ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ނޫސް ބަޔާން

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސިކިޔުޓަރ ޖެނެރަލް އުފުއްލަވާފައިވާ ޖިނާޢީ ދައުވާ އަނބުރާ ގެންދަވާފައިވާތީ، އެކަމާގުޅޭ ގޮތުން 18 ފެބްރުއަރީ 2015 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ޕްރޮސިކިޔުޓަރ ޖެނެރަލްއަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، އިސްލާމީ ޝަރީޢަތާއި، މިނިވަން ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ހަމަތަކަށް ބަލާއިރު، އިސްވެ ދެންނެވި ދައުވާއަކީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލޭނޭ ދައުވާއެއް ނޫންކަން އެމައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކުންނާއި، އެމައްސަލައާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރާއިރު ވަރަށް ސާފުކޮށް އެނގޭ ކަމަށް އެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ. އަދި މީގެ އިތުރުން، އެމައްސަލަ މިހާރު ޕްރޮސިކިޔުޓަރ ޖެނެރަލް އަނބުރާ ގެންދަވާފައިވާތީ، އަލުން ދައުވާ ކުރެއްވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ ބާރުތަކަށް ރިޢާޔަތްކުރާއިރު ޕްރޮސިކިޔުޓަރ ޖެނެރަލްއަށް ކުރެއްވޭނެ ކަމެއް ނޫންކަންވެސް އެސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ހުށަހަޅުއްވާފައިވަނީ ސެޕްޓެމްބަރު 2012 ގައި ކަމަށްވީއިރު، އެ ދައުވާ މައުޟޫއީ ގޮތުން ނުބެލި 3 އަހަރެއްހައި ދުވަސް މިހާރު ވަނީ ފާއިތުވެގެން ގޮސްފައި ކަމާއި، އަދި އެ 3 އަހަރެއްހައި ދުވަހުގެ މުއްދަތުގެ ތެރޭގައި، އެ ދައުވާއާ ގުޅިގެން، ރައީސް މުޙައްމަދު ނަޝީދު އެތައް ފަހަރަކު ހައްޔަރުކުރެވި، އަދި އެކަމުގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ޙަޔާތްޕުޅަށާއި، އަސާސީ ޙައްޤުތަކަށްވެސް ބޮޑެތި ހުރަސްތަކެއް އެޅި ނުހަނު ބޮޑެތި ގެއްލުންތައްވަނީ ފަރުދީގޮތުންވެސް ތަހައްމަލު ކުރައްވާފައިކަން އެސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރެއްވި މައްސަލައަކީ، ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުރައްވާ ދައުވާއެއްކަމާއި، އަދި އެމާއްދާގެ ދަށުން ކުށެއް ސާބިތުވެއްޖެނަމަ ކަނޑައެޅިފައި އޮންނަ އެންމެ ބޮޑު އަދަބަކީވެސް، 3 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ކަމަށް ވީއިރު، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެއްވި ދައުވާއާމެދު ގޮތެއް ނުނިމި 3 އަހަރެއްހައި ދުވަސް މިހާރު ފާއިތުވެގެން ގޮސްފައިވާއިރު، ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ލިބިވަޑައިގެންފައިވާ އެތައް ޙައްޤަކުން މަހުރޫމްވެ ވަޑައިގެން އެ 3 އަހަރެއްހައި ދުވަސް ރައީސް މުޙައްމަދު ނަޝީދު ހޭދަކުރައްވާފައިވާތީއާވެސްއެކު، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަލުން ދައުވާއެއް އެއްވެސް ކޯޓަކަށް ހުށަނުއެޅުއްވުމަށް ވަނީ އެސިޓީން ޕްރޮސިކިޔުޓަރ ޖެނެރަލް އަރިހުގައި އެދިވަޑައިގެންފައެވެ. އަދި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުއްލަވާފައިވާ ދައުވާ އުފުއްލެވުމުގައި ރިޢާޔަތްކުރައްވާފައިވާ ޙަޤީޤަތްތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު، އެޙަޤީޤަތްތަކުގެ މައްޗަށް އަލުން ދައުވާއެއް ކުރެއްވުމަށް ޤާނޫނުއަސާސީ ޖާގަ ނުދޭކަންވެސް އެސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަލުން ދައުވާކުރެއްވުމަކީ، ދިވެހިރައްޔިތުންގެ ގިނަ ބަޔަކު އެކަމާ ނުރުހޭ ކަމަކަށްވާތީ، ޕަބްލިކް އިންޓްރެސްޓް ނުވަތަ ޢާންމު މަޞްލަޙަތަށްޓަކައި އަލުން ދައުވާ ނުކުރެއްވުމަށްވެސް ވަނީ އެސިޓީގައި އެދިވަޑައިގެންފައެވެ.

18 ފެބްރުއަރީ 2015

What do you think?

Name (required) :

Email (required) :

Website :