ކުރިއަރާފައިވާ މުޖުތަމައެއްގެ ބިންގަލަކީ ވަށާޖެހޭ ތަޢުލީމު ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ މުހިއްމު ކަމެއް ދީފައިވަނީ ވަށާޖެހޭ ތަޢުލީމު ފޯރުކޮށްދިނުމަށް ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމާ ގުޅިގެންނެވެ.
ވަށާ ޖެހޭ ތަޢުލީމު ފޯރުކޮށްދިނުމުގައި ދަރިވަރުންގެ ވިސްނުމާއި ހުނަރާއި އުގެނުން ކުރިއެރުވުމަށް ސްކޫލް ނިޒާމުގެ ތެރެއިން ކޮންމެ ދަރިވަރަކަށް ކިރު ތައްޓަކާއި ދޮންކެޔޮވަކެއް ފޯރުކޮށްދިނުމަކީ މުހިއްމުކަމެކެވެ. ހެނދުނު ސެޝަންގައި ބަނޑުހައިހޫނުކަންމަތީ ސްކޫލަށްދާ ދަރިވަރުން ގިނަވުމަކީ މުޅި ރާއްޖެއަށް އެކަމުގެ ސަބަބުން ނިކަމެތިކަން ލިބޭނެކަމެއް ކަމުގައި ދެކެމެވެ.
ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގައި ދަރިވަރުންނަށާއި ސްކޫލްގެ މެނޭޖްމަންޓަށާއި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް އެންމެ ފައިދާ ހުރި ނިޒާމަކީ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމެވެ. އެމްޑީޕީ ސަރުކާރުގައި %52 ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރެވުނެވެ. އެހެންނަމަވެސް މިހާރު މިއިން ބައެއް ސްކޫލްތައް ދެދަންފަޅިއަށް ބަދަލުކުރެވިފައިވާކަމީ ކަންބޮޑުވާކަމެކެވެ.
ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށާއި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ސްކޫލްތައް ހިންގުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. މިގޮތުން މާލޭގައި ޕީޕީޕީގެ އުސޫލުން ހިންގާން ފެށުނު އެންމެ ފުރަތަމަ ސްކޫލް، ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމީ ބޮޑު ކާމިޔާބީއެކެވެ. އަދި ދިރާސީ އާއަހަރު ފެށުނުއިރު ޓީޗަރުންގެ މުސާރަ ބޮޑުވެގެން ދިއުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ދިރާސީ އާއަހަރުގެ ތަހުނިޔާ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށް ދަންނަވަމެވެ. ކުރިއަށް އޮތް އަހަރަކީ ތައުލީމީ ދާއިރާއަށް އުފާވެރި އަދި ކާމިޔާބު އަހަރަކަށް އެދެމެވެ.