނުންކުރާ މައްސަލައިގައި ރައީސް ނަޝީދުވަނީ ތަފާތު އެތައްފަހަރަކު އެމަނިކުފާނުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ދިވެހިރައްޔިތުންގެ ސަލާމަތްތެރިކަމާ ރައްކާތެރިކަމަށް މަސައްކަތްކުރަން ދިވެހި ފުލުހުންވަނީ ނުކުޅެދިފައިކަން ފާހަގކުރެވެއެވެ. ޓެރަރިޒަމްގެ މިފަދަ މައްސަލަތަކަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަންތައްތަކެއްނޫނެވެ.
މެޓްރަޕޮލިޓަން ޕޮލިހުން މިހާރު އަންނަނީ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން ފޯނު ނަންބަރުގެ މައްސަލަ ބަލަމުންނެވެ.