ރައީސް ޔާމިންގެ އާލާސްކަންފުޅުގެ ވާހަކަ ދެކެވޭހިނދު، ނައިބު ރައީސް ޑޮކްޓަރ ޖަމީލު ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށުމަކީ ރައްޔިތުން ފުންކޮށް ވިސްނަންވެއްޖެ ކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމުގެ އާލާސްކަންފުޅުގެ ވާހަކަ ދެކެވޭހިނދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށުމަކީ ރައްޔިތުން ފުންކޮށް ވިސްނަން ވެއްޖެ ކަމެއްކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ 30 ނޮވެމްބަރ 2014 ވަނަ ދުވަހު “މިނިވަން ރޭޑިއޯ” ގެ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޙަރަކާތްތައް ފެންނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ނުކުރެއްވޭނޭ ޙާލަތެއް ރައީސުލްޖުމްހޫރިއްޔާއަށް މެދުވެރިވެވަޑައިގަތުމުން ނުވަތަ އެފަދަ ޙާލަތެއް މެދުވެރިވެދާނޭކަމަށް ޤަބޫލުކުރެވޭ ހިނދެއްގައިކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު މިހާރު ޙަރަކާތްތެރިވެވަޑައިގަންނަވަން ފަށްޓަވާފައިވުމުން އެފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް ނުވަތަ މެދުވެރިވަމުންދާކަމަށް ޤަބޫލުފުޅުކުރެއްވޭކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ ޙާލަތެއްގައި ނައިބު ރައީސާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމުގައި ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ވެރިކަމުގެ ފުރިހަމަ ބާރުތައް ހިފެހެއްޓެވޭނެ ނުވަތަ ހިންގެވޭނެ ގޮތަށް ވެރިކަމުގައި ހުންނެވެން ނެތް ޙާލުކޮޅުގައި، ދެން ކަންކުރައްވަންވީ ގޮތްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ވެސް އެގޮތްކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރައީސް ޔާމިން ފަރުދާގެ އަނެއް ފަރާތުން، ރައްޔިތުންނަށް ފެންނަން ނެތްގޮތުގައި ކީމަ ކޮޅުގައި އިންނަވައި، ބަސްފުޅު ވިދާޅުވެގެން އެކުރައްވަމުން ގެންދަވާ ވެރިކަމާމެދު އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވައެވެ. އަދި ރައީސް ޔާމިން ވެރިކަން ކުރައްވާ ވައްޓަފާޅިއާއި، ފާޑާއި އަދި ބައްޓަމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ހޯދާފައިވާ ޑިމޮކްރެޓިކް ޤާނޫނު އަސާސީ ތަޞައްރަފްކުރާ ވެރިކަން ކުރުމުގެ ގޮތެއްވެސް ނޫނެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ސިއްރިޔާތުގައި ވެރިކަން ކުރެއްވުމާއި ސާފުސީދާ މަޢުލޫމާތު ރައްޔިތުންނަށް ނުދެއްވުމަކީ ރައްޔިތުން ދެކެން ބޭނުންވާ ޑިމޮކްރެސީގެ ނިޒާމުގެ ވެރިކަމުގެ ވައްޓަފާޅިއާ ވަރަށް ތަފާތު ގޮތެއްކަމުގައެވެ. އެހެންކަމުން އެ ވައްޓަފާޅިއާ މުޅިން ތަފާތުކޮށް ރައީސް ޔާމިން ޢަމަލުކުރެއްވުމަކީ އެމަނިކުފާނު ނުހަނު ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރައީސް ޔާމިން އާލާސްކަންފުޅާހުރެ އެމަނިކުފާނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާނުކުރެއްވުނުވާހަކަތައް ނުހަނު ބޮޑަށް ދެކެވޭކަމަށާއި، އަދި އެމަނިކުފާނުގެ ޙައްޖު ދަތުރުފުޅަކީ އަމިއްލަފުޅު ޒާތީ ކަމެއްގެ ގޮތުގައި ދެކެވެން ނެތްކަމަށެވެ. ދިވެހި ތާރީޚަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ފާހަގަކުރައްވާފައިވަނީ ޙާޖީ އިމާދުއްދީނާއި، ޢަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނާއި، މަލިން މޫސާ ކަލޭފާނު ފަދަ ދިވެހި ވެރިންގެ ޙައްޖު ދަތުރުފުޅުތައް ވެގެން ގޮސްފައިވަނީ ވެސް ދިވެހި ދައުލަތުގެ ބައެއްގެ ގޮތުގައިކަމަށެވެ.

އަދި ދިވެހި ވެރިންގެ ސިއްޙީ ޙާލުކޮޅަކީ ދިވެހިރައްޔިތުންނަށް ސާފުވާންޖެހޭކަމެއްގެ ގޮތުގައި ރައީސް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ރައީސް ޔާމިންގެ ޙައްޖު ދަތުރުފުޅާ ވެސް ގުޅުވައިގެން އެމަނިކުފާނުގެ ސިއްޙީ ޙާލުކޮޅާމެދު ރައްޔިތުންގެ މެދުގައި ތަފާތު ގިނަ ވާހަކަތަކެއް ދެކެވޭހިނދު، އެކަމާމެދު އެމަނިކުފާނުގެ އެކުވެރިޔަކު ނުވަތަ ސިޔާސީ ބައިވެރިޔަކު ބަސްފުޅު ވިދާޅުވުމުގެ ބަދަލުގައި، އެކަމަކީ ސީދާ ރައީސް ޔާމިން ސާފު ބަސްފުޅުވިދާޅުވަން ޖެހިވަޑައިގަންނަވާނެ ކަމެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ރާއްޖޭގެ ތާރީޚުން މިސާލު ނަންގަވަމުން ވިދާޅުވީ އަލްއަމީން މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އާލާސްކަންފުޅުގައި ވަރަށް ގިނަ ދުވަހު ކޮޅުނބުގައި އުޅުއްވަން ޖެހިވަޑައިގަތްކަމަށާއި އަދި އެމަނިކުފާނުގެ އާލާސްކަންފުޅުގެ ވާހަކަ ކޮޅުނބުގައި ހުންނަވައިގެން ސިޓީފުޅެއް ފޮނުއްވައި، ވަރަށް ޞަރީޙަ ބަސްފުޅުން ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު އެކަން އަންގަވާފައިވާކަމަށެވެ.

What do you think?

Name (required) :

Email (required) :

Website :