ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ނޫސް ބަޔާން

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާޢީ ދައުވާ ކުރިއަށް ނުގެންދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް ގޮވާލައްވައި، އެމައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރީޢަތްކުރާނެ ޖާގަ ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އަދި އެ ދަޢުވާ ޕްރޮސެކިޔުޓަރ ޖެނެރަލް އަނބުރާ ގެންދެވުމަށް އިލްތިމާސް ދަންނަވާފައިވާތީ އެކަމަށް މަރުހަބާ ދަންނަވަމެވެ.

މިނިވަން ކަމާއެކު ފިކުރުކުރުމާއި، އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަމާއްދާއިން ވަނީ ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ކުރިއަށް ނުގެންދެވުމަށް ފެނިވަޑައިގަންނަވާ ސަބަބުތަކާއި، އެމަނިކުފާނުގެ މައްޗަށް އެޝަރީޢަތް ކުރާނެ ޖާގައެއް ނެތްކަމަށް އޮނަރަބްލް ޤާސިމް އިބްރާހީމަށް ފެނިވަޑައިގަންނަވާ ސަބަބުތައް ވިދާޅުވެދެއްވުމުން، އޮނަރަބްލް ޤާސިމް އިބްރާހީމްއާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ވިދާޅުވުމަކީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން އޮނަރަބްލް ޤާސިމް އިބްރާހީމްއަށް ލިބިވަޑައިގެންފައިވާ ޚިޔާލުފާޅުކުރުމުގެ ޙައްޤަށް ހުރަސް އެޅުން ކަމުގައިވާތީ، ޤާނޫނުއަސާސީއާ ޚިލާފު އެފަދަ ޢަމަލެއް ޕްރޮސެކިޔުޓަރ ޖެނެރަލް ނުހިންގެވުމަށް އިލްތިމާސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރޭގައި ރައްޔިތުން ހިންގާ އެކިއެކި ކަންކަމަށް ހުރަސް އެޅޭ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށްވެސް މިފުރުޞަތުގައި އިލްތިމާސް ދަންނަވަމެވެ.

What do you think?

Name (required) :

Email (required) :

Website :