‘ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑް’ ގެ ނަމުން ޙާއްސަވެފައިވާ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރައްވާ ލީޑަރުންނަށް ދެއްވަމުންގެންދަވާ އެވޯޑު 2014 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދަށް އެރުވުމަށް ނިންމަވާފިއެވެ. މިއީ ތިމާވެއްޓާއި ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ “މިޝަން ބްލޫ” ގެ ފަރާތުން ދެއްވާ އެވޯޑެކެވެ. މިއަހަރުގެ އެވޯޑު ރައީސް ނަޝީދަށް ދެއްވުމަށް ނިންމަވާފައިވަނީ އެމަނިކުފާނު ތިމާވެށި ހިމާޔަތްކުރެއްވުމަށާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް އެކިފެންވަރުގައި ކުރައްވަމުން ގެންދަވާ މަސަކަތްތަކަށް ބައްލަވާފައިކަމުގައި މިޝަން ބްލޫގެ ފަރާތުން ވިދާޅުވިއެވެ. މި އެވޯޑާ ހަވާލުވެވަޑައިގަތުމަށް ބްލޫގެ ދައުވަތަށް ރައީސް ނަޝީދު ހޯމަ ދުވަހު އެމެރިކާއަށް ފުރާވަޑައިގަންނަވާނެއެވެ.
ސިލްވިއާ އަރލް މިޝަން ބްލޫ އެވޯޑް ރައީސް ނަޝީދަށް އެރުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ފްލޮރިޑާގެ ސޓ.ޕީޓަރސްބަރގްގައި ބޭއްވޭ ޚާއްސަ ހަފްލާއެއްގައެވެ. އަދި ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހު ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޚާއްސް ތަގުރީރެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޑރ. ސިލްވިއާ އަރލްއަކީ އެމެރިކާގެ ނެޝަނަލް އޯޝަނިކް އެންޑް އެޓްމޯސްފެރިކް އެޑްމިނިސްޓްރޭޝާންގެ އެންމެ ފުރަތަމަ އަންހެން ޗީފް ސައެންޓިސްޓެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކާ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ސިލްވިއަރ އަރލްއާ ރައީސް ނަޝީދު ބައްދަލުކުރައްވާނެއެވެ. އަދި ޔުނިވަރސިޓީ އޮފް ސައުތު ފްލޮރިޑާ އަދި އެކަރޑް ކޮލެޖްގެ ދަރިވަރުންނާވެސް ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދުގެ ދަތުރުފުޅުގައި ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަލްފާޟިލް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގަންނަވާނެއެވެ. އެމެރިކާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.