އިސްތިއުފާ ދިނީ ރައްޔިތުން ގަޔަށް ބަޑި ޖަހާ ބޭރުގެ ނުފޫޒު ދިވެހި ވެރިކަމުގެ ތެރެއަށް ގެނައުމަށް ބޭނުން ނުވާތީ – ރައީސް ނަޝީދު

ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވި މައިގަނޑު އެއްސަބަބަކީ ދިވެހި ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުމަށާއި އަނިޔާވެރިކަމާއި ހަތިޔާރުގެ ބޭނުންކޮށްގެން އަދި ބޭރު ނުފޫޒުން ދިވެހި ރާއްޖޭގެ ވެރިކަން ދެމެހެއްޓުމަށް ބޭނުންވެވަޑައިނުގަންނަވާތީ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާއްދީއްތަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ރާއްޖޭގެ ރައްޔިތުން ގަޔަށް ބަޑި ޖަހާފައި އަޅުގަނޑުމެންގެ ދަމަހައްޓަންވީ ވެރިކަމެއް ނޯންނާނެ” ކަމުގައެވެ.

އަދި 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގައި އީވާން ނަސީމް މަރާލައި ދިވެހި އެތައް ބަޔެއްގެ ގަޔަށް ބަޑި ޖަހައި ހިންގި ލޭއޮހޮރުވުމަކީ އެއިރުގެ ވެރިކަން ދިފާއު ކުރުމަށް ނެރުނު އަމުރުތަކެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މާފުށި ޖަލުގައި ބަޑި ޖަހައި ހަތިޔާރެއް ނެތް ދިވެހި ދަރިން ތަކެއް މަރާލުމަށް ފަހު ޑިމޮކްރަސީގެ ރޫހު އާލާވެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހަރަކާތްތެރި ވާން ފެށި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ރާއްޖޭގެ ވެރިކަމަކީ ރައްޔިތުންގެ އިހުތިރާމާއި ރައްޔިތުންގެ ލޮތްބާ ރައްޔިތުންގެ ރުހުމާއެކީގައި އުފެދިގެން އަންނަ ވެރިކަމެއް އަދި ހިނގަމުންދާވެސް ވެރިކަމެއް. ގާނޫނު އަސާސީ ގައި އެވެރިކަން އަބަދަށްމެ ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބާގައިކަމާސް ޞަރީޚަ އިބާރާތުން ބަޔާންކޮށްފައިވޭ.”

މީގެ އިތުރުން ފެބްރުއަރީ 7 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް ނުކިޔަމަންތެރިކަން ދައްކަމުން އެއްވެތިބި ފުލުހުންނަށާއި ސިފައިންނަށް އަމުރުކުރާން ތިބި ކޮމާންޑަރުން ސާބިތު ކަމާއެކީގައި އެކަން ކުރައްވާން އެޅުއްވި ނަމަ އެކަން އޮންނާނީ ކުރެވިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކަންތައް ވަރަށް ބޮޑު ދަރަޖައަކަށް ގޯސްވުމަށްފަހުގައި ބަޑި ގުދަނުގައި އަތްލުމަށް ސިފައިންގެ ބަޔަކު އެދޭނެ ކަމަށް އެނގިވަޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު ދުށީ ރައްޔިތުން ގަޔަށް ބަޑި ޖެހުމަކީ ހަމަ ގައިމުވެސް އަޅުގަނޑު ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެނެއް އަނިޔާވެރިކަމާއެކީގައި ވެރިކަން ދެމެހެއްޓުން އުފެއްދުން އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން ޕާޓީގައިވެސް އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލު ކުރާނެ މަފްޙޫމެއްވެސް ނޫން” ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެމް.ޑީ.ޕީ އާއި އެމަނިކުފާނުގެ ވެރިކަން އުފެދިގެން އައީ އިންސާނީ ހައްގުތައް ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިނުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ކަމުގައި ވިދާޅުވިއެވ. އަދި އަނިޔާ ކުރުމަށް އަމުރު ކުރުމަކީ އެމަނިކުފާނު އެއްގޮތަކަށްވެސް ރުހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަ މިހެން ދެއްކެވި އިރު ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ އާންމުކޮށްފައިވާ ޔައުމިއްޔާތަކުގެ ތެރެއިން ފެބްރުއަރީ 7 ވަނަ ދުވަހު މާލެ އެރިޔާ ކޮމާންޑަރ ބރިގޭޑިއަރ ޖެނެރަލް އިބްރާހިމް ދީދީ ވެސް ވިދާޅުވެފައިވަނީ ހަތިޔާރުގެ ބޭނުން ކުރެއްވުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް އިންކާރު ކުރައްވައި “ވިދާޅުވީ ތިމަންނާގެ ވެރިކަން ސަލާމަތް ކުރުމަށްޓަކައި ތިމަންނަ އެއްގޮތަކަށްވެސް ލީތަލް ވެޕަން ބޭނުން ކުރާކަށްބޭނުމެއް ނޫނޭ. އަޅުގަނޑު ދެކެ ކޯފާވެސްވި” ކަމަށެވެ.

އުސް ފަސްގަނޑުގައި ވާހަކަ ދައްކަވަމުން އިސްތިއުފާ ދެއްވުމަށް މެދުވެރިވި އެހެން ސަބަބެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ނުދެއްވައިފިނަމަ ދިވެހި ވެރިކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރަފާނެ ކަމުގެ ބިރުވެރިކަން އޮތުމުން ކަމުގައެވެ. ފެބްރުއަރީ 7 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ސަރުކާރު ދެމެހެއްޓުމަށް އެހީވެދިނުމަށް އެކުވެރި އެތައް ދައުލަތްތަކުން އެދެމުން ދިޔަކަމަށާއި ހަތިޔާރާ ނުލައި އެކަން ކުރެވެން ހުރިކަމަށްވެސް އެކުވެރި ދައުލަތްތަކުން ބުނަމުން ދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތުގައި އުފެދިފައި އޮތް މައްސަލައަކީ ދިވެހީންގެ މައްސަލައެއްކަމާޢި އަދި ދިވެހީންގެ ކަމެއްގެ ގޮތުގައެވެ. އެމަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތުގައި “ދިވެހީންގެ ދާޚިލީ ކަމެއް ހައްލު ކުރުމަށް ބޭރުގެ ބާރެއް ދިވެހިރާއްޖެއަށް ގެނައުމަކީ އަޅުގަނޑު ދުށްގޮތުގައި ކުރުން ބުއްދިވެރި ކަމެއް ނޫން. ރަނގަޅު ކަމެއް ނޫން.” ކަމުގައެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ފާއިތުވީ ހަފްތާގައި ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ޔައުމިއްޔާތައް އާންމު ކުރުމުން ސަރުކާރު ބަދަލުވެގެން ދިޔަ ގޮތުގެ އިތުރު މައުލޫމާތު އެނގިގެންދާކަމށާއި އަދި އެ ބަޔާންތައް ދެއްވި ބޭފުޅުންނަށް ރައީސް ނަޝީދު ޝުކުރު އަދާ ކުރައްވާ އިހުތިރާމް ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :