ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ ދަށުން ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ހައިކޯޓުން މިއަދު ނިންމެވި ނިންމެވުމަކީ އެކޯޓުން ހަމަ މިމައްސަލާގައި މީގެ ކުރިން ނިންމެވި ނިންމެވުމާ ސީދާ އިދިކޮޅު ނިންމެވުމެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައިވަނީ ބެލެނިވެރިކަމުގެ އިޙްތިޞާޞްދެ ސަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އެކޯޓުގައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމުގައެވެ.
އެހެންނަމަވެސް ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށް ހައިކޯޓުގައި އެންމެ ފުރަތަމަ ބޭއްވެވި ޝަރީޢަތުގެ އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން އެމައްސަލައަކީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމުގައި ކަނޑައަޅުއްވައި ޝަރީޢަތުގެ މަޖިލިހުގައި ވަނީ ޢިއުލާންކުރައްވާފައެވެ. އަދި މިދެންނެވުނު ފުރަތަމަ އަޑުއެހުމުގެ ފަނޑިޔާރުންގެ މަޖިލިހުގެ 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުން މިއަދުގެ ނިންމެވުން ނިންމެވި ފަނޑިޔާރުންގެ މަޖިލިހުގައި ހިމެނިވަޑައިގަންނަވާކަން ފާހަގަކުރަމެވެ.